ޒަމާނަށް ބަދަލު އައިސް، ކުރިން ދަތުރުކުރަމުން އައި ރިޔަލު ދޯންޏާއި، ކަނދުފަތީގެ ބަދަލުގައި މިއަދު އަޅުގަނޑުމެން ބޭނުންކުރަނީ އިންޖީނުލީ ބޮޑެތި އޮޑިދޯންޏާއި ލޯންޗު ފަހަރެވެ. އަޅުގަނޑު ގޯސްކުރަން މި އުޅެނީ ކަނޑުމަތީގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރެއް ނޫނެވެ. ނަމަވެސް އެ އުޅަނދުފަހަރު ބޭނުންކުރާ ފަރާތްތަކެވެ.
އުޅަނދުފަހަރުން ދަތުރުކުރާ ފަރާތްތަކަށް އާންމުކޮށް ޖޫސްޕެކެޓެއް ނުވަތަ ޕިކްފައިން ޕެކެޓެއް އެ އުޅަނދެއްގެ ފަރާތުން ފޯރުކޮށްދެއެވެ. ސުވާލަކީ އެ ޖޫސްޕެކެޓާއި ޕިކްފައިން ޕެކެޓު ހުސްކޮށްލުމަށް ފަހު އެއްލާލަނީ ކޮންތަނަކަށްތޯ އެވެ؟ ފަސޭހަކޮށްލުމަށްޓަކައި ގިނަ މީހުން އެ ޕެކެޓްތައް އެއްލާލަނީ މާސިންގާ ކަނޑުގެ ތެރެއަށެވެ.
ކަނޑުމަތީގައި އާންމުކޮށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް ދަތުރުމަތީގައި ހޮޑުލެވުމާއި ބޮލުގައި ރިހުން ފަދަ ކަންތައްތައް އިހުސާސްކުރެވޭ އިރު، އެފަރާތްތަކުން ހޮޑުލުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅާއި، ހޮޑު ލަވާތީ ކާ ބޭހުގެ ހުސްކުރި ކާޑު އެއްލާލަނީ ކޮންތަނަކަށްތޯ އެވެ؟ ހަމަ އެ މާސިންގާ ބިޔަ ކަނޑުގެ ތެރެއަށެވެ.
އެއަށްފަހު ރަށްރަށުގެ ފަޅުތެރެއަށް ބަލައިލަމާ ހިނގާށެވެ. ބައެއް ފަރާތްތަކަކީ ލޯބިވެރިންނާއި އެކުވެރިންނާއި އެކު ވަގުތު ހޭދަކޮށްލުމަށްޓަކައި ފަޅެއް ކައިރިއަށް ނުވަތަ ތޮށިގަނޑެއްގެ މައްޗަށް ޖައްސައިލާ ބައެކެވެ. އެގޮތަށް ތޮށިގަނޑު މައްޗަށް ޖައްސާލާ ބައެއް ފަރާތްތަކުން ހުސްކުރި ސުޕާރީ ޕެކެޓާއި، ޖޫސް ނުވަތަ ފެންފުޅީގެ އިތުރުން ދަޅުވެސް އެއްލާލަނީ އެ ކަނޑުތެރެއަށެވެ.
މިފަދަ ތަކެތި އެތަކެއް ޓަނުގެ ކުނިބުނީގެ ގޮތުގައި ކަނޑުމައްޗަށް އެއްލާލާއިރު، އެއް އިރަކުވެސް ކަނޑަށް އެކަމުން އަސަރު ކުރާނެ ކަމާއި މެދު ވިސްނާލިންތޯއެވެ؟ އުކާލެވޭ މިފަދަ ތަކެތީގެ ސަބަބުން ހަމައެކަނި ހަޑިވަނީ އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑެއް ނޫނެވެ. އެ ކަނޑުގައި ދިރިއުޅޭ މަހްލޫގުންނަށް ވެސް އޭގެ ނޭދެވޭ އަސަރުކުރެއެވެ.
މާލޭގެ ކަނޑުތަކަށާއި ފަޅުތަކަށް ބަލާލާއިރުވެސް ހަމަ މިފަދައެވެ. ފަތާ ޓްރެކް ސަރަހައްދާއި، ވަޅޯމަސް މާރުކޭޓުގެ އިތުރުން ދުވާ ޓްރެކްގެ ކުރިމަތީގައި އޮންނަ ބަނދަރު ފަދަ ތަންތަނުގައި އާންމުގޮތެއްގައި އޮންނަނީ ކުނިން ފުރިފައެވެ. މި ކަންތައްތައް ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން އެދެވޭ ގޮތެއްގައި މަސައްކަތް ނުކުުރުމަކީ ހިތާމަ ކުރަންޖެހޭ ކަމެކެވެ.
އެހެންކަމުން މިފަދަ ކަންތައްތައް ހުއްޓުވައި، ރާއްޖޭގެ ރީތިކަން ދެމެހެއްޓުމަށްޓަކައި، އަހަރެންގެ ނަޒަރުގައި ކަނޑުމައްޗަށް ކުނިބުނި އަޅައި ހަޑިކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ ގޮތުން އެ ފަރާތްތައް ޖޫރިމަނާކޮށް އެފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހެއެވެ.