ކްރިމިނަލް ކޯޓު ހިންގުމާއި ހަވާލުވެ ހުންނެވި އަލީ ރަޝީދުގެ ސުލޫކީ މައްސަލަ ނުބެލި ލަސްވާތީ، އިދިކޮޅު ކޯލިޝަނުން އެ މައްސަލަ އަވަހަށް ބަލައިދިނުމަށް އެދިއްޖެއެވެ.

Advertisement
ކްރިމިނަލް ކޯޓު ހިންގުމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލަ ނުބެލި ލަސްވާތީ، އިދިކޮޅު ކޯލިޝަނުން އެ މައްސަލަ އަވަހަށް ބަލައިދިނުމަށް އެދިއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބަލާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށައަޅާފައިވާ ކަމަށެވެ.
ގާޒީ އަލީ ރަޝީދުގެ މައްސަލައަކީ އެ ކޯލިޝަނުގެ މަސްލަހަތުވެސް ހިމެނޭ މައްސަލައަކަށް ވުމާއެކު، އެ މައްސަލަ ނުބެލި ލަސްވާތީ އެކަމާ ކަންބޮޑުވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާއާއި ޚިލާފަށް ފަނޑިޔާރު އަލީ ރަޝީދު، ރައީސް ޔާމީނުގެ ޝަރީއަތާ ގުޅޭގޮތުން ވަކި މީޑިއާއަކަށް މައުލޫމާތު ދީފައިވާ ކަމަށާއި، އެ މައްސަލައަކީ ޖޭއެސްސީން ވަގުތުން ބަލަންޖެހޭނެ މައްސަލައެއް ކަމަށްވެސް ކޯލިޝަނުން ބުނެ އެވެ.
އަދި ވަކި ތައައްސުބެއްގެ ތެރެއިން އެ މައްސަލަ ބެލުން ލަސްކޮށް، ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުން އެއްކިބާވެ ތިބެ ކަންކަން ކުރަމުންދާތީ އެކަން އެ ކޯލިޝަނުން ކުށްވެރި ކުރާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
ގާޒީ އަލީ ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށައަޅާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.