ads
ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްދާއިރު ކްރިމިނަލް ކޯޓު ކައިރީ ކުރިއަށްދާ ސުލަހްވެރި އެއްވުމުގެ ތެރެއިން--- ފޮޓޯ: ޒިޔާން
ހައްޔަރުގައި ތިބިއިރު 3 ކަނބަލުންނާމެދު އަމަލުކޮށްފައިވަނީ ވަރަށް އިހާނެތިކޮށް: އިދިކޮޅު
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ވަގުތު އެސަރަހައްދަށް ދިޔަ ސަޕޯޓަރުންގެ ތެރެއިން ހައްޔަރުކުރި ފަސްމީހުން މިއަދު ދޫކޮށްލިއިރު އޭގެ ތެެެރެއިން ތިން ކަނބަލުންނާއިމެދު ފުލުހުން އަމަލުކޮށްފައިވަނީ ވަރަށް އިހާނެތިކޮށްކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

ސުލްހަވެރި އިހްތިޖާޖުގެ ތެރެއިން ހައްޔަރުކުރި ފަރާތްތަކާމެދު އިންސާނީ ހައްގުތަކާ ހިލާފަށް އަަމަލުކޮށްފައިވާ ކަމަށް ބުނެ އިދިކޮޅުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޝަރީޢަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ވަގުތު އެމަނިކުފާނު ދެކިލުމަށް ދިޔަ އެމަނިކުފާނުގެ ބައެއް ސަޕޯޓަރުންގެ ތެރެއިން ފުލުހުން ހައްޔަރު ކުރި ފަރާތްތަކާމެދު އިންސާނީ ހައްގުތަކާ ހިލާފަށް އަމަލުކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.  

ފުލުހުން ހައްޔަރުކޮށް މިއަދު ދޫކޮށްލި ތިން ކަނބަލުންނާމެދު ވަރަށް އިހާނެތިކޮށް އަމަލުކޮށްފައިވާ ކަމަށް އެފަރާތްތަކުން މައުލޫމާތު ދީފައިވާކަމަށާއި އެގޮތުން އެތައް އިރެއް ވަންދެން ކާންނުދީ ބޭތިއްބުމާއި ނަމާދުކުރެވޭނެ ގޮތްވެސް ފަހިކޮށްދީފައި ނުވާ ކަމާއި އިންސާނުން ބައިތިއްބަން ހެޔޮނުވާވަރުގެ ތަނެއްގައި ބޭތިއްބި ކަމަށްވެސް އެފަރާތްތަކުން ބުނާ ކަމަށް އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކުވެސް ހިމެނޭއިރު އެފަރާތާމެދުވެސް ވަރަށް އިހާނެތިކޮށް ކަންތައްކޮށްފައިވާ ކަމަށް އެމީހުން ބުނެފައިވާ ކަމަށް އިދިކޮޅުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ފުލުހުންނަކީ ރައްޔިތުން ރައްކާތެރިކޮށް ރައްޔިތުންނަށް ހިދުމަތްކުރުމަށް ހުވައެއް ކޮށްގެން ތިބޭ ބަޔަކަށް ވީހިނދު ރައްޔިތުންނާ ފުލުހުންނާ ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާގޮތަށް ސިޔާސީ ވަކި މަގްސަދެއް ހާސިލްކުރުމަށްޓަކައި ފުލުހުންގެ އިސްވެރިން ކުރާ ގައިރުޤާނޫނީ އަމުރުތަކުގެ ސަބަބުން ފުލުހުން އަދާކުރަންޖެހޭ ވާޖިބަށް ހުރަސްއެޅި މުޅި ފުލުހުންގެ މުއައްސަސާގެ އަގުވެއްޓިގެންދިއުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. 

އެހެންކަމުން ފުލުހުން ހައްޔަރުކުރި ކަނބަލުންނާމެދު އިންސާނީ ހައްގުތަކާ ހިލާފަށް ހިންގާފައިވާ އެ ދަށުދަރަޖައިގެ އަމަލުތައް ތަހުގީގު ކުރުމަށް ކަމާ ބެހޭ މުއައްސަސާ ތަކަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. 

ސީއެންއެމް އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލެއް ވިދާޅުވީ ހައްޔަރު ކުރި ޕީޕީއެމްގެ ސަޕޯޓަރުންތައް ދޫކޮށްލާފައިވަނީ މިއަދު 3:30 ހާއިރު ކަމަށެވެ. މީގެ އިތުރުން މި މީހުން ދޫކޮށްލާފައިވަނީ ކޯޓަށް ގެންދިއުމެއް ނެތި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި އިއްޔެ ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ފުލުހުން ވަނީ އިހުތިޖާޖުގެ ތެރެއިން ހައްޔަރު ކޮށްފައިވަނީ ފަސް މީހުން ކަމަށް ބުނެފައެވެ. އެއީ ތިން އަންހެނުންނާއި ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް، ޕީޕީއެމްގެ ކައުންސިލް މެމްބަރު ފާތިމަތު ފަޒްލާ އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު ސޫދާ އަބްދުﷲ ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް