ދެކުނު ކޮރެއާގެ ހެލްތު މިނިސްޓަރު ކްވޮން ޑިއޮކް-ޗުލް ވިދާޅުވީ އެގައުމުގެ ޖަލުތަކުގެ ހާލަތު ގޯސްވުމުގެ ސަބަބުން 52 ޖަލެއްގައި ތިބި މަސައްކަތު މީހުންނާއި ގައިދީން ކޮވިޑް-19 އަށް ޓެސްޓުކުރަމުންދާ ކަމަށެވެ.
މިދިޔަ މަހު ވެރިރަށް ސޯލްގެ ދެކުނު އިރުމަތީގައި ހުންނަ ޖަލެއްގައި ބޮޑު ކްލަސްޓާއެއް އުފެދުމާއި ގުޅިގެން ކުރި ޓެސްޓުތަކަށް ފަހު، އެ ޖަލުގައި ތިބި 2،292 ގައިދީންނާއި މަސައްކަތު މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ދެކުނު ކޮރެއާގެ ހެލްތު މިނިސްޓްރީގެ އިސް ބޭފުޅަކު ވަނީ ވިދާޅުވެފަ އެވެ.
މިހާރު ދެކުނު ކޮރެއާގެ ޖަސްޓިސް މިނިސްޓްރީން އަންނަނީ ކޮވިޑް-19 ޖެހިފައިވާ ގައިދީންނާއި މަސައްކަތު މީހުން ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ކަމާ ބެހޭ ފަރާތްތަކުން ދެކުނު ކޮރެއާގެ ޖަލުތަކުގައި ކޮވިޑް-19 އަށް ޓެސްޓުކުރުން އިތުރުކޮށްފައިވާ އިރު، އެގައުމުން ވަނީ 70،000 ގައިދީީންނާއި މަސައްކަތު މީހުން ޓެސްޓުކުރަން ނިންމައިފަ އެވެ. މިހާތަނަށް ދެކުނު ކޮރެއާގެ ޖަލުތަކުން ކޮވިޑް-19 ގެ 1،191 ކޭސް ފެނިފައިވެ އެވެ.
ދެކުނު ކޮރެއާއިން ވެސް ކޮވިޑް-19 ގެ އާ ވޭރިއެންޓް ފެނިފައިވާ އިރު، އިނގިރޭސިވިލާތުން އެގައުމަށް ކުރާ ދަތުރުތައް މެދުކަނޑާލާފައި އޮތް މުއްދަތު އިތުރުކުރުމަށް ވިސްނަމުން އަންނަ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އެ ފަރާތްތަކުން މިހެން ބުނެފައިވަނީ ދެކުނު ކޮރެއާގައި ކޮވިޑް-19 ގެ އާ ވޭރިއެންޓަށް 12 މީހުން ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
މާދަމާގެ ނިޔަލަށް އިނގިރޭސިވިލާތާއި ދެމެދު ކުރާ ވައިގެ ދަތުރުތައް މެދު ކަނޑާލާފައިވީ ނަމަވެސް، އެގައުމުގެ ރައްޔިތުންނަށް އަނބުރާ ގައުމަށް އާދެވެ އެވެ. އެގޮތުން އަނބުރާ ދެކުނު ކޮރެއާ އަށް އަންނަން ބޭނުންވާ ފަރާތްތަކުން ކޮވިޑް-19 އަށް ޓެސްޓުކުރަން ޖެހެ އެވެ.
ދެކުނު ކޮރެއާއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 65،000 އާ ގާތްކޮށްފައިވާ އިރު، ހާހަކަށް ވުރެ ގިނަ މީހުން އެގައުމުން މަރުވެފައިވެ އެވެ.