
އާދަމް ޝަރީފް މިހެން ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ތިންވަނަ ދުވަހާ ހަމައަށް ދަންމާލުމުން ލޯކަލް ކައުންސިލް އިންތިހާބު މި އަހަރުގެ މާޗު މަހުގެ ހަވަނަ ދުވަހު ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނުމާ ގުޅިގެންނެވެ.
އާދަމް ޝަރީފް ވިދާޅުވީ، މިއީ ސަރުކާރުން ގަސްތުގައި ރާވައިގެން ކުރާ ކަމެއް ކަމަށާއި، މިގޮތަށް ސަރުކާރުން ކަންކުރަނީ އިންތިހާބު ބާއްވައިފި ނަމަ ސަރުކާރު ފެއިލްވެފައިވާ މިންވަރު އެނގި ހާމަވެގެން ދާނެތީ ކަމަށެވެ. އާ
ދަމް ޝަރީފް އިތުރަށް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރިޔަސް ދެން ރައްޔިތުންގެ މިހާރުގެ ފިކުރު ބަދަލެއް ނުވާނެ ކަމަށާއި ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށެވެ.
ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލެއް ހޯދުމަށް މަޖިލީހުން ސަންސެޓް ގާނޫނެއް ފާސްކުރިއިރު އެ ގާނޫނު ބުނާ ގޮތުން، އެ ތަސްދީގު ކުރާތާ އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ. އެެހެންކަމުން، އަންނަ މެއި މަހުގެ ނުވަވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ.
ނަމަވެސް އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ވެސް ވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާ ނުލައިފި ނަމަ މާޗު މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް ބުނެފަ އެވެ.