ads
ކެޕިޓޮލްގައި ސަލާމަތީ ފައުޖުގެ މެމްބަރަކު ހަރަކާތްތެރިވަނީ--
ކޮންގްރެސްގެ ހަމަނުޖެހުމަށް ފަހު ބައިޑެންގެ ކާމިޔާބީ ބަލައިގަތުން ކުރިއަށް
އެމެރިކާގައި ނިމިދިޔަ ރިޔާސީ އިންތިހާބުން ބަލިވެ ވަޑައިގެންނެވި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ރޭ ދަންވަރުގެ ވަގުތުގައި ކޮންގްރެސް ބައްދަލުވުންތައް ބާއްވާ ކެޕިޓޮލް އިމާރާތުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން އުފައްދާފަ އެވެ. އެމީހުންގެ ބޭނުމަކަށްވީ އިންތިހާބީ ރައީސް ޖޯ ބައިޑެންގެ ކާމިޔާބީ ކަށަވަރު ކުރުމަށް ނަތީޖާތައް ފާސްކުރުން ހުއްޓުވުމެވެ.

ހަމަނުޖެހުމުގެ ސަބަބުން ހަތަރު މީހުން މަރުވެފައި ވާއިރު މިހާރު ވަނީ ހާލަތު ކޮންޓްރޯލްކޮށް، ކޮންގްރެސްގެ މެމްބަރުން އަލުން މަސައްކަތް ފަށާފަ އެވެ. ޓްރަމްޕް ސަޕޯޓަރުންގެ ތެރެއިން އެއް އަންހެނަކު މަރުވީ ފުލުހުން ބަޑި ޖެހުމުގެ ސަބަބުންނެވެ. އިތުރު ތިން މީހުން މަރުވީ ސިއްހީ އެމަޖެންސީތައް ދިމާވެގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިންތިހާބުގެ ނަތީޖާ ބަދަލުކުރުމުގެ ނިޔަތުގައި ހަމަނުޖެހުން އުފެއްދުމުން ބައިޑެން ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. އެމީހުން އެގޮތަށް އަމަލު ކުރިއިރު، ޓްރަމްޕް އޭގެ ކުރިން ވަނީ އެމަނިކުފާނުގެ ސަޕޯޓަރުން ކެޕިޓޮލް އިމާރާތަށް ދިޔުމަށް ގޮވާލައްވާފަ އެވެ. ނަމަވެސް ފަހުން ޓްރަމްޕް ވަނީ ސަޕޯޓަރުން ގެއަށް ދިޔުމަށް އެދިވަޑައިގެންފަ އެވެ.

އިންތިހާބުގައި މަކަރު ހަދާފައިވާ ކަމަށް އެއްވެސް ހެއްކެއް ނެތި ޓްރަމްޕް ވިދާޅުވަމުން ގެންދަވާތީ ޓްވިޓާ އާއި ފޭސްބުކްއިން ވެސް އެންމެ ފަހުން ވަނީ އެމަނިކުފާނުގެ އެކައުންޓު ސަސްޕެންޑުކޮށްފަ އެވެ. 

ކޮންގްރެސްގެ ބައްދަލުވުން އަލުން ފައްޓަވައިދެއްވީ ނައިބު ރައީސް މައިކް ޕެންސް އެވެ. އެމަނިކުފާނު ވިދާޅުވީ މިއީ އެމެރިކާގެ ކެޕިޓޮލްގެ ތާރީހުގައި އަނދިރި ދުވަހެއް ކަމަށެވެ. ބައްދަލުވުން ފެށުމާއެކު ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުން ގެންދަވަނީ ނަތީޖާ ބަދަލުކުރެވޭނެ ކަމުގެ އުއްމީދުގައި ނިތާމީ ނުކުތާތައް ނަގަމުންނެވެ. ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން ނަތީޖާ ބަދަލުވުމަކީ ދުރުގައިވާ ކަމެކެވެ. 

ކެޕިޓޮލްގައި ހަމަނުޖެހުން ހިނގާފައި ވާއިރު ޖޯޖިއާ ސްޓޭޓުން ސެނެޓުގެ ދެ ގޮނޑި މިއަދު ބައިޑެންގެ ޑިމޮކްރެޓިކް ޕާޓީއަށް ވަނީ ލިބިފަ އެވެ. އެހެންކަމުން ކޮންގްރެސްގެ ކޮންޓްރޯލް މިހާރު އޮތީ ޑިމޮކްރެޓުންގެ އަތުގަ އެވެ. ޖެނުއަރީ 20 ގައި ބައިޑެން ހުވާކުރެއްވުމަށް ހަމަޖެހިފައި ވާއިރު ކޮންގްރެސްގެ ކޮންޓްރޯލް ޑިމޮކްރެޓުންނަށް ލިބިފައި އޮތުމުން އެމަނިކުފާނުގެ އެޖެންޑާ ހިންގަން ފަސޭހަވެގެންދާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް