ads
އިބްތިހާލް--
އިބްތިހާލަށް އިންސާފު ލިބިއްޖެތަ؟
ރީނދުލާއި، ހުދާއި، އަޅި ކުލައިގެ ގޮޅި ޖެހި ގަމީހެއް ލައިގެން އިން އެ ތުއްތު ކުއްޖާގެ ދެ ލޮލުން ފެންނަނީ ފުން އަސަރުތަކެކެވެ. ކުޑަކޮށް ބުމަ ހިއްލާލައިގެން އިން އިރު، ހީވަނީ އެތައް ޝުއޫރުތަކެއް ބުނެދޭން ބޭނުންވެފައި އިން ހެންނެވެ. އެކަމަކު އެ މައުސޫމު މޫނު މަތިން ކިޔައިދެމުން ދިޔަ ވާހަކަތައް ތިލަވާން ފެށީ މި ފަނާވަނިވި ދުނިޔެއާ ވަކިވެގެން ދިޔަ ފަހުންނެވެ.

ޖެނުއަރީ، 2015 ގައި ވ. ރަކީދޫގައި މަންމަގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުން މި ދުނިޔެއާ ވަކިވެގެން ދިޔަ މުހައްމަދު އިބްތިހާލުގެ އެ ފޮޓޯ ފެނި އަސަރު ނުކުރާނެ ދިވެއްސަކު ހުންނާނެ ހެންނެއް ހިޔެއް ނުވެ އެވެ. އުމުރުން އެންމެ ތިން އަހަރުގައި އިބްތިހާލު މަރުވެގެން ދިޔެއީ ނާއިންސާފުން ފުރިގެންވާ ހިތްދަތި ހަޔާތަކަށް ފަހު އެވެ. އިބްތިހާލުގެ މަރަށް ހަ އަހަރު ފަހުން އެއް މަސް ބާކީ އޮއްވާ އިއްޔެ ވަނީ މަންމަ އާފިޔާ މުހައްމަދަށް ހުކުމް ކޮށްފަ އެވެ.

އާފިޔާ 20 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ އިބްތިހާލްގެ ކަރުގައި ހިފާ، ކޮޅުފައިން ތަޅާ އަނިިޔާ ކުރުމުގެ ސަބަބުން މަރުވި މައްސަލާގައި ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ ސާބިތުވުމުންނެވެ. އޭގެ އިތުރުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެއް ވެސް ވަނީ ކޮށްފަ އެވެ. އެއީ އިބްތިހާލް މަރުވުމުގެ ކުރިން ވެސް އެކި ފަހަރު މަތިން އޭނާއަށް އަނިޔާ ކޮށްފައިވާތީ އެވެ. އެ ކުށުގެ އުގޫބާތެއްގެ ގޮތުން އިތުރު އެއް މަހާއި ހަ ދުވަހަށް އޭނާ ޖަލަށް ލާން ހުކުމްކޮށްފައި ވެއެވެ. 

your imageއިބްތިހާލް އާއި އޭނާގެ މަންމަ އާފިޔާ މުހައްމަދު--

އަނިޔާވެރި މަންމައަށް ލިބުނު މި އުގޫބާތާއެކު އިބްތިހާލަށް އިންސާފު ލިބިއްޖެ ހެއްޔެވެ؟ މިއީ މި މައްސަލައިގެ ޝަރީއަތް ނިމުމުން ކުރަން ޖެހޭ އެންމެ ބޮޑު ސުވާލެވެ. 

ކޯޓުން ލިބެން އޮތް އިންސާފު ލިބިއްޖެ ކަން ނޭނގެ އެވެ. އެކަމަކު ހަގީގީ އިންސާފަކަށް ވާނީ އިބްތިހާލު ފަދަ އިތުރު ކުދިންނަށް މި ކުޑަ ދިވެހި މުޖުތަމައުގައި ފުރިހަމަ ރައްކާތެރިކަމާއި އަޅާލުން ލިބިގެން ދިޔުމެވެ. އިބްތިހާލުގެ މަރާއެކު ދިވެހިންގެ ގިނަ ބަޔަކު ހައިރާން ވެގެން ދިޔެއީ އެ މަރަކީ އަނިޔާގެ މަތިން އަނިޔާ ލިބި އުފެދުނު މަރަކަށް ވާތީ އެވެ. އާފިޔާ ތަހައްމަލު ކުރަން ޖެހުނު އަނިޔާގެ ރުޅި ދަރިފުޅަށް ބާލާލުމުންނެވެ. އަހަރުތަކަކަށް ދެމިގެން ދިޔަ އެ އަނިޔާގެ ވާހަކަ އެނގުނު ނަމަވެސް އަޅާނުލާ ފަރުވާ ކުޑަ ކުރުމުންނެވެ. 

އިބްތިހާލުގެ މަރަށް ފަހު ވެސް މުޖުތަމައުއިން ކުޑަކުދިންނަށް އިހުމާލުވުމުގެ އެތައް މައްސަލައެއް ފެންމަތިވެ، މީހުންގެ ލޭ ކައްކުވާލުމަށް ފަހު، ހަނދާނުން ފިލައިގެން ހިނގައްޖެ އެވެ. ރާއްޖޭގެ ދެކުނު ރަށެއްގައި މުސްކުޅި ފިރިހެނަކު އެއް އާއިލާއެއްގެ އަންހެން ކުދިންތަކަކަށް ގިނަ އަހަރުތަކެއް ވަންދެން ޖިންސީ ގޯނާކުރި މައްސަލަ ހަނދާން އެބަ ހުރި ހެއްޔެވެ؟ މާ ދުރު ނޫން ތާރީހަކަށް ބަލާއިރު، ދެ އަހަރު ނުފުރޭ ތުއްތު ކުއްޖަކަށް ކާފަ އާއި މުނި ކާފަ ކުރި ޖިންސީ އަނިޔާގެ ވާހަކަ ހަނދާން އެބަ ހުރި ހެއްޔެވެ؟

މިފަދަ ހުރިހާ މައްސަލައަކީ ވެސް މުޖުތަމައެއްގެ ގޮތުގައި އަދާކުރަން ޖެހޭ ޒިންމާ އަދާ ނުކުރުމުގެ ނަތީޖާއަށްވުން އެކަށީގެންވެ އެވެ. ދިގުދެމިގެންދާ އަނިޔާ ކުއްޖަކަށް ލިބޭއިރު، ހަނު ހުރުމަކީ "ޗޮއިސް" އެއް ކަމަށް ދެކިގެން ނުވާނެ އެވެ. ޝައްކު ކުރެވޭ ކަމެއް ހިނގި ނަމަވެސް އެކަމެއް އަންގަން ޖެހޭ ފަރާތްތަކަށް އަންގަން ވާނެ އެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން އިހުމާލުވާ ނަމަ އެ މައްސަލަ ޖެއްސެން އޮތް ހިސާބެއްގައި ޖައްސަން ވާނެ އެވެ. 

އިބްތިހާލުގެ މަރުން ލިބުނު އެއް ފިލާވަޅަކީ އެއީ އެވެ. އިބްތިހާލުގެ ކުރު ހަޔާތް މުޅިން ވޭތު ކުރީ އަނިޔާގެ ތެރޭގަ އެވެ. ލޯތްބާއި އަޅާލުން އެންމެ ގާތުން ދޭން ޖެހޭ މަންމަގެ ފަރާތުން ލިބުނު ހިތްދަތި ކަމަށް ފަހު މަރުވެގެން ދިޔުމުން އިބްތިހާލުގެ މޫނުމަތިން ކިޔައިދެމުން ދިޔަ ވާހަކައަށް ބާރު އަޑެއް ލިބުނެވެ. އެ އަޑު އިތުރަށް ގަދަކޮށް، ހުއްޓުމެއް ނެތް ގޮތުގައި އިބްތިހާލަށް އިންސާފު ހޯދައިދޭން މުޖުތަމައެއްގެ ގޮތުގައި މަސައްކަތް ކުރަމާ ހިނގާށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް