ads
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް
ޝިޔާމްގެ ކޮރަޕްޝަން މައްސަލައިގައި ދައުވާ ކުރަން މައްސަލަ ކޯޓަށް ފޮނުވައިފި
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ މައްޗަށް ދައުވާ ކުރަން އޭސީސީގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮވުނި ކޮރަޕްޝަން މައްސަލައިގައި ޝިޔާމްގެ މައްޗަށް ދައުވާ ކުރުމަށް މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީން ބުނީ މި މައްސަލައިގައި ދައުވާ ކުރުމަށް މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ ހޯމަ ދުވަހު ކަމަށެވެ.

އެގޮތުން މި މައްސަލައަކީ ޝިޔާމް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި އިރު، ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގެއެއްގައި ޝިޔާމްގެ ބައްޕަ ބެހެއްޓި މައްސަލައެއް ކަމަށް ޕީޖީންބުނެއެވެ.

ޕީޖީން ބުނެފައިވަނީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް، ޝިޔާމްގެ ބައްޕަ ދިރިއުޅުމަށް އެ ގޭގައި ބެހެއްޓުމުގެ އިތުރުން، އެ މުއްދަތުގައި ޝިޔާމްގެ ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ޝިޔާމްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ ރާއްޖޭގެ ގާނޫނުގެ 513 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

އޭސީސީން މި މައްސަލަ ޕީޖީއަށް ފޮނުވިއިރު ބުނެފައިވަނީ، ޝިޔާމްގެ ބައްޕަ އެގޭގައި ދިރިއުޅެފައިވާ ކަމަށާއި، އެމްއެންޑީއެފްގެ މަރުކަޒެއްކަމަށްވާ އެމްއާރުސީސީގެ ވީއައިޕީ ގޭގައި މީހުން ބޭތިއްބުމުގައި އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް ނެތްނަމަވެސް، އެމްއާރުސީސީގެ އިމާރާތުގައި ހުރި ތަންތަނަކީ ސިފައިންގެ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރެވޭ ތަންތަން ކަމަށެވެ. އެހެންކަމުން އެމްއާރުސީސީއަށް ހިނގާ އުސޫލު އެތަނުގެ ވީއައިޕީ ގެއަށްވެސް ހިނގާނެކަމަށް އޭސީސީން ބުނެއެވެ.

އެހެން ކަމަށްވާނަމަ، އެމްއާރުސީސީގައި އާންމުންނަށް ދިރިނޫޅެވޭ އުސޫލުން ވީއައިޕީ ގޭގައި އާންމުންނަށް ދިރިނޫޅެވޭނެކަމަށް އޭސީސީން ފާޙަގަ ކޮށްފައިވެއެވެ. އަދި ވީއައިޕީ ގެއަކީ ސިފައިންގެ އެކިއެކި ބޭނުންތަކަށާއި، ސިފައިންގެ ހިދުމަތްތަކަށް އަންނަ ހާއްސަ ފަރާތްތައް ވަގުތީ ގޮތުން މަޑުކޮށްގެން ތިބުމަށް ބޭނުންކުރާ ތަނަކަށްވާއިރު، ދައުލަތުގެ މާލިއްޔާއިން ހަރަދުކުރާ ތަނެއްގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން، މަގާމުގެ ނުފޫޒު ބޭނުންކޮށް އެތަނެއްގެ ވަސީލަތްތައް އެ ފަރާތެއްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށް ދެކޭ ދުވަސްވީ ސަގާފަތެއް ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި އޮތުމަކީ އެ އަމަލު ހުއްދަކުރާނެ ނުވަތަ ކޮރަޕްޝަން ހުއްދަވާނެ ކަމެއް ނޫންކަމަށް އޭސީސީން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް