ads
ތ. އަދި ލ. އަތޮޅު ލޯންޗް ފެރީގެ ހިދުމަތް-- ފޮޓޯ: އެމްޓީސީސީ
ހައިސްޕީޑް ފެރީ ނިޒާމުގެ ފުރަތަމަ ފިޔަވަހި އެމްޓީސީސީއާ ހަވާލުކުރަން ނިންމައިފި
ހައިސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅައިލުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރަން ރައީސް ނިންމެވީ، އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މި މަޝްރޫއު އާއި ގުޅޭގޮތުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކޮށް ވަޒީރުންގެ ލަފާފުޅުގެ މަތިންނެވެ. 

މި ނިޒާމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ރާއްޖޭގެ ބައިބައިވެފައިވާ އާބާދީތަކަށް ރައްކާތެރިކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމަކުން ގުޅުވައިލުމެވެ. އެގޮތުން އިއްޔެގެ ޖަލްސާގައި ވަނީ، ދަތުރުފަތުރު ކުރުމުގައި މިހާރު ހުރި ދަތިތައް ނައްތައިލާ، ލުއިފަސޭހަ ޒަމާނީ ހިދުމަތަކަށް ހެދުމަށާއި، މިހާރު ދެމުންގެންދާ ދޯނި ފެރީގެ ހިދުމަތްތަކަށްވުރެ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދިނުމަށް މަޝްވަރާ ކުރައްވާފައެވެ. 

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްއަކީ ނޭޝަނަލް ސްޕޭޝަލް ޕްލޭންގައި ހިމެނޭ ތިން ޒޯން އަދި ހަ ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. މިގޮތުން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅައިލެވޭއިރު، އެއް ރީޖަން އަނެއް ރީޖަންއާއި ވެސް ގުޅިގެންދާނެއެވެ. އެގޮތުން މި ހިދުމަތް ގުޅުވައިލެވިގެންދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް"، "ނަން-ކޮމިއުޓް ލިންކް"، އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

ކޮމިއުޓް ލިންކްއަކީ އެއް ރީޖަންއެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ހާއްސަކުރެވިފައިވާ ލިންކެވެ. ނަން-ކޮމިއުޓް ލިންކްއަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ހާއްސަކޮށްފައިވާ ލިންކްއެވެ. އަދި ހައިވޭ ލިންކްއަކީ އެއް ރީޖަން އަނެއް ރީޖަންއާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބްއެވެ.

މީގެ އިތުރުން މި ނިޒާމުގެ ދަށުން ކާގޯ ފެރީގެ ހިދުމަތްވެސް ހިމެނެއެވެ. އެއީ އެ ރީޖަންއެއްގައި ހިމެނޭ ހުރިހާ ރަށްތަކާ އެންމެ ކައިރީގައި އޮންނަ ކޮމާޝަލް ހަބް އާއި ގުޅުވައިދޭ ހިދުމަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް