މި ދުވަހުގެ ހަނދާންތައް އާކޮށްދޭ ބިނާއެއް ވެސް ރާއްޖޭގައި އެބަހުއްޓެވެ. އެގޮތުން އެންމެ ފުރަތަމަ އުސް ފަސްގަނޑު ސަރަހައްދުގައި ބެހެއްޓި އެ ބިނާ މިވަގުތު ތިން ރުއް ޕާކުގައި ބަހައްޓާފައި ހުރިއިރު މި ބިނާއަކީ 2004 ވަނަ އަހަރު ދެކުނު އޭޝިއާގެ ގައުމުތަކަށް އެރި ސުނާމީ ކާރިސާގައި މަރުވި ދިވެހިންގެ ހަނދާނުގައި ބަހައްޓާފައިވާ ބިނާއެކެވެ.
ކޮންމެއަކަސް، މި ހިތްދަތި ހަނދާންތަކަށް 16 އަހަރު ފާއިތުވެގެންދިޔައިރު މިއަދު ސޯޝަލް މީޑިއާއިން އަޅައިގަތީ ސުނާމީ ބިނާގެ ކުޑަ މޮޑެލްއެކެވެ. އެ ފުރިހަމަ މޮޑެލް ތައްޔާރު ކުރުމުގެ ފަހަތުގައިވާ ކުޅަދާނަ ފަންނުވެރިއަކީ ރ. ހުޅުދުއްފާރަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ އަބްދުﷲ ޝާފިއު އެވެ.
މީގެ ކުރިން ވެސް މިފަދަ އެތައް މޮޑެލްއެއް ހަދާއި އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ ޝާފިއުގެ މި މޮޑެލް އޭނާ ވަނީ "ގާފޮޅު" ގެ ނަމުގައި ހިންގަމުން އަންނަ ޕޭޖު މެދުވެރިކޮށް ދައްކާލާފަ އެވެ.
މުޅި ދުނިޔެއަށް ކުރިމަތިވި ސުނާމީ ކާރިސާއަށް އެއްއަހަރު ފުރުން ފާހަގަކުރުމުގެގޮތުން ސަރުކާރުން އެއް މިލިޔަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ސުނާމީ ބިނާގެ މޮޑެލްއެއް ޝާފިއު ތައްޔާރުކުރިއިރު އޭގައި 108 ސްޓެއިން ލެސް ދަގަނޑު ވަށްކޮށް އަތުރާލައިގެން އަދި އެލްމެނިއަމް ވަށް ބޯޅަތަކެއް ހިމަނައިގެން ހަދާފައިވާ އެ ބިނާގެ ވަށައިގެން އަތުރާލައިފައިވާ 20 ބޯޅައިން ރަމްޒުކޮށް ދެނީ ރާއްޖޭގެ 20 އަތޮޅެވެ. އަދި ވަށައިގެން އަތުރާލައިފައިވާ 108 ދަގަނޑު ރަމްޒުކޮށްދެނީ ކާރިސާގައި މަރުވި މީހުންނެވެ.
މީގެ ކުރިން ވެސް ޝާފިއު ވަނީ ފާހަގަކުރެވޭ ގިނަ މޮޑެލްތަކެއް ތައްޔާރުކޮށްފަ އެވެ. އެގޮތުން މެދުޒިޔާރަތުގެ މޮޑެލް އާއި މާލޭގައި އިހުގައި ހުރި ގަޑިބުރުގެ މޮޑެލްގެ އިތުރުން، ނަސްރުގެ ދުވަހާ ދިމާކޮށް ދިވެހި ސިފައިންގެ އަގު ވަޒަން ކުރުމުގެ ގޮތުން ހެދި ޝަހީދުންގެ ބިނާގެ ކުޑަ މޮޑެލް ފާހަގަކުރެވެ އެވެ.