އުރީދޫ މޯލްޑިވްސް އިން ބުނީ ކަނޑުތައް ހިމާޔަތް ކުރުމަށް އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ދުނިޔޭގެ ރެކޯޑް މުގުރާލުމަށް "އެކްރޮސް މޯލްޑިވްސް" ގެ ޑައިވްގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އުރީދޫ މޯލްޑިވްސް އިން ބުނީ މި ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ އިން މި އެކްސްޕެޑިޝަނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެ ގޮތުން ޑިޖިޓަލް ކަނެކްޓިވިޓީގެ ޒަރިއްޔާއިން ރާއްޖޭގެ ކަނޑުތަކުގެ ވާހަކަ މުޅި ދުނިޔެއާ ހިއްސާ ކުރެވިގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.
މި ޕާޓްނާޝިޕްގެ ސަބަބުން އުރީދޫ މޯލްޑިވްސްއިން ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައުގައި ކުރިއަށްދާ އިނޮވެޓިވް މަސައްކަތްތައް ކުރިއެރުވުމަށް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދެ އެވެ.
މި ދަތުރުގެ ތެރެއިން ބައެއް ރަށްރަށަށް ޒިޔާރަތްކުރާނެ އެވެ. އެގޮތުން، ރަށު ކައުންސިލްތަކާއި ޕާޓްނަރުންގެ އެހީތެރިކަމާ އެކު، ތިމާވެށި ހިމާޔަތްކުރުމަށް ބާރުއަޅާ ތަފާތު މެސެޖުތައް ހިމެނޭ ގޮތަށް ހާއްސަ ޑޮކިއުމަންޓްރީއެއް ތައްޔާރުކުރާނެ އެވެ.
މި ހަރަކާތުގައި 460 ކިލޯމީޓަރަށްވުރެ ދިގު ރާސްތާއެއް ކަނޑުއަޑިން ކަޑަތުކުރާނެ އެވެ. އަދި 90 ގަޑިއިރަށްވުރެ ގިނަ ވަގުތު ކަނޑު އަޑީގައި ހޭދަކުރާނެ އެވެ.
މި ހަރަކާތުގެ މަގުސަދަކީ ރާއްޖޭގެ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާއި ކަނޑުތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމަށް އާންމުން ހޭލުންތެރިކުރުވުމެވެ.