ads
ނާމާން ތަނެއް--
އެރޭގެ ދައުވަތު
ހަނދާންތަކަކީ އިންސާނަގެ ދިރިއުޅުމުގެ ވަރަށް ބޮޑު ދައުރެއް އަދާ ކުރާ އެއްޗެކެވެ. ނަމަވެސް ބައެއް ހަނދާންތަކަކީ ސިކުނޑިން ފިލުވާލަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ސިކުނޑީގައި ބިންވަޅު ނެގިފައިވާ ހާދިސާތަކެވެ. އެގޮތުން އެ ބިރުވެރި ނާމާން ހާދިސާ އަދިވެސް އަހަރެންގެ ސިކުނޑީގައި ވަނީ ހަރުލާފަ އެވެ.

އެއީ މީގެ 20 އަހަރު ކުރީގެ ވާހަކަ އެކެވެ. އޭރު އަހަރެންނަކީ ދޮންވެ ފައްކާވެފައި ހުރި ޒުވާނެކެވެ. ރީތި ސޫރައެއް ލިބިފައި ވުމުން އަހަރެން ދިޔައީ މާބުރެއްހެން އެކި ބަގީޗާތަކުން މާމަލުގެ ފޮނި ބޮމުންނެވެ. ނަމަވެސް ރީތި މަލެއްގެ ހިތި ޖެހި އަހަރެންގެ ހަޔާތް ބަދަލުވި އެވެ.

އެ ރީތި ދޮން މޫނު އަހަރެންނަށް ފުރަތަމަ ފަހަރަށް ފެނުނީ ހަނދުގެ ރިހި އަލީގެ ތެރެއިންނެވެ. އެއްވެސް ހިނިތުންވުމެއް އެ މޫނުގައެއް ނެތެވެ. މާޔޫސްވެފައި ހުރިކަން ފެންކަޅިވެފައި ހުރި ލޮލުން ހާމަވެ އެވެ. އެރޭ އެ ސިކުންތުގެ ތެރޭގައި ފުރަތަމަ ފަހަރަށް އަހަރެންނަށް ލޯބިބެވުނެވެ.

އެއީ ކާކުން ހޯދުމުގެ މަސައްކަތް އަހަރެން ފެށީ ޖެހިގެން އައި ދުވަހުގެ ސުކޫލު ގަޑީގަ އެވެ. ހުރިހާ ކްލާސްތަކަށް އަހަރެން ދިޔައީ އެންމެ މޫނެއް ފެނެތޯ އެވެ. މާޔޫސްވެގެން ހިތްވަރު އެލެން ކައިރިވެފައި ހުއްޓާ އޭނާ އަހަރެންނަށް ފެނުނީ ލައިބްރަރީންނެވެ. އެއީ އަހަރެންނާ އެއް އަހަރެއްގެ ސައިންސް ކިޔަވަމުން ގެންދާ ކުއްޖެކެވެ. އެ ކުލާހުގައި އުޅޭ ކުއްޖަކު ކައިރިން އޭނާގެ ނަން ހޯދީމެވެ. އެއީ ރީނާ އެވެ.

އަހަރެން އޭނާއަށް ކޮންމެ ދުވަހަކު ސުކޫލް ތެރެއިން ފާރަލަމެވެ. ނަމަވެސް ރީނާގެ ކުރިމަށްޗައް އަރަން އަހަރެން ވަރަށް ލަދުގަނެ އެވެ. ރަހުމަތްތެރިންގެ ހިތްވަރާއެކު އަހަރެން ރީނާއަށް ފިނިފެންމަލުގެ ގުލްދަސްތާއެއް ފޮނުވީމެވެ. އެހެން ކުއްޖަކު ލައްވަ އެވެ. ތެޅިތެޅި އޮތް ހިތަކާ އެއްކޮށެވެ. އެ މާބޮޑީގެ ތެރޭގައި އަހަރެން ފޮރުވާފައި އޮތް ލިޔުން ފެނި ރީނާ ބުނާނެ އެއްޗަކާ ދޭތެރޭ އަހަރެން ވަރަށް ވިސްނީމެވެ.

އެ ކަރުދާހުގައި އަހަރެންގެ ނަންބަރު ޖަހައިފައި ވާނެ އެވެ. އެހެންކަމުން އެ މާބޮޑި ރީނާ ބަލައިގެން ހިސާބުން އަހަރެންގެ ނަޒަރު އިރުއިރުކޮޅާ ފޯނަށް ދެއެވެ. އެހެން އަހަރެން އޮންނަތާ މިހާރު ދަންވަރު ވެދާނެ އެވެ. ލޯބީގެ އެކި ހިޔާލީ ހުވަފެންތައް ކެއްކުމުގަ އެވެ. ކުއްލިޔަކަށް ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. ތެޅިތެޅި އޮތް ހިތަކާ އެކު އަހަރެން ބަލާލީމެވެ. އުފަލުން އަހަރެން ނަޝަން ފެޝީމެވެ. ރީނާ އަހަރެންނާ ބައްދަލުކުރަށް އެދިފައި މެސެޖް ކުރީމަ އެވެ. އަހަރެން އާއެކޭ ބުނެ އެ ދައުވަތު ހިތުގެ އެންމެ ފުންމިނުން ގަބޫލް ކުރީމެވެ. ރީނާ އަހަރެންނަށް ގަޑިޔާއި ތަން މެސެޖް ކުރި އެވެ. އަހަރެން ހުރީ ވަރަށް އުފަލުންނެވެ.

އަހަރެންގެ ހިތުގެ މަލިކާއާ ދިމާކުރާ ދުވަސް އައިސް ޖެހިއްޖެ އެވެ. އޭނާ އަހަރެންނާ ބައްދަލުކުރަން އެދިފައިވަނީ ދަންވަރު ތުނޑި މަތިންނެވެ. އަހަރެން ދިޔައީ ރީނާއަށް ލޯބި ހުށަހެޅުމަށް އެތައް ތައްޔާރިތަކެއް ވަމުންނެވެ.

ދަންވަރު 3:00 ޖެހިއިރު އަހަރެން ހުރީ ތުނޑިމަތީގަ އެވެ. ރީނާގެ އިންތިޒާރުގަ އެވެ. އަހަރެންގެ ފަހަތުން މީހަކު ކަރުކަހާލި އަޑަށް އަހަރެން ފަހަތް ބަލާލީމެވެ. ރީނާ އިނީ ހެވިދިލިފައި އަހަރެންނާ ދިމާލަށް ބަލާށެވެ.

އަހަރެން އެއް ކަކޫ މައްޗަށް ތިރިވެ ރީނާއަށް މާބޮޑި ދިއްކޮށްލީމެވެ. އަދި ލޯބި ހުށަހެޅީމެވެ. އޭނާ އަހަރެންގެ ލޯބި ގަބޫލުކުރުމަކީ ހިތަށް ލިބުނު ހިތްހަމަޖެހުމެކެވެ. 

އަހަރުމެން ދެމީހުން އަތާއަތް ގުޅާލައިގެން ގޮނޑުދޮށުގައި ހިނގަމުން ދަނިކޮށް ރީނާ އަހަރެންނާ ދިމާލަށް ވަރަށް ލޯބިން ބަލާލި އެވެ. އޭރު އޭނާގެ ދެލޯ ފެންކަޅިވެފައި ހުއްޓެވެ. ކިހިނެތް ވީތޯ އަހަރެން ސުވާލު ކުރުމުން ރީނާ އޭނާއަށް މައާފުކޮށްދިނުމަށް އެދި އަހަރެން މޫދަށް ކޮއްޕާލި އެވެ.

ރޫހާނީ ބާރަކުން ދިޔައީ މޫދުގެ ފުން ހިސާބަކަށް އަހަރެން ގެންދަމުންނެވެ. ފެންގަނޑު ތެރޭގައި އަހަރެން ދިޔައީ މަތީގައި އޮތުމަށް މަސައްކަތް ކުރަމުންނެވެ. ލޮނު ހޮވި އެތައް އިރެއް ވިއެވެ. ދެން އަހަރެންނަށް ވީގޮތެއް ނޭނގެ އެވެ. މީހާ ހޭނެތިއްޖެ އެވެ. 

އަހަރެންނަށް ހޭލެވުނީ ބައިވަރު މީހުން އަހަރެން ވަށައިގެން ތިއްބަ އެވެ. މުޅި ތަން ފެންނަނީ ހުދު ކުލައިގަ އެވެ. އަހަރެން މަރުވީބާއޭ ވެސް ހިތަށް އެރި އެވެ. ނަމަވެސް ލޮލުގެ ފެނުން ސާފުވުމުން އަހަރެން މި އޮތީ ހޮސްޕިޓަލް އެނދުގައިކަން އިނގުނެވެ. މަންމަ އަހަރެންގެ މަގަތުގައި އަތުގައި ހިފައިގެން އިނެވެ. އަދި އަހަރެން މަންމައަށް ގޮވާލުމާއެކު ބައްދާލި އެވެ.

އަހަރެންނަށް ކިހިނެތްވީތޯ އަހަރެން ސުވާލުކުރީމެވެ. މަންމަ ބުނީ މަސް ބާނަން ގޮސް އުޅުނު މީހަކަށް އަހަރެން ގެބެނިކޮށް ފެނި ސަލާމަތް ކުރީ ކަމަށެވެ. އަހަރެން ދަންވަރު މޫދަށް ދިޔައީ ކީއްވެތޯ މަންމަ ސުވާލު ކުރި އެވެ. އަހަރެން އެޔަށް ދޭނެ ޖަވާބެއް ނެތެވެ. އަހަރެން ގައިގައި ވަރުޖެހުމާއެކު ޑޮކްޓަރު ބެލުމަށް ފަހު ގެޔަށް ދޫކޮށްލި އެވެ.

ގެޔަށް ދިޔުމާއެކު އަހަރެން ރީނާ ހޯދުމުގެ މަސައްކަތް ފެށީމެވެ. އަހަރެންގެ ހިތުގައިވާ ސުވާލުތަކުގެ ޖަވާބު ބޭނުންވާތީ އެވެ.

އެހެން ހުއްޓާ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަރީޝް ދުވަމުން ދުވަމުން އައިސް އަހަރެން ކައިރީގައި ބުނި ސިހުން ގެނުވި ވާހަކަ އެކެވެ. ރީނާ އަދި އޭނާގެ އާއިލާ ރަހުމު ކުޑަ ގޮތަކަށް މަރާލާފައި އޮއްވާ މިއަދު ފެނިއްޖެ ކަމަށް ބުންޏެވެ. އެމީހުން މަރުވެފައި ވަނީ އެމީހުންގެ ގޭގައި ކަމަށާއި އެގޭ ތެރެއިން ސިހުރު ހަދަން ބޭނުން ކުރާ ވަރަށް ބައިވައިރު ސާމާނު ފެނިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އަހަރެންގެ މެޔަށް ހީވީ ހޫނުފެން އެއްޗެއް އޮއްސާލި ހެންނެވެ. އެތަނަށް ދާން އަހަރެން ބޭނުންވި އެވެ. ނަމަވެސް މަންމަ އަހަރެން ހުއްޓުވި އެވެ. އަހަރެން މަންމައަށް ވީ ހުރިހާ ކަމެއް ވެސް ކިޔައިދިނީމެވެ.

ވަގުތުން މަންމަ މުދިންބެޔަށް ގުޅި އެވެ. އަދި އަހަރެންނަށް ދިމާވި ހާދިސާ ކިޔަދިނެވެ. މުދިންބެ ފެންކިޔަވާފައި އަހަރެންނަށް ބޯންދިނެވެ. އަދި މުޅި ގެޔަށް ވެސް ފެންކިޔަވާފައި ޖެހި އެވެ.

ވެގެން އުޅޭ ގޮތް މުދިންބެ އަހަރެންނަށް ކިޔައިދިނެވެ. ރީނާގެ އާއިލާއަކީ ސިހުރު ހަދާ އާއިލާއެއް ކަމަށާއި އެރޭ ރީނާ އަހަރެން ޖިންނިއަށް ގުރުބާނީއެއްގެ ގޮތުގައި ދިނީ ކަމަށެވެ. ނަމަވެސް އެ މަސްވެރިޔާ އަހަރެން ސަލާމަތް ކުރުމުގެ ސަބަބުން އޭތި ރުޅި އައިސްގެން ރީނާގެ އާއިލާގެ ދުވަސް ދުއްވާލީ ކަމަށް މުދިންބެ ބުންޏެވެ.

މި ވާހަކަ އަޑުއެހުމަށް ފަހު އަހަރެންގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔަ އެވެ. އަދި އިންތިހާއަށް ބިރުގަތެވެ. ނަމަވެސް މުދިންބެ އަހަރެންނަށް ދެން ގޮތެއް ނުވާނެ ކަމަށާއި އަބަދުވެސް ނަމާދުކޮށް ދުއާކޮށްގެން އުޅުމަށް ނަސޭހަތްތެރިވި އެވެ.

އެ ދުވަހަށް ފަހު އަހަރެން އުޅުން ބަދަލުކޮށް މީހާ އެއްކޮށް އިސްލާހު ކުރީމެވެ. ނަސީބަކުން އެކަހަލަ އެއްވެސް ކަމެއް އޭގެ ފަހުން ދިމައެއް ނުވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް