ads
ދެކުނު އެފްރިކާގައި މީހެއްގެ އަނގައިން ސާމްޕަލް ނަގަނީ--- ފޮޓޯ: އޭއެފްޕީ
ކޮވިޑްގެ އާ ވޭރިއެންޓް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ފެތުރެނީ
އިނގިރޭސިވިލާތުން ފެނުނު ކޮވިޑް-19 ވައިރަސްގެ އާ ވޭރިއެންޓް އިތުރު އެހެން ގައުމުތަކުންވެސް ފެންނަން ފަށައިފި އެވެ.

އެންމެ ފުރަތަމަ އިނގިރޭސިވިލާތުން ފެނުނު ކޮވިޑް-19 ގެ އާ ވޭރިއެންޓް، ވިލާތުގެ ބައެއް ގައުމުތަކުގެ އިތުރުން ކެނެޑާ އާއި ޖަޕާނުންވެސް ވަނީ ފެނިފަ އެވެ. އާ ވޭރިއެންޓްގެ ކޭސްތައް ފެނުނު ބައެއް ގައުމުތަކުގެ ތެރޭގައި ސްވިޓްޒަލޭންޑް، ސްޕެއިން އަދި ފްރާންސް ހިމެނެއެވެ.

ކެނެޑާ އިން ދެމަފިރިއެއް ކޮވިޑް-19 ގެ އާ ވޭރިއެންޓަށް ޕޮޒިޓިވްވެފައިވާ އިރު، އެ ދެމަފިރިންނާއި ހައި ރިސްކް އެއްވެސް ފަރާތަކާއި ދިމާނުވާ ކަމަށް ކެނެޑާގެ އޮފިޝަލުން ބުނެއެވެ.

ޖަޕާނުން އާ ވޭރިއެންޓްގެ ދެ ކޭސް ފެނިފައިވާ އިރު، އެގައުމުން ޕޮޒިޓިވްވެފައި ވަނީ ތިރީހުގެ އަހަރުތައް ގުނަމުން އަންނަ ފިރިހެނަކާއި ވިހީގެ އަހަރުތައް ގުނަމުން އަންނަ އަންހެނެކެވެ. ތިރީސް އަހަރުގެ އެ ފިރިހެން މީހާގެ އާއިލާގެ އެއްވެސް މެމްބަރަކު އިނގިރޭސިވިލާތަށް ދަތުރުކޮށްފައި ނުވާ ކަމަށް ޖަޕާނުގެ ނޫސް އޭޖެންސީތަކުން މައުލޫމާތުދެ އެވެ.

ޖަޕާނުގައި ރަށްވެހިކަން ނެތް ފަރާތްތަކުން މާދަމާ އިން ފެށިގެން މަސް ދުވަހަށް އެގައުމަށް އެތެރެވުން މަނާކޮށްފައިވާ އިރު، އިނގިރޭސިވިލާތުން އަންނަ އެގައުމުގެ ރައްޔިތުންނަށާއި، ރަށްވެހިންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ބިދޭސީންނަށް ވަދެވޭނެ ކަމަށް އެގައުމުން މައުލޫމާތުދެ އެވެ.

ސްޕޭނުން އާ ވޭރިއެންޓްގެ ހަތަރު ކޭހެއް ފެނިފައިވާ އިރު، އިނގިރޭސިވިލާތުން އައި އެގައުމުގެ އެ ހަތަރު ރައްޔިތުންގެ ހާލަތު ސީރިއަސްނޫން ކަމަށް އެގައުމުން ބުނެއެވެ.

ކޮވިޑް-19 ގެ އާ ވޭރިއެންޓަށް ކަޅި ހިންގާލާއިރު، އެ އާ ވޭރިއެންޓްގެ ސަބަބުން ވަކިވަކި ސެލްތަކަށް އޭގެ އަސަރުތައް ކުރާނެ ކަމަށްވާ އިރު، ކޮވިޑް ބަލި ފެތުރުން އަވަސްވާނެ ކަމަށް ސިއްހީ އޮފިޝަލުން މައުލޫމާތުދެ އެވެ.

ދާދިފަހުން ކޮވިޑް-19 އާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިން، މި އާ ވޭރިއެންޓާއި ދެކޮޅަށް މަސައްކަތްކުރާނެ ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް