ads
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ---ފޮޓޯ: ޕީއެސްއެމް
ފިޔަވައްޗާއި ހިޔާގައި ދިރިއުޅޭ 17 ކުއްޖަކު އޭދަފުއްޓަށް ބަދަލުކޮށްފި
އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުޑަކުދިން އިޖުތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ވިލިމާލެ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ 17 ކުއްޖަކު ބ. އޭދަފުށި "އަމާން ވެށި" އަށް މިއަދު ބަދަލުކޮށްފި އެވެ.

ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ސީޕްލޭންގައި މި ކުދިން ގޮވައިގެން ބ. އޭދަފުއްޓަށް ވަޑައިގަތީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކުޑަކުއްޖަކު ވެސް އާއިލީ މާހައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމުގައި ވިޔަސް، ހާލަތު ނިޔާކުރާގޮތުން އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގޭ ކަމަށެވެ. އެހެން ނަމަވެސް، މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއްދެނީ މާލޭ ސަރަޙައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ހޯދައިދީ، އެ ފަދަ މާހައުލެއް ތަނަވަސްކޮށްދިނުމަށް ކަމަށާއި އޭދަފުށި އަމާން ވެއްޓަކީ ކަމާބެހޭ އިދާރާތަކާއި، މުޖުތަމައުގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުމާއެކު ތަރައްގީކުރެވޭ އެ ފަދަ ފުރަތަމަ ތަން ކަމަށެވެ. 

ކުޑަކުދިންގެ ހިޔާގައި 50 ކުދިން އަދި ފިޔަވަތީގައި 130 ކުދިން ދިރިއުޅެމުންދާއިރު، މި ދެ މަރުކަޒުގައި ކުދިން ގެންގުޅެނީ ދެ އުމުރުފުރާއަކަށް ބަހައިލައިގެން ކަމަށް މިނިސްޓްރީން ބުނެ އެވެ. އެ ކަމުގެ ސަބަބުން އެއް އާއިލާއަކަށް ނިސްބަތްވާ ބައެއް ކުދިން ދެ މަރުކަޒެއްގައި ދިރިއުޅެންޖެހޭ ހާލަތު އަންނަ ކަމަށާއި އަތޮޅު ތެރޭގައި ގާއިމުކުރެވޭ މިފަދަ އަމާން ވެށިތަކުގައި ކުދިން ބޮޑެތިވެގެންދާނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ އެ ކުދިންގެ އާއިލާގެ އެހެން ކުދިންނާއެކުގައި ކަމަށެވެ. އަދި އެ ކުދިން ހުންނާނީ ރަށުގެ އެހެނިހެން އާއިލާތަކާ ވެސް ގުޅުވާ ދެވިފައި ކަމަށް ބުނެ އެވެ. 

އަމާން ވެށިތަކުގައި ދިރިއުޅޭނީ ކަނޑައެޅޭ ވަކި އަދަދެއްގެ ކުދިން ކަމަށާއި އެ ކަމުގެ ސަބަބުން އެ ކުދިންނަށް ބޭނުންވާ ހާއްސަ އަޅައިލުމާއި، ބޭނުންވާ ތަރުބިއްޔަތު ފުރިހަމަ ގޮތުގައި ދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ކޮންމެ ކުއްޖެއްގެ ވެސް ބޭނުންތައް ފުރިހަމައަށް ދެނެގަނެވިގެންދާނެ ކަމަށް ބުނެ އެވެ. އަދި މުޖުތަމައުގެ ތެރޭގައި އެ ކުދިން ބޮޑެތިވުމުގެ ފުރުސަތު ލިބިގެން ދިޔުމުން، މުސްތަގްބަލުގައި އެކި ޕްރޮގްރާމްތަކާއި ހުނަރުތަކުގެ އެހީގައި އެ ކުދިން ވަޒީފާގެ މާހައުލަށާއި އާންމު ދިރިއުޅުމަށް ނުކުތުމަށް ފަހިވެގެންދާނެ ކަމަށެވެ. 

އޭދަފުށީގެ އިތުރުން ރާއްޖޭގެ އިތުރު ހަތަރު ސަރަޙައްދެއްގައި އަމާން ވެށިތައް އަންނަނީ ތަރައްގީކުރެވެމުން ކަމަށް ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް