ads
ނިކަ ގަހުން އެލިފައި އޮތް ދެ ފައި
ދިރިއުޅުމަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗެކެވެ. ހިތާމައާއި ވޭނާ ކެކުޅުމަކީ އެއީ ހަޔާތުގެ އާދައެވެ. ނަމަވެސް ހިތާމައާއި އުފަލުގެ އިތުރުން ބިރަކީވެސް އެއީ އިންސާނާގެ ހަޔާތުގައި ތަޖުރިބާ ކުރަން ޖެހޭ އެއްޗެކެވެ. އަހަރެންގެ ހަޔާތްވެސް ބަދަލު ވެގެން ދިޔައީ ބިރުވެރި ނާމާން ހާދިސާއާއި ގުޅިގެންނެވެ.

އެރޭގެ އެ ހާދިސާ މަތިން އަހަރެން އަދިވެސް ހަނދާން އެބަ ހުއްޓެވެ. ދެންމެ ވީ ކަމެއްގެ ގޮތުގައި ސިފަވެއެވެ.

އާދައިގެ މަތިން އަހަރެން ވަޒީފާ ނިންމާލުމަށް ފަހު ގެޔަށް ދިޔުމަށް ދިޔައީ ތައްޔާރުވަމުންނެވެ. އަހަރެން ވަޒީފާ އަދާކުރަމުންދަނީ މާފަންނު ސަހަރާ ކައިރީގަައި ހުންނަ ފިހާރައެއްގައެވެ. ކޮންމެ ރެޔަކުވެސް މަސައްކަތް ނިންމާލާއިރު ހުންނަނީ މެންދަމުން އަލިވެ އެކެއް ޖަހާފައެވެ. އެރޭ ވެސް އަހަރެން ނިމުނު އިރު ގަޑިން އެހާއިރު ވެދާނެއެވެ.

ފިހާރައިގެ ދޮރު ތަޅުލާން އަހަރެން އުޅުނު އިރު އުޑުމަތީގައި ވާރޭ ވިލާތައް ދިޔައީ ގިނަވަމުންނެވެ. މަޑުމަޑުން ޖެހެމުން ދިޔަ ވައިރޯޅިތައް ބާރުވަމުން ދިޔައެވެ. އަހަރެންގެ ފަން އިސްތަށިގަނޑު މޫނު މައްޗަށް ދިޔައީ ހަމަލާ ދެމުންނެވެ. ރަނގަޅަށް ދޮރު ތަޅުލުމަށް ފަހު ވާރޭ ވެހެން ފެށުމުގެ ކުރިން ގެޔަށް ދެވޭތޯ އަހަރެން ބާރަށް ހިނގަން ފެށީމެވެ.

އަވަސް ފިޔަވަޅުތަކެއްގައި އަހަރެން ގޮސް މާފަންނު ސަހަރާއާ ހަމަޔަށް އެރިއިރަށް ބޯކޮށް ވާރޭ ވެހެން ފެށިއެވެ. ސަހަރާ ކައިރީގައި އިން ބޮޑު ނިކަގަހުގެ ދަށަށް އަހަރެން ހިޔާވުމަށް އަވަހަށް ވަނީމެވެ. ހިޔާވާނެ އެހެން ތަނެއް ކައިރީގައި ނެތީމައެވެ.

ނިކަަގަހުގެ ދަށަށް ވަދެ ހަމަ ޖެހިލުމަށް ފަހު އަހަރެން ގައިން ފެންތައް ފޮޅާލީމެވެ. އަދި ފިނިން ސަލާމަތްވުމަށް މުޅިގައި ވަށާ އަތް ހިންގާލީމެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތް މަގަށް އަހަރެން ބަލަން ހުރީ ވާރޭ ހުއްޓާނެ ވަގުތަކަށް އިންތިޒާރު ކުރަމުންނެވެ.

ކުއްލިޔަކަށް އަހަރެންގެ ކޯތާ ފަތުގައި އެއްޗެއް ޖެހިލިއެވެ. މާބޮޑު ސަމާލުކަމެށް ނުދީ އަހަރެން އޭތި ފޮޅާ ލީމެވެ. ދިރޭ އެއްޗެއް ކަމަށް ހީކޮށެވެ. އަނެއްކާވެސް އަހަރެންގެ ގައިގައި އޭތި ޖެހުނެވެ. އުނދަގޫ ވެގެން އަހަރެން ބޮލާ ވީދިމާލުން މަތި ބަލާލީމެވެ. މުޅި މީހާ ފިނިވެގެން ދިޔައެވެ. ގައިން ހީބިހި ނަގައިގެން ދިޔައެވެ. މީހާ ހޭނެތިގެން ނުވެއްޓުނީ ކިރިޔާއެވެ.

ގަހުގެ ތެރެއިން ދިގު ދިގު ދެފައި އޮތީ އަހަރެންގެ ކައިރިޔަށް އެލިފައެވެ. އޭގެ އިތުރުން ގަސްތެރެއިން އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. އަވަސް އަވަހަށް ބޯ ވާރޭ ތެރެއިން އަހަރެން ދުވެފައި ގެޔަށް ދިޔައީމެވެ. އޭރުވެސް އަހަރެންގެ ހިތް ހީވަނީ މޭ ކަށިގަނޑު ފަޅައިގެން ނިކުމެދާނެ ހެންނެވެ.

އަވަސް އަވަހަށް ފެންވަރައިލައިގެން އަހަރެން އެރޭ ނިދީ ނަމާދުކޮށްގެނެވެ. ނަސީބަކުން އަހަރެންނަށް އެކަހަލަ އެއްވެސް ކަމަކާ ކުރިމައްޗެށް އޭގެ ފަހުން ނުވެއެވެ. މަސައްކަތް ނިންމާފައި ގެޔަށް އަންނަ މަގުވެސް އަހަރެން ބަދަލުކުރީމެވެ.

10%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް