ރަކީދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 65 އިންސައްތަ ނިމިފައިވާ އިރު، އެ މަޝްރޫއުގެ ދަށުން ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް މަޝްރޫއު ހިންގާ ސަރަހައްދަށް މިއަދު ގެނެވިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެ މަޝްރޫއުގެ ދަށުން 5،554 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމާއި، މިހާރު ބޭނުންކުރަމުންދާ ނެރުގެ 100 ކިއުބިކް މީޓަރު ފުންކުރުމާއި، 156 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 74 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 594 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ފަދަ މަސައްކަތްތައް ކުރާނެއެވެ.
18.5 މިލިއަން ރުފިޔާ އަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކުރި އެ މަޝްރޫއު ފަށާފައިވަނީ މި އަހަރުގެ ޖޫން މަހުގެ އަށްވަނަ ދުވަހުގަ އެވެ.