ads
ސިވިލް ސާވިސް ކޮމިޝަން ހުންނަ ވެލާނާ ބިލްޑިން--
ސިވިލް ސާވަންޓުންގެ މުސާރައިގެ މިންވަރު ފާސްކުރަން ޕޭ ކޮމިޝަނަށް ފޮނުވައިފި
ސިވިލް ސާވިސް މުވައްޒަފުންގެ ފެންވަރު ބަލައި ކުރިއެރުން ލިބޭ ގޮތަށް ސިވިލް ސާވިސްގައި ހިމެނޭ އިދާރީ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލައި، އެ މުވައްޒަފުންގެ މުސާރަ ދޭނެ މިންވަރު ފާސްކުރުމަށް ޕޭ ކޮމިޝަނަށް ފޮނުވައިފި އެވެ.
Advertisement

ސިވިލް ސާވިސްގައި ހިމެނޭ އިދާރީ މުވައްޒަފުންގެ އޮނިގަނޑާއި ގުޅޭ ގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ސިވިލް ސާވިސް ކޮމިޝަނު (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ، އިދާރީ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލައި އެ މުވައްޒަފުންގެ މުސާރައިގެ މިންވަރު ނުވަތަ ޕޭ ސްކޭލްއާ މެދު ގޮތެއް ނިންމުމަށް ޕޭ ކޮމިޝަނަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

މި ނިންމެވުމާއެކު އަވަސް މުސްތަގުބަލެއްގައި އިދާރީ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އެހެން ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްދާނެ ކަމަށް ނާސިހް ވިދާޅުވި އެވެ.

މީގެ އިތުރުން ނާސިހް ވިދާޅުވީ 2020 ވަނަ އަހަރު މި ދިމާވި ހާލަތާއި ގުޅިގެން އެ ހާލަތުން އަރައިގަތުމަށް ދުވަސްކޮޅެއް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތް މުސްތަގުބަލުގައި މުސާރައަށް އަވަސް ބަދެލެއް ގެނައުމަށް ސަރުކާރުން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އެގޮތަށް ޕޭ ކޮމިޝަނުން ވެސް މަސައްކަތްކޮށް، ސީއެސްސީގެ މުވައްޒަފުންނަށް އެއްބާރުލުން ދޭނެ ކަމަށް ވެސް ނާސިހް ވިދާޅުވި އެވެ.

ސީއެސްސީގެ އެކްޓިން ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވީ މީގެ ކުރިން ސިވިލް ސާވިސްގައި ހިމެނޭ ފަންނީ އެކި ދާއިރާތަކުގެ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލާފައިވާ ކަމަށާއި، އިދާރީ މުވައްޒަފުންގެ އޮނިގަނޑު ވެސް މިހާރު އެކުލަވާލާފައިވަނީ ކެރިއާ ބޭސްޑް ނިޒާމެއްގެ ތެރެއިން ކަމަށެވެ.

އަދި މަގާމުގައި ހުރެގެން އެމީހެއްގެ ފެންވަރަށް ބެލިގެން ކުރިއަށް ދިއުމުގެ މަގު ފަހިވެފައި އޮންނަ އޮނިގަނޑެއްގެ ގޮތުގައި މިހާރުގެ އޮނިގަނޑު އޮންނަ ކަމަށާއި އޭގެ ތެރޭގައި މީހާގެ މަސައްކަތް ރަނގު ނަމަ ވަކި އަހަރުތަކަކުން ކުރިއަށް ދިއުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ފާހަގަކުރެއްވި އެވެ.

އަދި ތައުލީމު ހާސިލުކޮށްފި ނަމަ ކުރިއަށް ދިއުމާއި މަގާމުތަކަށް ބަދަލުވުމުގެ ފުރުސަތު ލިބުން އެއީ ސީއެސްސީގެ މުވައްޒަފުންނަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ސައީދު ވިދާޅުވި އެވެ.

ސިވިލް ސާވަންޓުންގެ ކަންކަން ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި އެ ކޮމިޝަނުން ވަނީ މިދިޔަ އަހަރުގެ ފަހު ކޮޅުން ފެށިގެން ތަފާތު ތިން ގަވާއިދެއް އެކުލަވާލާފަ އެވެ. މީގެ ތެރޭގައި ޗުއްޓީއާ ގުޅޭ އުސޫލުތަކާއި، މުވައްޒަފުން އެޕްރައިޒް ކުރުމުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމާ ގުޅޭ އުސޫލުތައް ވެސް ހިމެނެ އެވެ.

ރާއްޖޭގައި ސިވިލް ސާވިސްގައި 26 ހާހެއްހާ މުވައްޒަފުން ހިދުމަތްދެމުން ދާއިރު މީގެ ތެރެއިން އެންމެ ގިނައީ އިދާރީ މަސައްކަތްތަކާއި ގުޅުން ހުރި ވަޒީފާތަކުގައި ތިބި މުވައްޒަފުންނެވެ. ނަމަވެސް އިދާރީ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލުން ލަސްވުމުގެ ސަބަބުން އެކަމުގެ ގިނަ ޝަކުވާތަކެއް މުވައްޒަފުން ދިޔައީ ކުރަމުންނެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް