ads
ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތާއި ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް ހާސިލް ކުރެއްވި 2 ބޭފުޅުން
ދައުލަތުގެ އިއްޒަތް ދެބޭފުޅަކަށް ދެއްވައިފި
ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތާއި ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް 2 ބޭފުޅަކަށް ދެއްވައިފިއެވެ.

ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތާއި ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް ދެއްވި ދެބޭފުޅުންނަކީ މ.މަހުމާވިލާ އިބްރާހިމް އިސްމާއިލް އާއި، މއ.ވިލުވެލި ބަދުރުއްނަސީރެވެ. 

މިދެއިއްޒަތް ހާސިލްކުރެއްވި އިބްރާހިމް އިސްމާއިލް ވަނީ، ދިވެހި ސަރުކާރަށް 44 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކޮށްދެއްވާފައެވެ. ހާއްސަކޮށް، އެމަނިކުފާނަކީ ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ އިތުރުން ކުޅިވަރުގެ ތާރީހުގައި ފަހުރުވެރި ކާމިޔާބީތަކެއް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. 

މީގެއިތުރުން އިބްރާހިމް އިސްމާއިލް އަކީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރާއްޖޭގެ ތައުލީމު ފުޅާކުރައްވައި، ތަރައްގީ ކުރެއްވުމުގެ ގޮތުން އަތޮޅުތެރެއަށް ވަޑައިގެން ރަށްރަށުގެ ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް އެމަނިކުފާނު ވަނީ ކުރައްވާފައެވެ. 

މިދެއިއްޒަތް ހާސިލްކުރެއްވި ބަދުރުއްނަސީރު ވަނީ، ބްރޯޑްކާސްޓިން ދާއިރާގައި 40 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައެވެ. އެގޮތުން އެމަނިކުފާނަކީ "ދިވެހިރާއްޖޭގެ އަޑު" އުފެދުނު ދުވަސްވަރުން ފެށިގެން އެ އިދާރާގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި އެމަނިކުފާނަކީ ރާއްޖޭގެ ބްރޯޑްކާސްޓިން ކޮމިޝަންގެ އެންމެ ފުރަތަމަ ރައީސެވެ. 

ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތާއި ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް ލިބިވަޑައިގަތް ދެބޭފުޅުންނަށް މަރުހަބާ އާއި ތަހުނިޔާ ދަންނަވާފައެވެ. 

ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތާއި ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތަކީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ދިވެހި ދައުލަތުގެ އިއްޒަތުގެ ގޮތުގައި ކަނޑައާޅާފައިވާ 3 ވަނަ ދަރަޖައިގެ އިއްޒަތެވެ. ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ނިސްބަތްވަނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށެވެ. އަދި ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް ނިސްބަތްވަނީ އައްސުލްތާން މުހައްމަދު އިމާދުއްދީނަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް