
އަނެއްކާވެސް އާ އަހަރެއްގެ ކިޔެވުމާއި ބައްދަލުކުރިއިރު ދަރިވަރުންނަށް މުޅިންއާ ތައުލީމީ ދައުރުގެ ފޮނިކަން ހޯދައި ދިނުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިއަހަރުގެ ކިޔެވުން ކުރިއަށް ގެންދާނީ ސްކޫލްތަކަށް ދަރިވަރުން ގޮސްގެންކަމަށް އިއުލާން ކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އުންމީދުތައް މިހެން ހުރިނަމަވެސް ދެލޯފަދައިން ބަލާ ބޮޑުކުރަމުން އަންނަ ކުދި ބަޔަކު ކޮވިޑް-19 ގެ މިފަދަ ދަނޑިވަޅެއްގައި ސްކޫލްތަކަށް ފޮނުވަން ބޭނުން ނުވާ ބެލެނިވެރިންވެސް އެބަތިއްބެވެ. އެ ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަދި ހިތުގައި ވާ ސުވާލަކީވެސް " މިފަދަ ހާލަތެއްގައި ސްކޫލްތަކަކީ ރައްކާތެރި މާހައުލެއްތޯ؟" ކުރެވޭ ސުވާލެވެ. ދެލޯފަދަ އަމިއްލަ ދަރިފުޅު އެފަދަ މާހައުލަކަށް ދޫކޮށްލުމުގެ ކުރިން މިކަންކަން ކޮންމެހެންވެސް ކަަށަވަރުކުރަން ހަމަ ކޮންމެ ބެލެނިވެރިއަކުވެސް ބޭނުންވާނެ ކަންވެސް ޔަގީނެވެ.
ބެލެނިވެރިންގެ މި ސުވާލައް ޖަވާބުދެއްވަމުން ޖަމާލުއްދީން ސްކޫލްގެ ޓީޗަރު ފާތިމަތު ނުޒްހާ ވިދާޅުވީ މިފަދަ ހާލަތެއްގައި ނޫންނަމަވެސް ސްކޫލަކީ އަބަދުވެސް ރައްކާތެރި މާހައުލެއް ކަމަށެވެ.
ނުޒުހާ ވިދާޅުވީ އެކަމުގެ ސަބަބުން ކުދިންގެ ކިޔެވުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އޮންލައިންކޮށް ކިޔަވަމުންދިޔައިރު ކުދިންގެ ލިޔެކިޔުމުގެ ހުނަރާއި، ހިސާބު އިލްމުގެ ހުނަރުތައް ވަރަށް ބޮޑަށް ދަށްވިކަން ފާހަގަކުރެވުނުކަން ނުޒުހާ ފާހަގަކުރެއްވިއެވެ. ނުޒްހާ ވަނީ އެކަޑެމިކް ކަލަންޑަރަށް އައި ބަދަލުތަކާއި ގުޅިގެން ބެލެނިވެރިންގެ ކުންހީތަކަށްވެސް ޖަވާބު ދެއްވާފައެވެ. އެގޮތުން އެކަޑަމިކް ކަލަންޑަރަށް އައި ބަދަލުތަކާއިއެކު މަތީ ތައުލީމް ހާސިލުކުރާ ދަރިވަރުންނަށް ގެއްލުންތަކެއް ވެގެންދާނެ ކަމަށް ބައެއް ބެލެނިވެރިންނަށް ހީކުރެވޭކަން ފާހަގަކުރައްވާ ވިދާޅުވީ، މީގެ ކުރިންވެސް ތައުލީމް ހާސިލުކުރުމަށްފަހު މަތީ ތައުލީމް ހާސިލުކުރުމާއިދެެމެދު ހަ މަސްދުވަސް ދަރިވަރުން ކިޔެވުމާއި ދުރުގައި ހޭދަކުރާ ކަމަށެވެ. އެހެންކަމުން މިހާލަތުގައި ކުދިންގެ ކިޔެވުމަށް މަޑުޖެހުމެއް އައި ކަމުގައި ވީނަމަވެސް ދަރިވަރުންގެ މަތީ ތައުލީމް ނިންމާ އުމުރުފުރާއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
2020 ވަނަ އަހަރު ދިމާވި ކޮރޯނާ ވައިރަހުގެ އާލަމީ ވަބާ ވެގެން ދިޔައީ ދިވެހިރާއްޖޭގެ ތައުލީމީ ހަޔާތަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަށެވެ. އަދި އެ ގޮންޖެހުމުގެ ގެއްލުން މާލީ ގޮތުންނާއި، މައުނަވީ ގޮތަކުން ވެސް އެންމެ ބޮޑުވާނީ މި ޕެންޑަމިކުގައިކަން ޔަގީނެވެ. ސަބަބަކީ 2020 ވަނަ އަހަރު ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައުލީމީ ހިދުމަތް ދައުލަތުގެ ފަރާތުން ދެމުން ގެންދިޔައެވެ. އަދި ގިނަ ކުދިންތަކެއް ތައުލީމް ހާސިލުކުރަމުން ގެންދިޔައެވެ. މި ފަދަ އެތައް ސަބަބުތަކަށްޓަކައި 2020 ވަަނަ އަހަރަކީ ރާއްޖޭގެ ތައުލީމީ ހަޔާތަށް ދިމާވި އެންމެ ބަނަ އެއް އަހަރެވެ. އަދި އެންމެ ހިތާމަވެރި އަހަރުވެސް މެއެވެ.
ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި ކޮވިޑްގެ ހާލަތުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ދަރިވަރުންނަށް ސްކޫލަށް ހާޒިރުވެގެން ތައުލީމް ހާސިލުކުރުމުގެ ފުރުސަތު ގެއްލިގެން ދިޔުމެވެ. އެ ފުރުސަތު ގެއްލިގެން ދިޔުމާއިއެކު ކުދިންގެ އިޖްތިމާއީ، ނަފްސާނީ އަދި ޖިސްމާނީ ހުނަރުތައް ތަރައްގީކުރުމަށްޓަކައި ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެގެން ދިޔަކަން ފާހަގަކުރެވެއެވެ.
މާޗް 12 ގައި ރާއްޖޭ ސްކޫލުތައް ބަންދު ކުރުމަށް ފަހު ޖުލައި އެކެއްގައި މާލެ ނޫން ރަށްރަށުގައި ގްރޭޑް އެކަކުން މަތީގެ ކުދިންނަށް ކިޔަވައިދޭން ފެށި އެވެ. ފަހުން ހާލަތު ކުޑަކޮށް ހަމަޔަަކަށް އެޅި ފައުންޑޭޝަން އަދި ޕްރީސްކޫލް ކުދިންނަށް އަތޮޅުތަކުގައި ކިޔަވައިދޭން ފަށަން ނިންމި ނަމަވެސް، 2020 ވަނަ އަހަރުގެ ކިޔެވުން މާލެ ސަރަހައްދުގެ އެ އުމުރުގެ ކުދިންނަށް ނިންމާލަން ޖެހުނީ ސްކޫލަށް ދިޔުމުގެ ހުއްދައެއް ނުލިބިއެވެ.
މިދިޔަ ޓާމުގެ ރިޕޯޓް ފޮތް ޑިޖިޓަލްކޮށް ބޭއްވި ހަފުލާއެއްގައި ދިނުމަށް ފަހު ސްކޫލުތައް ބަންދުކޮށްފައިވާއިރު ކޮވިޑް-19 އާ ގުޅިގެން ތައުލީމީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުން ބޮޑެވެ. އެގޮތުން ކޮވިޑް-19 ގެ ހާލަތުގައި އެކި ފަހަރުމަތިން ސްކޫލްތަކުގައި ދަރިވަރުންނަށް ކިޔަވައި ދިނުން ހުއްޓާލަން ޖެހުނުއިރު ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯސްވެ ސްކޫލްތަކަށް ކުދިން ގެންގޮސްގެން ކިޔަވައި ދިނުމަކީ އެންމެ ރައްކާތެރިގޮތަށް ނުވާތީ ކުދިންނަށް މުޅިންހެންވެސް ކިޔަވައިދެމުންދިޔައީ އޮންލައިންކޮށެވެ. ހާއްސަކޮށް ޕްރީންސްކޫލް ލެވެެލްގެ ދަރިވަރުންގެ މިއަހަރުގެ މުޅި ތައުލީމީ ދައުރު ނިމިގެންދިޔައީ އޮންލައިން ކްލާސްތަކުންނެވެ.
އެކުދިންނަށް އޮންލައިންކޮށް ތައުލީމް ފޯރުކޮށް ދިނުމަށް ކުރެވުނު މަަސައްކަތުގެ ތެރެއިން އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެންދިޔައީ މުޅިން އަލަށް ވުޖޫދު ކުރެވުނު ޓެލެކްލާސް ތަކެވެ. ދަރިވަރުންނަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަވައި ދިނުމަށްޓަކައި ޓެލެކްލާސްތައް ވަނީ މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށް ގެންގޮސްފަ އެވެ.