ads
ތިން ރުއް ޕާކު ސަރަހައްދު--- ފޮޓޯ: ޕީއެސްއެމް
ސުނާމީ މަތިން ހަނދާން އެބަހުރި ތަ؟
މީގެ 16 އަހަރު ކުރިން ރާއްޖެއަށް އައި ބޮޑު ރާޅެއްގެ ސަބަބުން މުޅި ރާއްޖެ އެފުށްމިފުށަށް ޖަހާލި އެވެ. ގިނަ ރައްޔިތުންގެ ގެދޮރު ގެއްލި، އެހެން ރަށްރަށަށް ދިރިއުޅުން ބަދަލުކުރަން މަޖުބޫރުވި އެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ރާއްޖޭގެ ފަސްގަނޑަށް ބިންދާލި އެ ރާޅުގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުންތައް އެތައް އަހަރަކަށް ދެމިގެންދިޔަ އެވެ. މިއަދު ކޮންމެ މީހަކު ވެސް ކޮށްލާ ސުވާލަކީ "ސުނާމީ މަތިން ހަނދާން އެނަހުރި ތޯ؟" އެވެ. ނުވަތަ "ސުނާމީ އެރި ދުވަހު ހުރީ ކޮޮންތާކުތޯ؟" ފަދަ ސުވާލެކެވެ.

އެއީ ޑިސެމްބަރު 26، 2004 ކެވެ. އޭރު ހެނދުނު ގަޑިން 9:23 ވެއްޖެއެވެ. އާދައިގެ މަތިން ހުރިހާ ފަރާތްތަކުން ވެސް ދިޔައީ ދުވަހުގެ ގޮތުން ކުރަން ޖެހޭ ކަންތައްތައް ކުރަމުންނެވެ. ސުނާމީގެ ބޮޑު ރާޅުގަނޑު ބިންދާލި ވަގުތު، ގޭގައި ހުރި ތަކެއްޗަށް ނުބަލައި، ދަރިން ކިހިލި ޖަހައިގެން ސަލާމަތުގެ އައްސޭރިއަށް އެއް ބަޔަކު ދުވެފައިދިޔަ އިރު، އަނެއްބައި ފަރާތްތަކުން ދިޔައީ އެމީހުންނާއި ގާތުގައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ގާތްގަނޑަކަށް 30 މީޓަރުގެ އުސްމިން ހުރި އެ ރާޅުގެ ސަބަބުން ރާއްޖޭގެ ނުވަ ރަށެއް ފިޔަވައި ބާކީ ހުރި ރަށްރަށަށް ގެއްލުންވެފައިވާ އިރު، ބައެއް ރަށްރަށުގައި މީހުންނަށް ނޫޅެވޭ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ. އެ ރަށްރަށުގައި ދިރިއުޅެމުން ދިޔަ ފަރާތްތަކަށް އެހާ ހިސާބުން އެހެން ރަށްރަށަށް ދިރިއުޅުން ބަދަލުކުރަން ވަނީ މަޖުބޫރުވެފަ އެވެ.

ބައެއް ރަށްރަށަށް އެކި ވަރުގެ ގެއްލުންވެފައިވާ އިރު، ވެރިރަށް މާލޭގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ހިސާބެއްގައި ފެންބޮޑުވެފައިވެ އެވެ.

ސުނާމީ ކާރިސާގައި ގާތްގަނޑަކަށް 460 މިލިއަން އެމެރިކާ ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ގެ ގެއްލުމެއް ރާއްޖެއަށް ލިބިފައިވާ އިރު، ބޮޑެތި ގެއްލުންތައް ފެންނަން ހުރީ އަތޮޅުތަކުންނެވެ. ބައެއް ރަށްރަށުގެ މަދަރުސާތައް ސުންނާފަތިވެފައިވާ އިރު، ގިނަ ރަށްރަށުގެ ގެތަށް ވަނީ ބިމާއި ހަމަވެފަ އެވެ. ބައެއް ހިދުމަތްތައް ވަނީ މެދުކެނޑިފަ އެވެ. އަދި ކާބޯތަކެތި ލިބުމުގައި ދަތިތަކާއި ކުރިމަތިވި އެވެ.

މި ކާރިސާގެ ސަބަބުން ރާއްޖޭން 82 މީހުން ނިޔާވެފައިވާ އިރު، ވީނުވީއެއް ނޭނގި 24 މީހުން ވަނީ ގެއްލިފައެވެ. އަދި އަދަށް ދާންދެންވެސް ގެއްލުނު ބައެއް މީހުންގެ ހަބަރެއްވެފައި ނުވާ އިރު، އެ އާއިލާތަކުގެ ފަރާތްތަކަށް ނަފްސާނީ ގޮތުންވެސް ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައިވެ އެވެ.

ސަރުކާރުންނާއި ރާއްޖޭގެ އިތުރުން ބޭރުގެ އެކި ޖަމިއްޔާ ޖަމާއަތްތަކުން ދިޔައީ މާލެއާއި އަތޮޅުތަކުގައި ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކާބޯތަކެތީގެ އިތުރުން ވަގުތީ ގޮތުން ހިޔާވަހިކަން ހޯދާނެ ތަންތަން ފޯރުކޮށްދީފައިވެ އެވެ.

އެ ދުވަހު ދިވެހިން ދުނިޔެއަށް ދެއްކި ރީތި އެއްބައިވަންތަކަމުގެ މިސާލެކެވެ. އެއްބަނޑުއެއްބަފާ ކަމާއި އަހުވަންތަކަން އޮތް މިންވަރު އެދުވަހު ދުނިޔެއަށް ދައްކައިދީފައިވެ އެވެ. 

ކާބަފައިންގެ ޒަމާނުއްސުރެ، ދިވެހިންނަކީ އޯގާތެރި، ހިތްހެޔޮ ބައެއްގެ ގޮތުގައި ދުނިޔޭގެ އެކި ސަރަހައްދުތަކުން ރާއްޖެއަށް އަންނަ ފަރާތްތައް ސިފަކުރެއެވެ. ސުނާމީ ކާރިސާގައި އެ ދުވަހު ދިވެހިންގެ ފަރާތުން ފެނުނު އެއްބައިވަންތަކަމުގެ މިސާލުން ހާމަވަނީ ގުޅިގެން މަސައްކަތްކޮށްފި ނަމަ ކޮންމެ ފަދަ ކަމަކުންވެސް އަރައިގަނެވޭނެ ކަމެވެ.

މިއަދަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހަށްވާ އިރު، ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބަނޑުއެއްބަފާ ކަމުގެ ގުޅުން ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ. 

ގައުމު ކުރިއަރައި ދާނީ އެންމެން އެއްބައިވެ، އެކައްޗެއް ކިޔައިގެން ގުޅިގެން މަސައްކަތްކުރުމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް