ސްރީލަންކާގެ އިންތިހާބީ ރައީސް ގޮޓަބޭ ރާޖަޕަކްސަ މިއަދުގެ ވަގުތެއްގައި މަގާމުގެ ހުވާ ކުރައްވާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

Advertisement
ސްރީލަންކާގެ އިންތިހާބީ ރައީސް ގޮޓަބޭ ރާޖަޕަކްސަ މިއަދުގެ ވަގުތެއްގައި މަގާމުގެ ހުވާ ކުރައްވާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި އެގައުމުގެ ހަތްވަނަ ރައީސްގެ ގޮތުގައި ގޮޓަބޭ ހުވާ ކުރެއްވުމަށް ހަމަޖެހިފައި ވަނީ އަނޫރާދަޕޫރާގައި އޮންނަ ރަސްމިއްޔާތެއްގަ އެވެ.
އިދިކޮޅު ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރެއްވި ގޮޓަބޭ އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ 6.9 މިލިއަން ވޯޓާއެކު 52.25 އިންސައްތައިންނެވެ.
ގޮޓަބޭއާ އެންމެ ގާތުން ވާދަކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު ސަޖީތު ޕްރޭމަދާސަ އަށް ލިބިވަޑައިގެންނެވީ 41.99 އިންސައްތަ އެވެ. އެއީ 5.5 މިލިއަން ވޯޓެވެ.
މިއަދު އޮންނަ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އާއި އެ ޕާޓީގެ އިސްވެރިން ހާޒިރުވެވަޑއިގަންނަވާނެ އެވެ.
އޭގެ އިތުރުން މިހާރުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް އެ ހަފްލާގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. ސަރުކާރުން ބޭއްވި އެންމެ ފަހު ކެބިނެޓު ބައްދަލުވުމުގައި ރަނިލް ވަނީ ހުރިހާ މިނިސްޓަރުން ވެސް އެ ހަފްލާގައި ބައިވެރިވެވަޑައިގެންނެވުމަށް އެދިވަޑައިގެންފަ އެވެ.
އެ ބައްދަލުވުމުގައި ބޮޑު ވަޒީރުގެ މަގާމުން ރަނިލް އިސްތިއުފާ ދެއްވުމަށް ފަހު، އާ ރައީސްގެ ސަރުކާރު އެކުލަވާލެއްވުމުގެ ފުރުސަތު ދެއްވުމަށް ބައެއް ކެބިންޓް މިނިސްޓަރުން ރަނިލް އަށް ގޮވާލެއްވި އެވެ.
އިންތިހާބުން ކާމިޔާބު ލިބިވަޑައިގެންނެވުމާއެކު ގައުމާ މުހާތަބު ކުރައްވަމުން ގޮޓަބޭ އިއްޔެ ވިދާޅުވީ ލަންކާ އާ ދަތުރަކަށް ފަށާއިރު، ލަންކާގެ ހުރިހާ ރައްޔިތުންނަކީ އެ ދަތުރުގެ ބައިވެރިން ކަމުގައި ހަނދާން ކުރަން ޖެހޭނެ ކަމަށެވެ.