އެ މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖާގެ މައްޗަށް ދައުވާކުރިއިރު އޭނާގެ އުމުރަކީ 17 އަހަރެވެ. ނަމަވެސް މިހާރު އޭނައަށް 20 އަހަރު ފުރިއްޖެއެވެ. ނަމަވެސް އެނާގެ މައްސަލަ ބެލީ ޖުވެނައިލް ކޯޓުން ނެވެ. ސަބަބަކީ އެ މައްސަލަ ހުށަހެޅިއިރު އޭނާއަކީ ކުޑަކުއްޖެއްކަމަށް ވާތީއެވެ.
އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިން ބުނެފައިވަނީ އަނަސް މަރާލި މީހުންގެ މޫނު ނުފެންނަކަމަށެވެ. އަދި ކުޑަ ކުއްޖާގެ ފަރާތުން ހުށަހެޅި ހެކިން ބުނެފައިވަނީ އެކުއްޖާ އުޅުނީ ހުޅުމާލޭގައި ޕީއެސް ކުޅެންކަމަށެވެ.
މިހެންކަމުން ކޯޓުން ނިންމީ ޝައްކެއް ނެތްމިންވަރަށް ސާބިތުކުރެވޭ މިންވަރަށް އެ ކުޑަކުއްޖާގެ މައްޗަށް ހެކި ލިބިފައިނުވާކަމަށެވެ.
މާލޭގެ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި އަނަސް ހުއްޓާ ގުރޫޕަކުން ހަމަލާދީ އޭނާ މާރާލީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރެ އެވެ.
އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާކޮށްފަ އެވެ.
ދައުވާ ލިބޭ މީހުންގެ ތެރެއިން ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒާއި، ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާގެ އިތުރުން ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
މީގެއިތުރުން މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާނާއި، މ. ދިމިޝްގު އުސްމާން ޝަރީފްގެ އިތުރުން ޅ. ކުރެންދޫ އަސަރުމާގެ އަހްމަދު ޒަޔާނުގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފަ އެވެ.
އެ މައްސަލައިގައި ހިމެނޭ އުމުރުން 18 އަހަރު ނުވާ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ނެތިގެން ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިއިރު ދައުލަތުގެ ފަރާތުން ވަނީ އެ މައްސަލައިގައި ހަތަރު ހެކިން ހުށަހަޅާފަ އެވެ. އެކަމަކު އަނަސްއަށް ހަމަލާދިން މީހުން ތިބީ މޫނު ނިވާކޮށްގެން ކަމުން، އެއީ ކޮން ބައެއްކަން ނޭނގޭ ކަމަށް ހުކުމްގައިވެ އެވެ. އަދި ހާދިސާ ހިނގި ވަގުތު އެކުއްޖާ އެތަނުގައި ހުރިކަން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށް ވެސް ވެ އެވެ.