ސީއެސްސީން މިއަދު ވަނީ ސީއެސް ވިއުގަ، އޮންލައިންކޮށް، އިންޓަނެޓުގެ ޒަރިއްޔާއިން ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނަށާއި ސިވިލް ސާވިސްގެ އެންމެހާ އިދާރާތަކަށް ބޭނުންކުރެވޭ ގޮތަށް، "ސީއެސް ވިއުގަ އޮންލައިން" ތައާރަފުކޮށްފަ އެވެ.
އެކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ނާސިހް ވިދާޅުވީ މިއީ، ފުރިހަމަ ޑިޖިޓަލް ހިއުމަން ރިސޯސް މެނޭޖުމަންޓު ސިސްޓަމެއް ގާއިމުކުރުމަށް އެ ކޮމިޝަނުން ކުރަމުންގެންދާ ދުރު ރާސްތާ ޕްލޭނުގެ ތެރެއިން ގިރާކުރެވުނު ވަރަށް މުހިއްމު ހަރުފަތެއް ކަމަށް ކަމަށެވެ. އަދި އާންމުކޮށް ބޭނުންކުރެވޭ ގޮތަށް ސީއެސް ވިއުގަ އޮންލައިން ޕޯޓަލް ހުޅުވާލާ ހިސާބުން، ކޮމިޝަނާއި ސިވިލް ސާވިސް މުވައްޒަފުންނާއި ސިވިލް ސާވިސްގެ އެންމެހާ އިދާރާތަކާ އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާވެ، ކޮމިޝަނުން ފޯރުކޮށްދޭ ހިދުމަތްތައް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށާއި، ދެވޭ ހިދުމަތްތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ސީއެސް ވިއުގައަކީ ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އެންމެހާ ކަންކަން ކުރިޔަށް ގެންދިޔުމަށް ބޭނުންކުރަމުންދާ ސޮފްޓްވެއާއެކެވެ. މިހާތަނަށް ސީއެސް ވިއުގަ ބޭނުން ކުރަމުން އައިސްފައިވަނީ ދައުލަތުގެ ނެޓްވޯކްގެ ތެރެއިން، ހަމައެކަނި އެ ނެޓްވޯކްގެ ހިދުމަތް ލިބޭ ސިވިލް ސާވިސް އިދާރާތަކުގަ އެވެ.
އާންމުކޮށް ބޭނުންކުރެވޭ ގޮތަށް ސީއެސް ވިއުގަ އޮންލައިން ޕޯޓަލް ތައާރަފު ކުރެވުމުން، މިއަދުން ފެށިގެން އިންޓަނެޓްގެ ހިދުމަތް ލިބޭ ކޮންމެ ތަނެއްގައި ހުރި ދިވެހި ސިވިލް ސާވިސްގެ ކޮންމެ މުވައްޒަފަކަށް ވެސް ސީއެސް ވިއުގަ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެ މުވައްޒަފެއްގެ މައުލޫމާތު ބަލާލެވޭނެ އެވެ. އަދި އިންޓަނެޓްގެ ޒަރިއްޔާއިން ސިވިލް ސާވިސްގެ ހުރިހާ އިދާރާތަކަށް ސީއެސް ވިއުގަ އޮންލައިން ބޭނުން ކުރެވޭނެ އެވެ.
ސީއެސްސީން ބުނީ އޮންލައިންކޮށް އާއްމުކޮށް ބޭނުންކުރުމަށް ހުޅުވައިލުމާއެކު، އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު އޮންލައިން ވެގެންދިއުން ކަމަށާއި އެގޮތުން މުވައްޒަފުންގެ މަސައްކަތްތައް ކުރަމުންދާ ގޮތާއި، މަސައްކަތުގެ ފެންވަރު ދުވަހުން ދުވަހަށް، ވަގުތުން ވަގުތަށް ސީއެސް ވިއުގަ އޮންލައިން މެދުވެރިކޮށް ވަޒަންކުރެވޭނެ ކަމަށެވެ.
ނާސިހް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ކަންތައްތައް ސީއެސް ވިއުގަ މެދުވެރިކޮށް ޑިޖިޓަލައިޒު ކުރެވުމުން، މިއީ ކަރުދާހާ ނުލައި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ރާއްޖޭގައި ކުރިޔަށް ގެންދެވޭނެ ފުރަތަމަ ފަހަރު ކަމަށާއި މީގެ ސަބަބުން 26 ހާހެއްހައި ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ދައުލަތުގެ ބަޖެޓުން ކުރަމުން ދިޔަ ހަރަދުތައް އެތައް ގުނައެއް ކުޑަވެގެންދާނެ ކަމަށެވެ.
އަދި މީގެ އިތުރުން ސީއެސް ވިއުގަ އޮންލައިން އިތުރަށް ތަރައްގީ ކުރެވި، ވަޒީފާއަށް އިއުލާނު ކުރުމާއި، ވަޒީފާއަށް ކުރިމަތިލުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، އަދިވެސް ސިވިލް ސާވިސް ވަޒީފާއާ ގުޅޭ އެންމެހާ ކަންތައްތައް 'ސިންގަލް ވިންޑޯ' އެއް މެދުވެރިކޮށް ދުރު ނޫން މުސްތަގުބަލެއްގައި ކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.