ads
ޕާކިސްތާނުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިފައި---
ޕާކިސްތާނު އަނދިރިކަމުގެ ތެރެއަށް
ޕާކިސްތާނުގެ ބޮޑު ބަޔަކުން ކަރަންޓު ގޮސް ގާތްގަނޑަކަށް މުޅި ގައުމު އަނދިރިކަމުގެ ތެރެއަށް ވެއްޓިއްޖެ އެވެ.

ރޭ ދަންވަރު ޕާކިސްތާނުގެ ގިނަ ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ އިރު، އެތަކެއް ގަޑިއިރެއް ވަންދެން އެގައުމުގެ ގިނަ ބަޔަކު އުޅެމުން ދިޔައީ އަނދިރިކަމެއްގެ ތެރޭގަ އެވެ.

އެގައުމުގެ އޮފިޝަލުން ބުނީ މިހާރު ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓު ފޯރުކޮށްދޭން ފަށާފައިވާ ކަމަށާއި، ބާކީ ހުރި ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކަރަންޓު ކެނޑެން މެދުވެރިވީ ޕަވާ ޓްރާންސްމިޝަން ސިސްޓަމްގެ ފްރީކުއެންސީ ކުއްލިއަކަށް ދަށްވުމުން ކަމަށް ޕާކިސްތާނުގެ ހަކަތައާ ބެހޭ ވަޒީރު އޮމަރު އައްޔޫބު ހާން ވަނީ ވިދާޅުވެފަ އެވެ.

ކަރަންޓު ކެނޑިފައިވާ ސަރަހައްދުތަކުގެ ތެރޭގައި ޕާކިސްތާނުގެ ބޮޑެތި ސިޓީތައް ކަމަށްވާ ވެރިރަށް އިސްލާމްއާބާދާއި، ކަރާޗީ އާއި، ލާހޯރު ހިމެނެ އެވެ. މިހާރު ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓު ދެވިފައިވެ އެވެ. އޭގެ ތެރޭގައި ޕެޝާވަރު ހިމެނެ އެވެ.

ކަރަންޓު ކެނޑުމުގެ މައްސަލައަކީ ޕާކިސްތާނުގައި އަދިވެސް ހައްލެއް ލިބިފައި ނުވާ މައްސަލައެކެވެ. ބައެއް ސަރަހައްދުތަކުން އެތައް އިރެއް ވަންދެން ކަރަންޓު ކެނޑިފައި ހުރުމަކީ އާންމު ކަމަކަށްވާ އިރު، ކަރަންޓު ކެނޑުމުގެ މައްސަލަ ދިގުލައިގެން ދާތީ ޕާކިސްތާނުގެ ރައްޔިތުން މުޒާހަރާ ވެސް ކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް