އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި އިދިކޮޅުގެ މެންބަރުންނަށް ދައުވާ އުފަލަމުންދާތީ އެކަމާ ގުޅޭ ގޮތުން ކޮށްފައިވާ ޓުވީޓެއްގައި އާދަމް ޝަރީފް ވިދާޅުވީ މިއީ މި ސަރުކާރަށް ނިސްބަތްވާ އެތައް ބަޔަކު ހިމެނޭ މައްސަލައެއް ކަމަށެވެ.
ނަމަވެސް އޭގެ ތެރެއިން އެއްވެސް މީހަކަށް ދައުވާ ކުރަން ނުފޮނުވަނީ ސަރުކާރުގައި ހަމަހަމަކަން ނެތީމަ ކަމަށާއި "ޕްލީ ބާގެއިން" ގެ ފަހަތުގައި ވަނީ ހިޔާނަަތުގައި ހިމެނޭ ވަކި ނަންތަކެއް ފޮރުވުމުގެ ޑީލްއެއް ކަމަށެވެ. އެއީ ނުހައްގުން އަނިޔާ ދޭން ހެކި ހޯދުން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް އެފަދަ ތުހުމަތެއް ކުރެއްވި އިރު، އެމްއެމްޕީއާރްސީ ހިޔާނާތުގެ ބޮޑުންގެ ގޮތުގައި ފާހަގަވެފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އާއެކު ދައުލަތުން ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ.
އާދަމް ޝަރީފް އިޝާރާތް ކުރެއްވި އެ "ޕްލީ ބާގެއިން" އެއްބަސްވުމުގެ ދަށުން އަދީބާއި ޒިޔަތު ވަނީ ތަހުގީގަށް އެއްބާރުލުންދީ ކުށަށް އިއުތިރާފުވެފަ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި އެންމެ ފަހުން ދައުވާ އުފުލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށެވެ. އޭނާއާ ދެކޮޅަށް ހަ ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައިވާއިރު، އަދީބާއި ޒިޔަތުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަނީ ކުށް ސާބިތުވެ ޖަލުގައި ދުވަސް ހޭދަކުރަމުންނެވެ.