ads
ކޮވިޑް ވެކްސިން--
ރާއްޖެއަށް ކޮވިޑް ވެކްސިން ލިބޭނީ މި މަހު 26 ގައި: އޮފިޝަލް
ކޮވިޑް-19 ވެކްސިން ރާއްޖެއަށް ގެނައުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި މި މަހުގެ 26 ގައި އެ ވެކްސިން ރާއްޖެއަށް ލިބޭނެ ކަމަށް އެކަމުގައި އުޅޭ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކޮވިޑްގެ ވެކްސިން ލިބޭނެކަން ކަށަވަރުވެފައިވާ އިރު، ހެލްތު މިނިސްޓްރީން ވެސް މީގެ ކުރިން ބުނެފައި ވަނީ މި މަހުގެ ތެރޭގައި ވެކްސިން ގެނެވޭނެ ކަމަށެވެ. 

ހެލްތު މިނިސްޓްރީން ބުނެފައިވަނީ މި މަހުގެ ތެރޭގައި ވެކްސިން ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރި ނަމަވެސް މި މަހު ގެންނާނީ ކޮން ވެކްސިނެއް ކަމެއް އަދި ބުނަން ނޭނގޭ ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ވެކްސިން ގަތުމަށް ނިންމާފައިވަނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާއިން ކަމަށް މިނިސްޓްރީ އޮފް ފިނޭސްއިން މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ ބުނެފަ އެވެ.

މިކަމާ ގުޅޭ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. 

ރާއްޖޭގެ މުޅި އާބާދީއަށް ބޭނުންވާ މިންވަރަށް ވެކްސިން ގަތުމަށް ނިންމާފައިވާއިރު ރާއްޖެއިން ގަންނަ ވެކްސިނަކީ މި ވަގުތު ތައްޔާރުކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ އެކަށޭނެ އަދި ރައްކާކުރުމަށް އެންމެ ފަހި ވެކްސިން ކަމުގައި ދުނިޔޭގެ ގިނަ ގައުމުތަކުން ވެސް ފާހަގަކުރާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. 

ވެކްސިން ރައްކާކުރުމަށް ބޭނުންވާ ފިނި ކޮށާރުތަކެއް ހެދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ )ގެ އެހީގައި ބައިނަލްއަގުވާމީ ވެކްސިން ޕްރޮގްރާމް ކޯވެކްސްގެ ދަށުން ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ލިބޭނެ ގޮތް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.

ކޮވިޑްއަށް ވެކްސިނެއް ހޯދައި، ބައެއް ބޮޑެތި ގައުމުތަކުގައި މިހާރު ވަނީ ވެކްސިން ދޭން ވެސް ފަށާފަ އެވެ. އަދި މި މަހު 15 ގައި އަވައްޓެރި އިންޑިޔާގައި ވެކްސިން ދޭން ފަށާނެ ކަމަށް އެ ގައުމުން ވެސް ދަނީ ބުނަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް