
އިބްތިހާލްގެ މައްމަ އާފިޔާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އަމުރަށް ނުކިޔަމަންތެރިިވުމުގެ ދައުވާއާއި ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އާފިޔާ، އިބްތިހާލް އަށް އަނިޔާކޮށް އިބްތިހާލް ދެކެ ރުޅި އަންނަނީ، އެކުއްޖާއަކީ ބައްޕަ ނެތް ކުއްޖަކަށް ވާތީ ކަމަށް އޭނާގެ ބަހުން އެނގޭ ކަމަށާއި، އިބްތިހާލް މަރުވި ދުވަހުގެ ހެނދުނު އާފިޔާ ނިދާ ހޭލި އިރުވެސް އިބްތިހާލް މަރާލަން އާފިޔާ ނިޔަތްގަނެފައިވާކަމަށް އާފިޔާގެ ބަހުން އެނގޭ ކަމަށެވެ. ހުކުމްގައި ވަނީ އާފިޔާގެ މައްޗަށް އުފުލި ދައުވާ އޭނާގެ މައްޗަށް ޝަރުއީ ގޮތުން ވެސް ގާނޫނީ ގޮތުން ވެސް ސާބިތުވާ ކަމަށެވެ.
އިބްތިހާލްގެ މަރާ ގުޅިގެން އާފިޔާ ވަނީ ކޯޓުގައި އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާފަ އެވެ. އެގޮތުން އިބްތިހާލް މަރާލި ކަމަށް ކުރިން އިއުތިރާފްވެފައި ފަހުން އެކަމަށް އިންކާރުވެސް ކޮށްފައިވެ އެވެ. އިބްތިހާލް މަރާލި ކަމަށް ކުރިން އިއުތިރާފްވީ ބިރު ދެއްކުމުން ކަމަށްވެސް ބުނެފައިވެ އެވެ.
އުމުރުން އެންމެ 3 އަހަރުގެ އިބްތިހާލް މަރާލާފައި އޮއްވާ ފެނުނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.