މަދަނީ ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފްލައިން ސްކޫލު ޖޫރިމަނާ ކުރިއިރު އެ ގާނޫނާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރުމުގައި އަމަލުކުރާނެ ގޮތާއި ޖޫރިމަނާ ކުރެވޭނެ އެންމެ މަތީ އަދަދަކީ އެއް ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނުވާ އަދަދަކުން ކަމަށް އެ ގާނޫނުގައިވެ އެވެ.
އައްޑޫ ފްލައިން ސްކޫލުގެ މައްސަލަ ބޮޑުވެ ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވެސް އެ ސްކޫލަށް އެންގި އެވެ. އެގޮތުން ސްކޫލުން ވަކިކުރަން ނޯޓިސް ފޮނުވި ދަރިވަރުންގެ ނޯޓިސް ބާތިލްކުރަން އެންގި އެވެ. އަދި ޑޮލަރުން ފީ ނަގަމުންދާތީ އެގޮތަށް އަމަލުނުކުރުމަށް އެންގި އެވެ. އެހެންނަމަވެސް އެ ކަންކަމަށް ވެސް މާބޮޑު ސަމާލުކަމެއް އެތަނުން ދީފައެއް ނުވެ އެވެ.
އޭގެ އިތުރުން އެތަނުގައި ކިޔަވަމުންދާ ދަރިވަރުންގެ އުދުހުމުގެ ގަޑިތައް ހަމަކުރުމަށް ބޭނުންވާ އަދަދަށް މަތިންދާ ބޯޓުތައް ފްލައިން ކޮންޑިޝަނަށް ގެނައުމަށް ވެސް އެންގި އެވެ.
ފްލައިން ސްކޫލުގެ މައްސަލަ މަޖިލީހުން ވެސް ބަލަމުން އަންނައިރު އެ މައްސަލައާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީގެ ހަ މެމްބަރަކު މި ފަހުން ވަނީ އައްޑޫއަށް ވެސް ވަޑައިގެން އެތަނުގެ މެނޭޖްމަންޓާއި ދަރިވަރުންނާއި ބައްދަލުކޮށްފަ އެވެ.
2001 ވަނަ އަހަރު ތަސްދީގުކުރި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނުގެ ދަށުން، 2014 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީކޮށް ހިންގަމުން އަންނަ އައްޑޫ ފްލައިން ސްކޫލުގެ އެކި މައްސަލަތައް ފަހަކަށް އައިސް ވަނީ ފެންމަތިވެފަ އެވެ.
ފްލައިން ސްކޫލްގެ ގާތްގަނޑަކަށް 60 ޕަސެންޓު ކުދިންނަކީ ލޯނު ނަގައިގެން ކިޔަވާ ކުދިން ކަމަށް ވެއެވެ. އެ ކުދިންނަށް ހުރުމާއި ކެއުމުގެ ހަރަދު ލިބިފައި ވަނީ ސްކޫލަށް ވަންނައިރު ހަވާލުކުރެވޭ ޕްލޭސްމެންޓްގައިވާ މުއްދަތަށް ކަމަށް ވާތީ، ކޯސް ނުނިމި ގިނަ ދުވަސްވުމުގެ ސަބަބުން ދަރިވަރުންގެ ލޯނު އެއްކޮށް ހުސްވެ ބައެއް ދަރިވަރުން ވަނީ ކޯސް މެދުކަނޑާލަން ވެސް ޖެހިފަ އެވެ.
އަދި ލޯނު އެއްކޮށް ހުސްވުމުން ކޯސް ކުރިއަށް ގެންދިއުމަށްޓަކައި އިތުރަށް އެކިއެކި ތަންތަނުން ލޯނު ބައެއް ކުދިން ނަގާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
ބާރަ މަސް އަދި 18 މަހުން ކޯސް ނިމޭނެ ކަމަށް ދަރިވަރުންނަށް އެންގި ނަމަވެސް އެވްރެޖް ގޮތެއްގައި ސްކޫލުން ކޯސް ނިންމާލެވެނީ ތިން އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހުން ކަމަށް ދަރިވަރުން ބުނެ އެވެ.