ގއ. ދެއްވަދޫ-- ފޮޓޯ: ދެއްވަދޫ/ ފޭސްބުކް
މޮނިޓަރިންގެ ހާލަތަށް ގެނައުމާއެކު ދެއްވަދޫ މަހަށް ޖެހިފައި!
Share
އާބާދީގައި 1300 އެއްހާ މީހުން ދިރިއުޅެމުންދާ ދެއްވަދޫއަކީ މަސްވެރި ރަށެކެވެ. އާމްދަނީ ހޯދުމަށް މުޅި ރަށް މަސްވެރިކަމަށް ބަރޯސާވެފައި އޮތް ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު، ހަތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރަށް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. އެ ދުވަހުން ފެށިގެން ރަށަށް އަރައި ފޭބުން މަނާކުރެވިފައި އޮތުމާއެކު މަސްވެރިކަަމަށް ބަރޯސާވެފައިވާ އެ ރަށަށް މަސް ލިބޭނެ ގޮތެއް ނެތެވެ.
Advertisement

އޮޑިދޯނި ފަހަރު މަހަށް ނުނިކުންނަތާ މިހާރު ފަސް ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު އެރަށު ކައުންސިލްގެ ރައީސް އިބްރާހީމް ތައުފީގް، ސީއެންއެމްއަށް ވިދާޅުވީ ދެއްވަދޫ އޮތީ މަހަށް ޖެހިފައި ކަމަށެވެ. އެހެންވެ އެރަށުގައި ހުންނަ އައިސް ޕްލާންޓުގައި ހުރި 96 ދަޅު މަސް ކޭސް ރައްޔިތުންނަށް ދޭން، މިފްކޯ އިން ނިންމާފައިވާ ކަމަށެވެ. 

ރަށަށް މިވަގުތު ރޯމަސް ލިބޭނެ ގޮތެއް ނެތުމުން، އެރަށު ކައުންސިލުން ވަނީ ގއ. ގެމަނަފުށީގައި ރަށަށް ރޯމަސް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދޭން އެދިފަ އެވެ. 

ތައުފީގް ވިދާޅުވީ، ގެމަނަފުށީގެ "އުފާ" ދޯނިން މިއަދު މަސްވެރިކަމަށް ނިކުމެފައިވާއިރު އެ ދޯނިން ބާނާ މަސް އެރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އިއްޔެ ވެސް އެ ދޯނިން، މަހަށް ނިކުތީ ދެއްވަދޫއަށް މަސް ފޯރުކޮށްދެވޭނެ ގޮތެއް ހޯދަން ނަމަވެސް މަސް ބޭނިފައި ނުވާ ކަމަށް ވެ އެވެ. 

"އުފާ ދޯނިން މަސް ބާނާފަ އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަން އަންގާފަ ވަނީ،" ތައުފީގް ވިދާޅުވި އެވެ.

މޮނިޓަރިންގެ ހާލަތަށް ރަށްރަށް ގެނެވުމާއެކު އަބަދުވެސް މިފަދަ ދަތިތައް ދިމާވެ އެވެ. އެހެންނަމަވެސް ކައިރި ރަށްރަށުން އެކުވެރި ރަށްތަކަށް އެހީވުމަށް ނިކުމެ އެވެ.

ގެމަނަފުށި ހިމެނޭ ގޮތަށް ހުވަދޫ އަތޮޅަކީ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ އަތޮޅެކެވެ. ކޮންމެއަަކަސް، ގެމަނަފުށިން ދެއްވަދޫއަށް އެހީތެރިކަން ފޯރުކޮށްދޭން އިސް ނަގާފައިވާއިރު ދެއްވަދޫގެ ހާލަތު އަދި ރަނގަޅުވާނެ އިރެއް ވެސް ނޭނގޭ ކަމަށް ތައުފީގް ވިދާޅުވެ އެވެ.

ތައުފީގް ވިދާޅުވި މިއަދު އަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެރަށުގެ ކްލާސްޓާއާ ގުޅިގެން ޕޮޒިޓިވްވި މީހުންގެ އަދަދު 30 އަށް އަރާފައިވާ ކަމަށެވެ. އަދިވެސް ރަށަށް ކޮވިޑް ފެތުރުނު ގޮތް ނޭނގޭއިރު މިއަދުވެސް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރެވެމުން އެބަދެ އެވެ. އެގޮތުން 80 އެއްހާ ސާމްޕަލް ނެގޭނެ ކަމަށް ވިދާޅުވި އެވެ. 

ދެއްވަދޫގެ ހާލަތު އެޗްޕީއޭ އިން ބަލަމުން އަންނައިރު އެރަށަށް ބޭނުންވާ ޒަރޫރީ ސާމާނު ފޯރުކޮށްދެވޭނެ ކަމަށް އެޗްއީއޯސީން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް