"ވަރަށް ހިތާމަވެރި ދުވަހެއް އެއީ. އަޅުގަނޑުގެ ލޯ ކުރިމަތީގައި ހުރިހާ ކަމެއްވެ ނިމިދިޔައީ،" އިއްޔެ ފެނުނު މަންޒަރެއް ކިޔައިދޭހެން ތާރީހުގައި އޭނާ ލިޔުނު އެންމެ ހިތާމަވެރި ހާދިސާ އަދުނާނު އަސަރާއެކު ސިފަ ކުރި އެވެ.
އަނީސާ އަބްދުއްރަހްމާނާއި ހައްވާ ހަބީބާ އާއި މަރިޔަމް ދީދީ އާއި ހަދީޖާ މަނިކެ މަރުވީ އެކަކު އަނެކަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އެކުއެކީގަ އެވެ. ދެ މީހެއްގެ ހަށިގަނޑު ގޮނޑުދޮށަށް ލެއްގި އެވެ. އަނެއް ދެ މީހުންގެ ހަށިގަނޑު ނެގީ ތޮށި ބޭރުންނެވެ.
މިދިޔަ ހޮނިހިރު ދުވަހު، ގެނބެމުންދިޔަ ކުޑަ ދެ އަންހެން ކުދިން ސަލާމަތް ކުރުމަށްފަހު އަހުމަދު ފައުޒާން، 17، މަރުވުމާއެކު ގެނބިގެން މީހުން މަރުވެފައިވާ ހާދިސާތަކަށް އަނެއްކާ ވެސް ބޮޅެއް އިތުރުވީ އެވެ. ފުވައްމުލަކުގެ ފަހުގެ ތާރީހުގައި މޫދަށް ގެނބި 25 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ރަސްމީ ސިފައެއްގައި މި ރިކޯޑު ސަރުކާރުން ބަލަހައްޓާފައެއް ނުވެ އެވެ.
ފުވައްމުލަކުގެ ބަނދަރު 2003 ވަނަ އަހަރު ހެދުމުގެ ކުރިން ރަށަށް އަރައި ފޭބުމުގެ ތެރޭގައި ބޮއްކުރާ ބަންޑުން ޖަހާލައިގެން ވަރަށް ގިނަ މީހުން ވަނީ މަރުވެފަ އެވެ. މަހަށް ދާން ނިކުންނަނިކޮށް ދޯންޏާއެއްކޮށް ފެތި މީހުން މަރުވެފައި އެބަ ތިއްބެވެ. މޫދަށް އެރިއުޅެނިކޮށް ގެއްލިގެން ވެސް އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.
ފުވައްމުލަކު ފަދަ ދެ ވަނަ ރަށެއް ދިވެހިރާއްޖެއަކު ނެތެވެ. ވަކިން އަތޮޅެއް ގޮތަށް އިދާރީ ބޭނުމަށް ކަނޑައަޅާފައި އޮތް ނަމަވެސް އަތޮޅެއްގެ ސިފަތަކެއް އެ ރަށަކު ނެތެވެ. ފުވައްމުލަށް އުފެދުނީ މާކަނޑާ ގުޅިފައިވާ ވިލަކުން ކަމަށްވެ އެވެ. ވިލެއް، ފަޅެއް މިހާރަކު ނޯވެ އެވެ. ވަށައިގެން ފުއްޓަރެވެ. އާނުގަނޑު ގިނަވެފައި، އޮންނަނީ މާސިންގާކޮށް ހެދި އަޑިއަށް ބިޔަ ހޮހަޅަ ހެދިފަ އެވެ.
މޫދު ދެކެ ގަންނަ ބިރެއްގެ ބޮޑުކަމުން ފުވައްމުލަކުގެ ބައެއް މީހުން އެއްގޮތަކަށް ވެސް މޫދަކަށް ނުފައިބަ އެވެ. ބައެއް މީހުން އަލަށް ރަށުން ބޭރަށް ދިޔައީ 2003 ވަނަ އަހަރު ބަނދަރު އެޅި ފަހުންނެވެ.
"އަހަރެން އުމުރުން ފަސް ވަރަކަށް އަހަރުގައި އެއް ދުވަހަކު މަގުމަތީ ކުޅެން އުޅެނިކޮށް ބޮއްކުރައެއް ބަންޑުން ޖަހާލައިގެން މީހަކު މަރުވީ. އެ ދުވަހު ގަތް ބިރުން ހިތަށް އެރި ކިތަންމެ ބޮޑު ބައްޔެއް، ކަމެއް ވިޔަސް ދުވަހަކު ވެސް ރަށުން ނުފައިބާނަމޭ. އަހަރެން ރަށުން ބޭރަށް އަލަށް ވެސް ދިޔައީ މި ރަށު ބަނދަރު ހަދައި ނިމުން ފަހުން،" އޭނާ ކިޔައިދިނެވެ.
ގެނބިގެން މަރުވުމުގެ ހާދިސާތައް ނުވަތަ މޫދަށް މީހުން ގެއްލުން ފަދަ ހާދިސާތަކުން ބޮޑެތި ހިތާމަތައް ކުރާ މީހުން ރަށުގައި އަދި ވެސް ގިނަ އެވެ. އަނބިދަރިން ލޯ މަތިން ގެއްލިގެން ގޮސްފައި އެބަ ހުއްޓެވެ. މިއަދާ ހަމައަށް ވެސް ކަން އެ އޮތީ އެގޮތަށެވެ. މޫދަށް ނޭރި އުޅެވޭކަށް ވެސް ނެތެވެ. އެހެންކަމުން ރައްކާތެރި ގޮތްތަކެއް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެކެވެ.
ތާރީހު ލިޔުންތެރިޔާ އަދުނާނު އެއްކޮށްފައިވާ ފުވައްމުލަކުން ގެނބިގެން މަރުވި މީހުންގެ ލިސްޓެއް:
1 ހަސަން ހުސެއިން، ރަސްގެފަންނު ނެރަށް ފެތި
2 އަނީސާ އަބްދުއްރަހްމާން، އަރުއްފަންނު ނެރުން އޮޔަށް ދަމައިގަނެގެން
3 މަރިޔަމް ދީދީ، އަރުއްފަންނު ނެރުން އޮޔަށް ދަމައިގަނެގެން
4 ކައްދާ މަނިކެ، އަރުއްފަންނު ނެރުން އޮޔަށް ދަމައިގަނެގެން
5 ހައްވާ ހަބީބާ، އަރުއްފަންނު ނެރުން އޮޔަށް ދަމައިގަނެގެން
6 މަންތެފޮޅު ހަސަންފުޅު، މަހަށްދާން ނިކުންނަނިކޮށް މާނޭރު ނެރަށް ދޯނި ފެތި
7 އަބްދުﷲ އަލީ، މަހަށްދާން ނިކުންނަނިކޮށް މާނޭރު ނެރަށް ދޯނި ފެތި
8 އަހުމަދު އިބްރާހިމް ދީދީ، މަހަށްދާން ނިކުންނަނިކޮށް މާނޭރު ނެރަށް ދޯނި ފެތި
9 މުހައްމަދު ސަލީމް، މޫދަށް އެރި އުޅެނިކޮށް އަނބުލު ނެރުތެރެއަށް ގެނބުން
10 މުހައްމަދު އަބްދުﷲ (އެޅެމަނައްކަލޯ) މަހުން ލަފަނިކޮށް ރަސްގެފަންނު ތެރެއަށް ބޮއްކުރާ ފެތި
11 އަހުމަދު ދީދީ، ހީނާދިއެފަންނު މޫދަށް އެރި އުޅެނިކޮށް ގެއްލުން
12 ހަސަން ކަލޯ، ނަގަނަމަގަށް ދޯނި ފެތި
13 ލަތީފު، މޯނިން ގްލޯރީ، ރަސްގެފަންނު ބޭރަށް މޫދަށް އެރި އުޅެނިކޮށް
14 އަލި ދީދީ، މާނެރު ބޭރު އޮތް ބޯޓަކަށް ލަކުޑިތަކެއް ހިފައިގެން ފަތާފައި ދަނިކޮށް
15 ފެންފުށީ ދިއައްކޮ، ކުރިން އޮތް ގުދުރަތީ ބަނދަރަށް ވަންނަން އުޅެނިކޮށް ދޯނި ފެތި
16 އަލީ ޝަފީގު، ނެރެގަނޑު ފަންނުއަށް ބޮއްކުރާ ފެތި
17 ފާތުމާބީ، ކުރިން އޮތް ގުދުރަތީ ބަނދަރަށް ވަންނަން އުޅެނިކޮށް ދޯނި ފެތި
18 ދޮން އިބްރާހިމް ދީދީ، ކުރިން އޮތް ގުދުރަތީ ބަނދަރަށް ވަންނަން އުޅެނިކޮށް ދޯނި ފެތި
19 ފާތިމަތު ޝާފިއާ، ކަނދުވަލިފަންނަ ނެރުން އޮޔަށް ގޮސް
20 ތަކުރުގެ އަހުމަދު ފުތު، ފިލައިގެން ދޯންޏަކުން ކަނޑަށް
21 ބުރުނީ މޫސާ ދީދީ، ފިލައިގެން ދޯންޏަކުން ކަނޑަށް