ތިރީގައި އެވަނީ މި އަހަރު އިންޑިއާގެ ސިނަމާތަކުންނާއި ސްޓްރީމް އެޕްތަކަށް އަންނާނެ ފާހަގަކޮށްލެވޭ 15 ހިންދީ ފިލްމާއި ޓީވީ ޝޯ އެވެ.
ތަންޑަވް
ސައިފް އަލީ ހާން، ޑިމްޕަލް ކަޕާޑިއާ، ސުނިލް ގްރޯވާ، ޓިގްމަންޝޫ ދުލިއާ، ޑީނޯ މޯރިއޯ، ހަމުދް މިޝްރާ އަދި މުހައްމަދު ޒީޝަން އައްޔޫބް ހަރަކާތްތެރިވާ މި ސީރީޒްއަކީ މިމަހު އެމޭޒަން ޕްރައިމް އިން ދެއްކުމަށް ހަމަޖައްސާފައިވާ ވެބް ސީރީސްއެކެވެ. މިއީ ސޭކްރެޑް ގޭމްސްއަށް ފަހު ވެބް ސީރީޒްއަކުން ސައިފް ފެނިގެންދާ ފުރަތަމަ ފަހަރެވެ.
ދަ ވައިޓް ޓައިގާ
މި ފިލްމަކީ 2008 ވަނަ އަހަރު އަރަވިންދް އަދިގާ ރިލީޒްކުރި ދަ ވައިޓް ޓައިގާ ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ނެޓްފްލިކްސްގައި ރިލީސް ކުރުމަށް ނިންމާފައިވާ މި ފިލްމުން އަދަރްޝް ގޯރަވް، ރާޖްކުމާރް ރާއޯ އަދި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ފެނިގެން ދާނެއެވެ.
ދަ ފެމަލީ މޭން (ސީޒަން 2)
ދަ ފެމަލީ މޭން އަކީ 2019 ވަނަ އަހަރު އެމޭޒަން ޕްރައިމްގައި ރިލީސް ކުރެވުނު ސީރީޒްއެކެވެ. މި ސީރީޒްގެ ދެވަނަ ސީޒަން މިއަހަރު ސްކްރީނަށް އަންނާނެ ކަމަށް އިއުލާނު ކޮށްފައިވާއިރު، ކުރީ ސީޒަންގައި ފެނުނު ތަރިން މި ސީޒަންގައި ވެސް ފެންނާނެ އެވެ. މީގެ އިތުރުން މުޅިން އަލަށް ސަމަންތާ އަކިނެނި މި ސީޒަނުން ފެނިގެންދާނެ އެވެ.
ބޮބް ބިސްވާސް
ވިދްޔާ ބާލަންގެ ހުނަރުވެރި އެކްޓިން ފެނިގެންދިޔަ ކަހާނީ ފިލްމުގެ ސްޕިން-އޮފް އެއް ކަމަށްވާ މި ފިލްމަކީ ކަހާނީ ފިލްމުގެ ކެރެކްޓާ، "ބޮބް ބިސްވާސް" އަށް އުފައްދާފައިވާ ފިލްމެކެވެ. މި ކްރައިމް ތްރިލާ ފިލްމަކީ ދިޔާ އަރަޕުރްނާ ގޯޝް ޑިރެކްޓު ކުރާ ފިލްމެކެވެ. މި ފިލްމުގައި ބޮބް ބިސްވާސްގެ ރޯލުން ފެންނާނީ އަބިޝޭކް ބައްޗަން އެވެ.
ދަމާކާ
ކާތިކް އާރްޔަން ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ ލައިވް އިވެންޓެއްގެ ކަވަރޭޖް ދެއްކުމުގައި ޓީވީ ޗެނަލްއަކުން ކުރާ މަސައްކަތް ދައްކާ ފިލްމެއް ކަމަށް އިންޑިއާގެ އެކި ނޫސްތަކުގައި ބުނެފައިވެ އެވެ. މި ފިލްމަކީ ނީރްޖާގެ ޑިރެކްޓަރު ރާމް މަދްވާނީގެ ޑިރެކްޝަނެކެވެ.
ހަސީން ދިލްރުބާ
ތާޕްސީ ޕަންނޫ، ވިކްރާންތް މަސޭ އަދި ހަރްޝްވަރްދަން ރާނެ ފެނިގެންދާ މި ފިލްމަކީ މަރުގެ މިސްޓްރީ ފިލްމެކެވެ. މި ފިލްމަކީ ޑިރެކްޓާ ވިނިލް މެތިއުގެ ފިލްމެކެވެ.
ފޯން ބޫތް
ޔުނިވާސަލް ސްޓޫޑިއޯގެ މި ފިލްމަކީ ހޮރޯ ކޮމެޑީ ޖޯންރާގެ ފިލްމެކެވެ. މި ފިލްމުން އިޝަން ކައްޓަރް، ކެޓްރީނާ ކެއިފް އަދި ސިދާންތް ޗަތްރުވެދީ ފެނިގެން ދާނެއެވެ.
ހެލްމެޓް
މި ފިލްމަކީ އަޕަރްޝަކްތީ ކުރާނާ، ޕްރަނުޓަން ބަކް، އަބިޝޭކް ބެނެރްޖީ އަދި އަޝިޝް ވެރްމާ ފެނިގެންދާ ކޮމެޑީ ފިލްމެކެވެ. މިއީ ސްމޯލް ޓައުން ކޮމެޑީއެކެވެ.
ގަންގުބައި ކަތިއާވަޑައި
މިއީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުން އާލިއާ ބަޓް ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. އިންޑިއާގެ މާފިޔާ ކުއީން އެއްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގައި އާލިޔާގެ އިތުރުން އަޖޭ ދޭވްގަން އަދި އިމްރާން ހަޝްމީ ފެންނާނެ އެވެ.
ލާލް ސިންގް ޗައްޑާ
ފާއިތުވި 2020 ގެ ޑިސެމްބަރު މަހު ދެއްކުމަށް ޝެޑިއުލް ކުރެވުނު އާމިރް ހާންގެ މި ފިލްމު މިދިޔަ އަހަރު ރިލީޒް ކުރެވިފައި ނުވަނީ ކޮވިޑާއި ގުޅިގެން ޝޫޓިންތައް ހުއްޓާލަން ޖެހުމުގެ ސަބަބުންނެވެ. 1994 ގައި ރިލީޒް ކުރި އެމެރިކަން ރޮމޭންޓިކް ކޮމެޑީ-ޑްރާމާ ފިލްމް ފޮރެސްޓް ގަމްޕްގެ މި އެޑެޕްޓޭޝަން މިހާރު ރިލީސް ކުރުމަށް ޝެޑިއުލް ކޮށްފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހަށެވެ. މި ފިލްމުން ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ސަލްމާން ހާން އަދި ޝާހްރުކްގެ ކެމޯ އެޕިއަރެންސެއް ފެނިގެން ދާނެ އެވެ.
ސިތާރާ
ސޯބިތާ ޑުލިޕާލާ އަދި ރާޖީވް ސިދާރްތާ ފެނިގެންދާ މި ފިލްމަކީ "ޑިސްފަންކްޝަނަލް" ފެމެލީ ކޮމެޑީއެކެވެ. އެގޮތުން މި ފިލްމުން ފެނިގެންދާނީ އިންޓީރިއާ ޑިޒައިނާއަކާއި ޗެފަކަށް ވުމުގެ ހުވަފެން ދެކެމުުން އަންނަ ދެމީހުން އެމީހުންގެ ގުޅުން ރަނގަޅު ކުރުމަށް ކުރާ މަސައްކަތެވެ.
ބަދާއީ ދޯ
ރާޖްކުރާމް ރާއޯ އަދި ބޫމީ ޕެޑްނާކަރްގެ މި ފިލްމަކީ 2018 ވަނަ އަހަރުގެ ކޮމެޑި ފިލްމް ބަދާއީ ހޯގެ ސީކުއަލްއެކެވެ. މި ފިލްމުގައި ރާޖްކުމާރް ރާއޯ ފެނިގެންދާނީ ފުލުހެއްގެ ރޯލުންނެވެ.
ލިޓިލް ތިންގްސް (ސީޒަން 4)
ދްރޫވް ސޭގަލް އަދި މިތިލާ ޕަލްކަރް ލީޑް ރޯލުން ފެނިގެންދާ މި ވެބް ސީރީޒްގެ ފުރަތަމަ ސީޒަން ރިލީސްކޮށްފައިވަނީ ޑައިސް މީޑިއާގެ ޔޫޓިއުބް ޗެނަލްގައެވެ. ނަމަވެސް މި ސީރީޒްގެ ދެވަނަ ސީޒަން ނެޓްފްލިކްސް އަށް ރިލީޒް ކުރުމާއެކު، މި ސީރީޒްއަށް އޮތް ތަރުހީބު އިތުރުވިއެވެ. މި ސީރީސްގެ ހަތަރުވަނަ ސީޒަން ރިލީޒް ކުރުމަށް ނިންމާފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުއެވެ.
ރޮކެޓް ބޯއީސް
މި ފިލްމަކީ އިންޑިއާގެ ދެ ފިޒިސިސްޓުން ކަމަށްވާ ވިކްރަމް ސަރަބައި އަދި ހޯމީ ބާބާގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ސްކްރިޕްޓެކެވެ. ނިކިލް އަދްވާނީގެ މި ފިލްމުން ފެނިގެންދާނީ 1938 އިން 1964 އާއި ދެމެދުގެ އެކި ހާދިސާތަކެވެ. މިއީ އިންޑިއާގެ މޮޑާން ސްޕޭސް އޭޖް ފެށިގެން އައި ގޮތުގެ ވާހަކައެކެވެ.
ޓްރިބަންގާ: ތޭޑީ މޭޑީ ކްރޭޒީ
އެއް ގެއެއްގައި ދިރިއުޅޭ ތިން ޖެނެރޭޝަންގެ އަންހެނުންގެ ދިރިއުޅުން ދައްކުވައިދޭ މި ފިލްމަކީ ނެޓްފްލިކްސްގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. މި ފިލްމުގެ ތަރިންގެ ތެރޭ ހިމެނެނީ ކާޖަލް، ތަންވީ އަޒްމީ އަދި މިތިލާ ޕަލްކަރް އެވެ.