ads
ނައިބު ރައީސް މިރޭގެ ޖަލްސާގައި ---- ފޮޓޯ: ރައީސް އޮފީސް
ކޮންމެ ކަމެއްގައިވެސް އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކުރަން ޖެހޭ!
ކޮންމެ ކަމެއްގައިވެސް އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާގައި ގއ. ވިލިނގިލީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އަދާވާތްތެރިކަން ދޫކޮށްލުމީ މުސްލިމުންގެ ގޮތުގައި ތިބެ އެންމެ އިސްކަންދޭންވީ އެއް ކަން ކަމަށެވެ. އަދި މީއީ ދީނުގައި އަންގަވާފައިވާ ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކުރާ ކޮންމެ މަސައްކަތެއްގައ އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެއީ އާއިލާތަކުގެ މެދުގައި، ގޭތެރޭގައި، އޮފީސް މާހައުލުގައި އަދި ކުރާ ކޮންމެ މަސައްކަތެއްގައި އެއްބައިވަންތަކަމާއި އެކުވެރިކަން، އަދި އެހީތެރިވުމާއި މަދަދުވެރިވުން ދައްކުވައި ދޭން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ވިލިނގިލީ މަޖިލިސް މެމްބަރު ސައުދު ހުސައިން އަދި ކައުންސިލްގެ ރައީސް ތަރައްގީ އާއި ގުޅިގެން ދެއްކެވި ވާހަކަފުޅާށް އިޝާރާތް ކުރައްވާ ނައިބު ރައީސް ވިދާޅުވީ އެކަން ހާސިލު ކުރެވޭނީ އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ރަނގަޅު ރައްޔިތުން ބިނާ ކުރުމުގެ އިތުރުން، ތަރައްގީ އާއި އަމާންކަން ހޯދޭނީ އެކުގައި މަސައްކަތް ކޮށްގެން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ތަރައްގީއާއި، އަމާންކަމާއި ހަމަޖެހުމަކީ އަހަރެމެން ކުރަން ޖެހޭ މަސައްކަތްތައް ދޫކޮށްލުމުން އަހަރެމެންގެ ފަހަތުން އަންނާނެ އެއްޗެއް ނޫން ކަމަށް ނައިބު ރައީސް ފާހަގަަ ކުރެއްވިއެވެ. އަދި ޒަމާނުއްސުރެ ފެށިގެން ކާބަފައިން ދައްކާފައިވާ މިސާލުތައް ދަމަހައްޓަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުގައި ދިވެހިން ދައްކަމުންދަނީ އެކުވެރިކަމާއި އެހީތެރިކަމުގެ ނަމޫނާއެއް ކަމަށެވެ. ފްރަންޓުލައިނުގައި ތިބެ ސިއްހީ ހިދުމަތްތެރިން، ސަރުކާރު، ދައުލަތުގެ މުއްސަސާތައް، އަމިއްލަ ފަރާތްތައް، ޖަމިއްޔާ ޖަމާއަތްތައް، އެތައް ސަތޭކަ ދަރުމަވެރިންނެއް އަދި ފުލުންނާއި ސިފައިންގެ އިތުރުންވެސް އެތައް ބަޔަކު ދައްކުވައިދޭ މިސާލަކީ ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން އުޅެން ޖެހޭ ގޮތް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އަހުވަންތަ ކަމެއް ނެތި، ދެކޮޅުވެރިކަންމަތީ ތިބޭ ބަޔަކަށް ކާމިޔާބީއެއް ނުލިބޭނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ދެކޮޅުވެރިކަމަކީ އަހަރެމެންނަށް އޮތް "ޗޮއިސް" އެއް ނޫން ކަމަށް ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް