ads
ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގެ ތެރެއިން..
ސުނާމީ ކާރިސާ މިއަދު ވީކަމެއް ފަދައިން ހަނދާންވޭ: ރައީސް
ސުނާމީ ކާރިސާގެ ދުވަސް، ގައުމީ އެއްބައިވަންތަކަމުގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރަނީ ވަރަށް މުހިންމު ސަބަބުތަކަކާ ހުރެ ކަމަށާއި، އެދުވަސް އެކާރިސާގެ ހަނދާންތައް މިއަދު ވީކަމެއްހެން ލޮލަށް މިހާރުވެސް ފެންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯޅިހު ވިދާޅުވެއްޖެއެވެ.
Advertisement

ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ސުނާމީ ކާރިސާގެ ދުވަސް، ގައުމީ އެއްބައިވަންތަކަމުގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރާ އެންމެ ބޮޑު އެއްސަބަބީ، އެކާރިސާ ކުރިމަތިވި ވަގުތުގައި، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި، ދިވެހިން ދެއްކި އެއްބައިވަންތަކަން ކަމަށެވެ. 

އަދި ދެވަނަ ސަބަބަކީ، ސުނާމީން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް، ގައުމީ ފެންވަރުގައި ހިންގި ހަރަކާތްތަކުގައިވެސް، ރައްޔިތުން ސާބިތުކޮށްދިން އެއްބައިވަންތަކަން ކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ އެދުވަހު ދިވެހިން ސިޔާސީ ވާދަވެރިކަން އެއްފަރާތްކޮށް ގައުމީ އެއްބައިވަންތަކަން އިސްކުރުމުގައި ދެއްކީ ނަމޫނާއެއް ކަމަށެވެ. މިމޭމުރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެކާރިސާ ކުރިމަތިވީ ރައްޔިތުންގެ މަޖިލީހުގެ ވާދަވެރި ކެމްޕޭން ހިނގަމުން ދިޔަ ދުވަސްވަރުކަން ފާހަގަ ކުރައްވާފައެވެ. 

މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާއި ގުޅިގެން ރާއްޖެއިން ބައިނަލްއަގްވާމީ މައިދާނުގައި އިސްވެ ކުރަމުންދާ މަސައްކަތްތަކަށް އަޅިއަޅުއްވާލައްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ، މިއަދު މިވަނީ ޖައްވު ހޫނުވެ، ކަނޑުފަޅާއި އެއްގަމުގައި ދިރިއުޅޭ ބައެއް ތަކެތި މުޅިން ނެތިގޮސް، ބިން ތިރި ބައެއް ގައުމުތައް މުޅިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރާ ކުރިމަތިލާންޖެހިފައި ކަމަށެވެ. 

އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އިސް ސަފުގައި އަޑޫ އުފުލާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމުގެ އިތުރަށް، އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން، 2023 ގެ ނިޔަލަށް ހުއްޓާލުމަށް އެކުލަވައިލި ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް