ads
ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު--
ރިޓަޔާކޮށްގެން އަދަބުން ރެކެވިގެން ނުވާނެ: ސިރާޖު
ކުށް ކޮށްފައި އިސްތިއުފާދީ ނުވަތަ ރިޓަޔާކުރުމަކީ އަދަބުން ރެކެވިގެންވާނެ ކަމެއް ނޫން ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

ސިރާޖު މިގޮތަށް ވިދާޅުވެފައި ވަނީ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި، ޑރ. އަބްދުﷲ ފައިރޫޝް އިއްޔެ ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ. 

ފައިރޫޝަކީ ފެބުރުއަރީ ހަތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ފަހު ގާނޫނާ ހިލާފަށް ފުލުހުންގެ އިދާރާއާ ހަވާލުވި ބޭފުޅާ އެވެ. އެގޮތުން އެދުވަހު ޖުމްހޫރީ މައިދާން ސަރަހައްދުގައި ފައިރޫޝް ހުންނެވި ފޮޓޯއެއް ހިއްސާކުރައްވާ، ސިރާޖު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައްޔިތުން އެދޭ ފަދަ އިތުބާރުކުރެވޭ ފުލުހުންގެ ހިދުމަތެއް ނުލިބި ލަސްވަމުންދަނީ ފައިރޫޝް ފަދަ ފުލުހުންގެ ސަބަބުން ކަމަށެވެ. 

ފުލުހުންގެ ހިދުމަތުން އޭސީޕީ ފައިރޫޝް ރިޓަޔާ ކުރެއްވިކަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހިއްސާކުރައްވާ ފުލުހުންގެ މުއައްސަސާއަށް ފައިރޫޝް ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކުރެއްވުމާއެކު އެމްޑީޕީގެ ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. ފުލުހުންގެ އިސް އޮފިސަރެއްގެ ގޮތުގައި މި ސަރުކާރުގައި ވެސް ފައިރޫޝް ހުންނެވުމުން އެމްޑީޕީން ފާޑުކިޔާފައިވާއިރު ފައިރޫޝް ރިޓަޔާ ކުރެއްވީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ފައިރޫޝްގެ މައްސަލަ ބަލާނެތީ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. 

ފުލުހުންގެ ހިދުމަތުގެ ބިލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. 

އެ ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް