ads
ހައިކޯޓް: އޭޖީގެ ވަކީލަކު ދޮގު ހެދި ކަމަށް ތުހުމަތު ކުރެވެނީ ހައި ކޯޓުގައި.
ދައުލަތުގެ ވަކީލަކު ކޯޓުގައި ދޮގު ހެދި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ
ޑިފެންސް މިނިސްޓްރީގެ އާ އިމާރާތުގެ މަސައްކަތް ކުރަން ކޮންޓްރެކްޓަރާއި ހަވާލު ކުރުން ހުއްޓުވުމަށް، އެ މަސައްކަތަށް އެންމެ ކުޑަ އަގެއް ހުށަހެޅި އެސްޖޭ ކޮންސްޓްރަކްޝަނުން ކޯޓަށް ހުށަހެޅި މައްސަލާގައި، ދައުލަތުގެ ވަކީލު ކޯޓުގައި ދޮގު ހަދައި އޮޅުވާލި ކަމަށް އެ ކުންފުނިން ތުހުމަތު ކޮށްފި އެވެ.
Advertisement

އެސްޖޭ ކޮންސްޓްރަކްޝަނުގެ ހިއްސާދާރެއް ކަމަށްވާ ގާނޫނީ ވަކީލު ޝިހާދު އިބްރާހިމް މިއަދު ޓްވިޓާގައި ވިދާޅުވީ، ނިމިދިޔަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހު ހައި ކޯޓުގައި ދައުލަތުގެ ވަކީލު، ޑިފެންސް މިނިސްޓްރީގެ އާ އިމާރާރުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ މަސައްކަތް ހުއްޓުވައިފިނަމަ މަސައްކަތްކުރާ ފަރާތަށް ބަދަލުދޭންޖެހޭ ހާލަތް މެދުވެރިވާނެ ކަމަށް ބުނި ކަމަށެވެ. އަދި ދައުލަތުގެ ވަކީލުން ދޮގު ހެދުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެސްޖޭން ޑިފެންސް މިނިސްޓްރީ އަށް އެ މައުލޫމާތު ސާފު ކުރަން ހުށަހެޅުމުން މިއަދު އެ މިނިސްޓްރީން އެ ކުންފުންޏަށް ފޮނުވި ޖަވާބުގައި އޮތީ، ޑިފެންސްގެ އާ އިމާރާތް އަޅަން ކޮންޓްރެކްޓަރާ ބިން ހަވާލުކުރީ ޑިސެންބަރު 31 ގައި ކަމަށެވެ.  

"މަސައްކަތް ފެށި ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވީ ވަގުތީ އަމުރާއި މެދު ގޮތެއް ނިންމުމަށް ޑިސެންބަރު 15 ގައި ހައިކޯޓުގައި ބޭއްވުނު ޝަރީއަތުގެ މަޖިލިސްއެއްގައި، މަސައްކަތް ފެށިފައި އޮތުމުގެ ސަބަބުން ދައުލަތަށް އޮތް ބުރަބޮޑުކަމަށް ބަލައި އަޅުގަނޑުމެންނާ ދެކޮޅަށް މައްސަލަ ނިމުނު ކަމަށް ހުކުމް އައީ ޑިސެންބަރު 17 ގައި. އެކަމަކު ހުކުމް ވެސް ކުރި ފަހުން 31 ޑިސެމްބަރުގައި ބިން ހަވާލު ކުރީ. ބިން ހަވާލުކުރުމުގެ ކުރިން އިމާރާތް ކުރުމުގެ މަސައްކަތް ފަށާނީ ކިހިނެއްތޯ؟،" ޝިހާދު ވިދާޅުވި އެވެ. 

މައްސަލަ ފެށުނު ހިސާބު:

މި މައްސަލަ ފެންމަތިވީ ކުންފުނިތަކަށް މަސައްކަތް ކުރެވޭނެ ވަރު ލިމިޓްކޮށް އަލަށް އަމަލު ކުރަން ފެށި ގަވާއިދުގެ ކުރިން ޑިފެންސް ބިލްޑިންގްގެ ޕްރޮޖެކްޓުގެ ބިޑު މަރުހަލާ ނިމިފައި އޮތުމުން، ކުރީގެ ބިޑަކަށް އޭގެ މާ ފަހުން އަމަލު ކުރަން ފެށި އުސޫލެއް ފެއްތުމުންނެވެ. އެގޮތުން އެ ޕްރޮޖެކްޓަށް ބިޑް ކުރަން އިއުލާނު ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 19 ވަނަ ދުވަހު އެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީގައި 27 ގައި އޮތީ ބިޑް އޯޕަނިން ބާއްވައިފަ އެވެ.

ބީލަމުގެ މަރުހަލާ އެއްކޮށް ނިމިފައި އޮއްވާ މާ ފަހުން މިދިޔަ އަހަރުގެ އޭޕްރީލް އެކެއްގައި އިއުލާނު ކުރެވި، އަމަލު ކުރަން ފެށި އުސޫލުގެ ދަށުން އެ ޕްރޮޖެކްޓަށް އެންމެ ކުޑަ އަގު ހުށަހެޅި ކުންފުންޏަށް ނުދީ، އެ ކުންފުންޏަށް ވުރެ 5.5 މިލިޔަން ރުފިޔާ ބޮޑުކޮށް ހުށަހެޅި ކުންފުންޏާ އެ މަސައްކަތްތައް ހަވާލުކުރުމަކީ، ބޭރުގެ މާލީ އިދާރާތަކުގެ ބެސްޓް ޕްރެކްޓިސް އާ ވެސް ހިލާފު ކަމެކެވެ. އެގޮތުން ބިޑް ކުރުމުގެ މަރުހަލާގެ ތެރެއިން ކްރައިޓީރިއާ ބަދަލު ކުރުން ނުވަތަ ބިޑް މަރުހަލާ ނިމޭ ފަހުން އާ އުސޫލެއް ހަދައި، އެ އުސޫލަށް އެ ބިޑް ލެންބުމަކީ ބީލަންވެރިންގެ ހައްގު ގެއްލި، ކޮރަޕްޝަނުގެ ތެރެއިން ބޭނުންވާ ވަކި ކުންފުންޏަކަށް ޕްރޮޖެކްޓް ހަވާލު ކުރުމަށް "ބިޑް މެނިޕިއުލޭޓް" ކުރުން ކަމަށް ބެލެވޭނެ ކަމަށް ބޭރުގެ މާލީ އިދާރާތަކުގެ ގައިޑްލައިންތަކުގައި ބުނެ އެވެ.

އޭގެ އިތުރުން އެއްވެސް ގާނޫނަކީ އެ ގާނޫނެއް އުފަންވުމުގެ ކުރިން ހިނގާފައި އޮންނަ ކަމަކަށް ބޭނުން ކުރެވޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން މިނިސްޓްރީއަކުން ނެރޭ މިފަދަ އުސޫލެއް ވެސް، އެ އުސޫލުގެ ކުރީގެ ބިޑްތަކަށް ބޭނުމެއް ނުކުރެވޭނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ. އަދި ހައި ކޯޓުގެ 2019/HC-A/431 ވަނަ ގަޒިއްޔާ އިން އެކަން ވަރަށް ސާފުކޮށް އެނގެން އެބަ އޮތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް