
އެމެރިކާއިން މެދުއިރުމަތީގައި މަސައްކަތް ކުރަމުން ދަނީ އީރާނާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރާނެ ގައުމުތަކެއް ހޯދުމަށެވެ. އެގޮތުން އެމެރިކާގެ މަޝްވަރާއަށް ފަހު ބައެއް ގައުމުތަކުން ވަނީ އިޒްރޭލާ ގުޅުން ވެސް ގާއިމްކޮށްފަ އެވެ.
އެ މަޝްވަރާތަކުގެ ތެރެއިން ސައުދީން މި ވަނީ އެގައުމުގެ ވައިގެ ސަރަހައްދާއި، ކަނޑުގެ ބޯޑަރާއި އެއްގަމުގެ ބޯޑަރު ގަތަރަށް ހުޅުވާލަން ނިންމާފަ އެވެ.
ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވީ ސަރަހައްދީ މައްސަލަތައް ހައްލު ކުރަން ގަލްފުގެ ލީޑަރުން އިސްނަގަން ޖެހޭ ކަމަށެވެ.
އެމެރިކާއިން ބުނެފައިވާ ގޮތުގައި ދެގައުމުގެ އެއްބަސްވުމުގައި ސޮއިކުރާނީ ސަލްމާން އާއި ގަތަރުގެ ވެރިޔާ އަމީރު ޝެއިހް ތަމީމް ބިން ހަމަދް އާލް ސާނީ ކަމަށެވެ.
ސައުދީގެ އިތުރުން ޔޫއޭއީ، ބަހްރެއިން އަދި މިސްރުން ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ 2017 ވަނަ އަހަރު އެގައުމުން ޓެރަރިޒަމަށް ހިތްވަރުދޭ ކަމުގެ ތުހުމަތަށް ފަހު އެވެ.
ގަތަރުން އެ ތުހުމަތުތައް ދޮގުކުރެ އެވެ. ސައުދީން ގަތަރާއެކު ގުޅުން ގާއިމްކުރަން ނިންމި ނަމަވެސް، ޔޫއޭއީ، ބަހްރެއިން އަދި މިސްރުން ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް އެމެރިކާއިން ބުނެފައި ވަނީ ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ.
މި މައްސަލާގައި ހިމެނޭ ހަތަރު ގައުމަކީ ވެސް މެދުއިރުމަތީގައި އެމެރިކާއަށް މުހިއްމު ގައުމުތަކެވެ. އެގޮތުން މި ގައުމުތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމްކޮށްފައި ވާއިރު ބައެއް ގައުމުތަކުގައި އެމެރިކާ ސިފައިން ވެސް ތިބެ އެވެ.