ads
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން--
ކޮވިޑުގެ އާ ވޭރިއެންޓު ފެނުނު ޔޫކޭ ލޮކްޑައުންކޮށްފި
ކޮވިޑް-19 ގެ އާ ވޭރިއެންޓް ފެނުނު އިނގިރޭސިވިލާތުގެ ހާލަތު ގޯސްވަމުން ދިޔުމާއެކު އަނެއްކާވެސް ލޮކްޑައުންކޮށްފި އެވެ.

ކޮވިޑުގެ މުޅިން އާ ވޭރިއެންޓް އެންމެ ފުރަތަމަ ފެނުނު ޔޫކޭގައި މިހާރު ދަނީ މި ބަލި ހަލުވިކަމާއެކު ފެތުރެމުންނެވެ. އެހެންކަމުން ހޮސްޕިޓަލްތައް ފުރި، ސިއްހީ އެހީތެރިންނަށް ވަނީ ގޮންޖެހުމާ ކުރިމަތިވެފަ އެވެ.

އިއްޔެ ލޮކްޑައުން ކުރިކަން އިއުލާނު ކުރެއްވީ ބޮޑުވަޒީރު ބޮރިސް ޖޯންސަން އެވެ. މިގޮތަށް ނިންމަން ޖެހުނީ ވެކްސިން ދިނުމަށް ފެށި ޕްރޮގްރާމު ރަނގަޅަށް ނުހިނގަނީސް މާ ބޮޑަށް ހާލަތު ގޯސްވެދާނެތީ އެވެ.

ބޮރިސް ވިދާޅުވީ ޔޫކޭއިން ފެނުނު އާ ވޭރިއެންޓް އެހެން ގައުމުތަކުން ވެސް ފެނިފައި ވާއިރު، މި ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށާއި ކޮންޓްރޯލް ކުރަން ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. 

އެގޮތުން ބަލިމަޑުކަން ފެށުނު ފަހުން ޔޫކޭގެ ހޮސްޕިޓަލުތަކަށް ބާރު ބޮޑު ނުވާ މިންވަރަށް މިހާރު ބާރު ބޮޑުވެފައިވާ ކަމަށާއި އެހެންކަމުން ލޮކްޑައުނަށް ގޮސް އެންމެން ގޭގައި ތިބެން ޖެހޭ ކަމަށް ބޮރިސް ވިދާޅުވި އެވެ. 

މިކަމުގެ ސަބަބުން ގިނަ ފިހާރަތަކާއި ހޮސްޕިޓެލިޓީ އިންޑަސްޓްރީ ބަންދުކޮށް، ސްކޫލުތައް ވެސް ބަންދުކުރާނެ އެވެ. އަދި ބައެއް ބޮޑެތި އިިމްތިހާނުތައް ވެސް ކުރިއަކަށް ނުދާނެ އެވެ.

ބޮރިސް ވިދާޅުވީ ވެކްސިން ޕްރޮގްރާމު ރާވާފައިވާ ގޮތަށް ކުރިއަށް ގެންގޮސް، ލޮކްޑައުންގެ ސަބަބުން މަރުވާ މީހުންގެ އަދަދު މަދު ކުރެވިއްޖެ ނަމަ ފެބްރުއަރީ މަސް ތެރޭގައި ލޮކްޑައުން އުވާލެވޭނެ ކަމަށެވެ. 

ޔޫކޭގައި މިހާތަނަށް 2.5 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައި ވާއިރު 75،024 މީހުން ވަނީ މަރުވެފަ އެވެ. އާ ވޭރިއެންޓް ފެނުނު ފަހުން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ 50،000 އަށް އަރާފަ އެވެ.

އަލަށް ފެނިގެން އުޅޭ ވޭރިއެންޓަކީ ކޮވިޑުގެ އާދައިގެ ވައިރަހަށް ވުރެ 70 އިންސައްތަ ބާރަށް ފެތުރުމުގެ ގާބިލްކަން ލިބިފައިވާ ވައިރަހެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް