ads
ޑރ. ނަޒްލާ ރަފީގް-- ފޮޓޯ: ރައީސް އޮފީސް
ކޮވިޑްގެ އާ ވޭރިއަންޓު އަދި ރާއްޖެއިން ފެނިފައެއް ނުވޭ: ޑރ.ނަޒްލާ
އިނގިރޭސިވިލާތުން ފެނުނު ކޮވިޑް 19ގެ އާ ވޭރިއަންޓު މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗްއީއޯސީގެ ސްޕޯކްސްޕާސަން ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ނަޒްލާ ވިދާޅުވީ ރާއްޖެއިން އެއް ބެޗް ސީކުއެންސިންގް އަށް ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ ނަތީޖާ މިދިޔަ ހަފްތާގައި ލިބުނު ކަމަށާއި، މި ނަތީޖާއިން ދެނެގަނެވުނީ ރާއްޖޭގައި އުޅެނީ މި ވައިރަހުގެ އެއް ވައްތަރު ކަމަށެވެ. 

މީގެ އިތުރުން އަދި އިތުރު ސާމްޕަލް ސީކުއެންސިންގް އަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިހާރު ހުރި މައުލޫމާތު ތަކަށް ބަލާއިރު އިނގިރޭސިވިލާތުން ފެނިފައިވަނީ ކޮވިޑްގެ އާ ސްޓެރިނެއް ނޫން ކަމަށެވެ. އަދި ފެނިފައިވަނީ އާ ވޭރިއަންޓެެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި އާންމުކޮށްވެސް ބަލި މިހާ ގިނަ މީހުންނަށް ޖެހޭއިރު، ވައިރަސް ކޮންމެވެސް ވަރަކަށް ބަދަލުވެ، އެކި މިއުޓޭޝަންތައް ފެންނާނެ ކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. އަދި މި ވޭރިއަންޓުގެ ތަފާތު ކަމަކީ މި ވޭރިއަންޓުގައި އާދަޔާ ހިލާފަށް މިއުޓޭޝަން ހުރުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ބަލީގެ ސްޓެރިންއެއް ކަމަށް ބެލެވޭނީ ވަރަށް ބޮޑެތިި ބަދަލުތަކެއް ވައިރަސްއަށް އައިސްގެން ކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. އަދި މިއީ އާ ވައިރަހެއް ނޫން ކަމަށާއި، ކުރީގެ ވައިރަސްއާއި ކޮންމެވެސް ވަރަކަށް ތަފާތު ވައިރަހެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުުރުން އެހެން ގައުމުތަކުގައިވެސް އެ ގައުމުން ފެނުނު ކޮވިޑްގެ ވޭރިއަންޓު އުޅޭނެ ކަމަށް ލަފާ ކުރެވޭކަމަށެވެ. އަދި ޔޫއެސް އިން ވަނީ އެގައުމުގައި މި ވޭރިއަންޓު އުޅޭ ކަމަށް ބެލެވޭ ކަމަށް ބުނެފައި ކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނޭނގި ނަމަވެސް ރާއްޖެއަށް ކޮވިޑްގެ އިތުރު ވޭރިއަންޓެއް އައިސްފިނަމަ ރައްކާތެރިކަން ލިބޭ މިންވަރަށް ބެލުމަށްފަހު، މިކަން އިތުރަށް ދިރާސާކޮށް، މިކަމަށް ފިޔަވަޅެއް އެޅުމަށް ވާހަކަ ދެކެވެމުން އަންނަ ކަމަށެވެ. އަދި މި ވޭރިއަންޓާއި ގުޅިގެން ކުއްލިއަކަށް ފިޔަވަޅެއް އެޅުމުގެ ބަދަލުގައި، ވިސްނައިގެން ކަންކަން ކުރިއަށްގެންދިއުމަކީ މުހިއްމު ކަމެއް ކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވާއިރު، މާލެ ސަރަހައްދު ނޫން އެހެން ސަރަހައްދެއްގައި ކޮމިއުނިޓީ ސްޕްރެޑަކަށް ނުގޮސް ގިނަ ދުވަސްތަކެއް ހިފެހެއްޓިފައިވާކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. އަދި މިކަމުންވެސް އެނގިގެން ދަނީ ރާއްޖޭގައި ކޮވިޑާއި ގުޅިގެން އެކަށޭނަ، ރަނަގޅު ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށާއި، ރާއްޖެއަށް ވުރެ މާބޮޑަށް ކުރިއަރާފައިވާ، ރިސޯސަސް ގިނަ ބައެއް ގައުމުތަކަށް ވުރެ ރަނގަޅަށް ރާއްޖެއިން ކޮވިޑާއި ދެކޮޅަށް ފިޔަވަޅުތައް އަޅާ އެ ފިޔަވަޅުތައް ދަމަހައްޓަމުން އަންނަކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް