ads
ވީޑިއޯ ރިޕޯޓް-
"ސިޔާސީ" ދީނީ އިލްމުވެރިން
ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެކެވެ. މިގައުމުގެ އިސްލާމީ ވަހުދަތު ހިފަހައްޓައި އާންމުންނަށް މަގު ދައްކައިދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އެއް ބަޔަކަށް ވާނީ ހަމަ ޔަގީނުން ވެސް ދީނީ އިލްމުވެރިންނެވެ. އާންމުންގެ މެދުގައި ދީނާއި މެދު އުފެދޭ ޝައްކުތައް އޮޅުންފިލުވައި، ހެޔޮ ގޮތާއި ނުބައި ގޮތް އަންގައިދޭން ތިބީ ހަމަ މި ދީނީ އިލްމުވެރިންނެވެ. އުޅެންވީ ގޮތުގެ މިސާލު ދައްކައިދޭން ތިބީ ވެސް ހަމަ އެ ދީނީ އިލްމުވެރިންނެވެ.

މި ހިސާބުން އުފެދޭ ސުވާލެއް އެބަ އޮތެވެ. ރާއްޖޭގައި ދީނީ ނަސޭހަތްދީ މަގުދައްކައިދޭން ތިބި ބައެއް އިލްމުވެރިންގެ ފަރާތުން ފެންނަނީ މިފަދަ މަންޒަރުތޯ އެވެ؟ އެ ދެއްވާ ނަސޭހަތްތަކާއި އެ އިލްމުވެރިންގެ އަމަލުތަކާއި ދިމާވަނީ ކިހާ ވަރަކަށްތޯ އެވެ؟ ގުރުއާނުގެ އާޔަތްތަކާއި ކީރިތި ރަސޫލާގެ ހަދީސްފުޅުތައް ވިދާޅުވާ އިރު، އެއަށް އަމަލުކުރެވެނީ ކިހާ ވަރަކަށްތޯ އެވެ؟

ދީނީ އިލްމުވެރިންނަކީ ވަކި ސިޔާސީ ކޮޅަކަށް ބުރަވެވަޑައިގަންނަވަން ޖެހޭ ބައެއްތޯ އެވެ؟ ވަކި ކޮޅަކަށް ބުރަވެވަޑައިގެން ރައްދު ޖަވާބު ދިނުމުގައި އަވަދިނެތި އުޅެންޖެހޭ ބައެއްތޯ އެވެ؟ ވަކި ކަންތައްތަކަށް އެއްޗެކޭ ވިދާޅުނުވެ، ބޭކާރު ރައްދު ދެއްވުމުގައި ބައެއް އިލްމުވެރިން އަގުހުރި ވަގުތު ހޭދަކުރެއްވުމަކީ ހިތާމަ ކުރަންޖެހޭ ކަމެކެވެ. ނަމަވެސް މިއަދު މީސްމީޑިއާ އިން ފެނުނު މަންޒަރަކީ މިއީއެވެ.

ބޭރުން ކިޔަވާ ވިދާޅުވެ މަތީފާސް ނަންގަވައިގެން މިއަދު ހިދުމަތް ކުރައްވަން ތިބި އިލްމުވެރިން މިފަދައިން ކަންތައްތައް ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަޅުގަނޑު އެއްވެސް ވަރަކަށް ދީނީ އިލްމުވެރިންނާއި ދެކޮޅަށް ބަހެއް ބުނަނީކީ ނޫނެވެ. ނުވަތަ ދީނީ އިލްމުވެރިންނާއި ދިމާލަށް ކުޑައިމީސްކޮށް އެއްޗެއް ބުނަނީކީ ނޫނެވެ. ހަގީގަތް ވާނީ ހަމަ ހަގީގަތަށެވެ.

ދާދި ފަހުން އަޅުގަނޑަށް މީސްމީޑިއާގައި ފެނިގެން ދިޔައީ އިދިކޮޅު ފަރާތްތަކުން ބުނި ވާހަކައަކަށް އިލްމުވެރިއަކު ރައްދު ދެއްވި މަންޒަރެވެ. އިދިކޮޅު ފަރާތްތަކުން ބުނި ވާހަކަތަކާއި ދީނާއި އެއްވެސް ވަރެއްގެ ގުޅުމެއްވޭތޯ އެއީ އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެކެވެ. އިދިކޮޅު ފަރާތްތަކުގެ ލީޑަރު މިނިވަން ކުރުމަށް އިސްކަމެއް ދޭނެ ކަމަށް އެފަރާތްތަކުން ބުނުމަކީ ރައްދު ދޭން ޖެހޭ ވަރުގެ ކަމަކާއި މެދު ވަރަށް ބޮޑަށް ޝައްކެވެ.

އޭގެ ފަހުން ވެސް ދީނީ އިލްމުވެރިއަކު ވަނީ "ތެޔޮ ބިޑި" އެއް ނުލިބިގެންވާ މަޖުބޫރެއްގެ ސަބަބުން އިސްތިއުފާ ދިނުމަކީ ބަގާވާތަކަށް ނުވާނެ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފަ އެވެ. އެ ޓްވީޓުގެ ސަބަބުން އެ ދީނީ އިލްމުވެރިޔާ ހޫނު ފެނަށް ވެއްޓި ގިނަ ބައެއްގެ ފާޑުކިއުން އެ ދީނީ އިލްމުވެރިޔާ އަށް ވަނީ އަމާޒުވެފަ އެވެ.

މިފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމުގެ ސަބަބުން ދީނީ އިލްމުވެރިންނާއި މެދު އޮތް އިތުބާރު ދިވެހިންގެ މެދުގައި ދަނީ ފަނޑުވަމުންނެވެ. މިފަދަ ދީނީ އިލްމުވެރިންނަށް ފާޑުކިޔާ އެތައް ބަޔަކު މިއަދު އެބަ ތިއްބެވެ. ސުވާލަކީ ދީނީ އިލްމުވެރިން އަމިއްލައަށް ވިދާޅުވާ ބަސްތަކާއި އެބޭފުޅުންގެ އަމަލުތަކާއި ދިމާވާނީ ކޮން އިރަކުންތޯއެވެ؟

ދީނީ އިލްމުވެރިންނަކީ ވަކި ގޮތަކަށް ވަކި ހަމަތަކަކާއި އުސޫލުތަކަކާއި އެއްގޮތަށް އަމަލުތައް ބަހައްޓަން ޖެހޭނެ ބައެކެވެ. ދީނީ އިލްމުވެރިއެއްގެ ލަގަބު ލިބުމަކީ އެމީހެއްގެ ބޮލުގައި އެޅޭ ވަރަށް ބޮޑު ޒިންމާއެކެވެ. ކީރިތި ގުރުއާނުގައިވާ މޫރިތި އާޔަތްތަކާއި ކީރިތި ރަސޫލާގެ ސުންނަތް ދިރުވައި އާލާކުރުމުގެ މަސައްކަތްތަކުގެ އިތުރުން ދީން ފަތުރައި ހެޔޮ ގޮތްތަކާއި ނުބައި ގޮތްތައް ކިޔައިދިނުމުގެ މަސައްކަތްތައް ކުރަނީވެސް ދީނީ އިލްމުވެރިންނެވެ.

ދީނީ އިލްމުވެރިންނަކީ ވަކި ފަރާތަކަށް ބުރަނުވެ، އިސްލާމީ ޝަރީއަތާއި އެއްގޮތަށް ފަތުވާ ނެރެން ޖެހޭ ބަޔަކަށްވާ އިރު، މިއަދު މި ފެންނަނީ ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން އެކި ސިޔާސީ ފަރާތްތަކާއި އެއްކޮޅަށް ބުރަވެ، މީސްމީޑިއާގައި ހަރަކާތްތެރިވަމުންދާ މަންޒަރެވެ. ޖަދަލު ނުކުރުމަށް ނަސޭހަތް ދެއްވާ ދީނީ އިލްމުވެރިޔާ މިއަދު ފެނިގެން ދިޔައީ ޓްވިޓާގައި އެކި ފަރާތްތަކުގެ ޓްވީޓްތަކަށް ރައްދު ދެއްވަމުން ގެންދެވި މަންޒަރެވެ.

އަޅުގަނޑުގެ ނަޒަރުގައި ރާއްޖޭގެ ދީނީ ވަހުދަތު ކުރިއެރުވުމަށާއި ޒުވާނުންގެ ހިތުގައި ދީނާއި މެދު ލޯބި ޖެއްސުމަށްޓަކައި ބައެއް ދީނީ އިލްމުވެރިން ރަނގަޅު މިސާލު ދައްކަވަން ޖެހެއެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް