ads
ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް
ކޮވިޑާ ގުޅިގެން 17،000 އަށް ވުރެ ގިނަ މީހުންނަށް ދައުލަތުން އެހީވެއްޖެ
ކޮވިޑް-19 އާ ގުޅިގެން ތައާރަފްކޮށްފައިވާ އިންކަމް ސަޕޯޓް އެލަވަންސްގެ ދަށުން 17،000 އަށް ވުރެ ގިނަ ފަރުދުންނަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި 31 ޑިސެމްބަރުގެ ނިޔަލަށް 17،147 ފަރުދަކަށް ދައުލަތުން 221.1 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

ދައުލަތުން އިންކަމް ސަޕޯޓް އެލަވަންސް ތައާރަފްކޮށްފައި ވަނީ ކޮވިޑް-19 ގެ ސަބަބުން އާމްދަނީ ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ދަށުން ދައުލަތުން އެހީތެރިކަން ފޯރުކޮށްދެނީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށާއި، މުސާރަ ދަށްކުރެވިފައިވާ ފަރާތްތަކަށާއި، ނޯޕޭގައި ތިބި ފަރާތްތަކުގެ އިތުރުން އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރާތްތަކުގެ ތެރެއިން އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށެވެ.

މިހާތަނަށް ތިން ފިޔަވައްސަކަށް ބަހާލައިގެން ދައުލަތުން އިންކަމް ސަޕޯޓް ދޫކޮށްފައިވާ އިރު، ފުރަތަމަ ފިޔަވަހީގައި ދޫކޮށްފައިވަނީ އެޕްރިލް މަހުން ޖޫން މަހުގެ ނިޔަލަށެވެ. އަދި ދެވަނަ ފިޔަވަހީގައި ޖުލައި މަހުން ސެޕްޓެމްބަރު މަހަށް ދޫކޮށްފައިވާ އިރު، ތިންވަނަ ފިޔަވަހީގެ ދަށުން އޮކްޓޯބަރު މަހުން ޑިސެމްބަރު މަހަށް ދޫކޮށްފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ތައާރަފް ކުރި ޖޮބް ސެންޓަރު ވެބްސައިޓް މެދުވެރިކޮށް އިންކަމް ސަޕޯޓް އެލަވަންސަށް އެދުމަށް ހުށަހެޅޭނެ އެވެ. ޖޮބް ސެންޓަރު މެދުވެރިކޮށް މިހާތަނަށް 51،157 ފަރާތަކުން އިންކަމް ސަޕޯޓަށް އެދި ހުށަހަޅާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް