ads
ސިހުރު ހަދަނީ--
ސިހުރުން ހަލާކުކޮށްލި ލޯބީގެ ގުޅުން
ސިހުރަކީ ބޮޑުވެގެންވާ ފާފައެކެވެ. ނަމަވެސް ވަރަށް ގިނައިން މީހުން ޝައިތާނާގެ ވަސްވާހުގައި ޖެހި އެފަދަ ކަންކަން ކުރަމުން ދެއެވެ. އުފާވެރި ދެމަފިރިން ދުރުކުރުމަށާއި މީހުންގެ މުދާ ފޭރުމާއި މޮޅަށް ކިޔަވާ ރަހުމަތްތެރިޔާގެ ކިޔެވުން ބަރުބާދުކޮށްލަން ސިހުރު ހަދާ މަންޒަރު ވަރަށް ގިނައިން ފެނެ އެވެ.

އަހަރެންގެ ހަޔާތް ބަދަލުކޮށްލީ ހަސަދައިން ފުރިފައިވާ މީހެއްގެ ތޫނު ނަޒަރު ދިރިއުޅުމަށް އެޅުމުންނެވެ. އެ ހާދިސާ ވެގެން ދިޔައީ އަހަރެންގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖަހާލި ގަދަފަދަ ތޫފާނަކަށެވެ. އެ މަންޒަރުތައް ލޯކުރިމަތީގައި އަދިވެސް އެނބުރޭހެން ހީވެ އެވެ.

އެއީ މީގެ ދެ އަހަރު ކުރީގެ ވާހަކަ އެކެވެ. އަހަރެން އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ރަށުގެ އެންމެ މުއްސަނދި އަދި ގަދަރުވެރި އާއިލާގެ ކުއްޖަކާ އެވެ. އެއީ އަޔާން އެވެ. ރަށުގެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަހަރުމެން ދެމީހުންގެ ގުޅުމަށް ލިބެމުން ދިޔަ އެވެ. ނަމަވެސް ދެމީހުން އެކަކު އަނެކަކު ދެކެވާ ލޯބީގެ ގޮށް ދިޔައީ ބާރުވަމުންނެވެ.

ހަސަދައިގެ ލޯތަކުގެ އެސްފީނާ އަހަރުމެންގެ ލޯތްބަށް ޖެހޭކަށް މާ ގިނަ ދުވަހެއް ނުނެގި އެވެ. އަޔާންގެ އުޅުން ވަރަށް ބޮޑަށް ބަދަލުވި އެވެ. އަހަރެންނަށް ދޭ އަޅާލުން ކުޑަވާން ފެށި އެވެ. ކައިރިޔަށް އަޔަސް ހުންނަނީ އަބަދު މޫނު ހަދާފަ އެވެ. މިކަމާ އަހަރެެން ކިތަންމެ ދެރަވިޔަސް ހަދާނެ ގޮތެއް ނޭންގުނެވެ.

ދެން އަހަރެންނަށް ރަށު ތެރެއިން އިވެން ފެށި އަޑަކީ އަޔާންގެ ކުރީގެ ލޯބިވެރިޔާ އޭނާއަށް ފަންޑިތަ ހަދައިގެން އޭނާގެ ލޯބި ހާސިލް ކުރަން އުޅޭ ވާހަކަ އެވެ. އަހަރެން މި ވާހަކަ އަވަހަށް ގޮސް އަޔާންގެ މަންމަ ކައިރީގައި ބުނީމެވެ. އޭނާގެ މަންމަ އަހަރެން ދެކެ ވަރަށް ލޯބިވާނެ އެވެ. އެހެންކަމުން މިކަމުގެ ހަގީގަތް ބެލުމަށް އަހަރުމެން މަސައްކަތް ފެށީމެވެ.

ރަށުގައި އުޅޭ ރުގިޔާ ހަދަން މޮޅު މީހެއް ކައިރިއަށް އަޔާން ގެންދިޔައީމެވެ. ފުރަތަމަ ދުވަހު ރުގިޔާ ކުރަން ފެށިތަނާ އަޔާން ވަރަށް ބިރުވެރި އަޑަކުން އެންމެންނާ ދިމާލަށް އެއްޗެހި ކިޔަން ފެށި އެވެ. އޭރު އޭނާގެ ލޮލުގެ ކަޅި ފެންނާކަށް ނެތެވެ. ގުރުއާންގެ އަޑު ބާރުކޮށް އަދި ވަރުގަދަކޮށް ރުގިޔާ ކުރާ މީހާ ކިޔަން ފެށި އެވެ. އަޔާންގެ މުޅި ހަށިގަނޑަށް ކަރަންޓު ޖެހިގެން އުޅޭ ފަދައިން އޭނާ ހަރަކާތް ކުރަމުން ދިޔަ އެވެ. އަހަރެން ހުރީ ބިރުން ފިތްކަނޑައިގެން ގޮސްފަ އެވެ.

ރުގިޔާ ކުރާ މީހާ އަޔާންއާ ސުވާލު ކުރަން ފެށި އެވެ. އެހެން އަޑަކުން އޭނާ ދިޔައީ ވާހަކަ ދައްކަމުންނެވެ. އޭނާ ބުނަމުން ދިއައީ އެކަކަށް ވެސް ނޭންގޭ ބައިވަރު ސިއްރުތަކެކެވެ. އަޔާންއަށް ސިހުރު ހަދާފައިވާ ކަމަށް ވެސް އެ އަޑުގެ ވެރި ފަރާތުން ދިޔައީ ބުނަމުންނެވެ. އަދި ސިހުރު ވަޅުލާފައި ހުރި ތަނާއި އެ އެއްޗިއްސަށް ހަދަންވީ ގޮތް ވެސް ކިޔައިދިނެވެ.

އަޔާންގެ ބައްޕަވއަދި ބޭބެމެން ގޮސް އެތަންތަން ބަލާ އެވއެއްޗެހި ނަގާ ނައްތާލި އެވެ. އަދި ހަފްތާއެއް ވަންދެން އަޔާންއަށް ރުގިޔާ ކުރުމަށް ފަހު އޭނާ ދޫކޮށްލި އެވެ.

އަޔާން ކައިރީގައި ބަރާބަރަށް ނަމާދުކޮށް ދުއާ ކުރުމަށް ރުގިޔާ ކުރިމީހާ ނަސޭހަތްތެރިވި އެވެ. އޭގެ ފަހުން އަޔާން އޭނާގެ އުޅުން ބަދަލުކޮށް ދީނީ ކަންކަމަށް ފަރުވާ  ބަހައްޓައެވެ. އަދި އެކަހަލަ ހާދިސާއެއް އޭނާއަކަށް ދިމަލެއް ނުވެ އެވެ.

އަހަރެންނާއި އަޔާންގެ ގުޅުން ފަހުން ނިމިގެން ދިޔަ ނަމަވެސް އެ ހާދިސާގެ ސަބަބުން އަހަރެންގެ ދިރިއުޅުން ބަދަލުވެގެން ދިޔަ އެވެ.

0%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
88%
ވަރަށް ސަލާމް
ކޮމެންޓްސް