މި ސަރުކާރުން މި މައްސަލައަށް ހައްލު ހޯދައިދިނުމަށް ފެށި މަސައްކަތް ފެށީ ޒަމާނުއްސުރެ ފެންބޮޑުވުމުގެ ރިކޯޑު އޮންނަ ލޭގެ މާފަންނު ކަނބާއައިސާރަނި ހިނގުމުންނެވެ. އެ މަގުގެ ތާރީހާއަށް ބަލާއިރު ވިއްސާރަ ވެހޭ ދުވަހެއްނަމަ "އައިސާ"އަށްވެސް "ކަނބާފަ" ނޫނީ އެ މަގުން ނުދެވޭ ވަރަށް މަގު އޮންނަނީ ފެންގަނޑުގެ ދަށުވެފައެވެ. އެހެންނަމަވެސް މާލެ ސިޓީ ކައުންސިލާއި ރޯޑް ކޯޕަރޭޝަން ގުޅިގެން ހިންގާ މާލެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން ކަނބާއައިސާ ރަނި ހިނގުން ޒަމާނީ ފެންވަރަށް ބަދަލުކޮށް ހުޅުވާލިތާ އަދި މާގިނަ ދުވަހެއް ނުވެ ވެހެންފެށި ބޯވާރެއަކީ ޒަމާނުންސުރެ މާލޭގައި އޮތް ފެންބޮޑުވުމުގެ މައްސަލަައަށް ހައްލެއް ގެނެވިފައިވާ ކަމަށް މި ސަރުކާރާއި މި ސިޓީ ކައުންސިލުން ކުރި ދައުވާގެ ހުރި ތެދުދޮގު ބަލާލަން ލިބުނު ރަނުގެ ފުރުސަތަކަށެވެ. އެހެންނަމަވެސް ވެހުނު ބޯވާރެއަށްފަހު ޝޯޝަލް މީޑިއާގައި ދައުރުވެގެންދިޔަ "ގޮތް ނޭގޭ ފޮޓޯ" އާއި ގުޅިގެން ސަރުކާރާއި، އިދިކޮޅާއި ދެމެދު ބޮޑު ބަހުސެއް ފެށިފައިފައިވާ މިދަނޑިވަޅުގައި އެ މަގުގައި ފެން މި ފަހަރު ބޮޑުވިތޯ ނުވަތަ ނޫންތޯ މިއީ މިހާރު އޮޅުން ބޮޅުންވެ ވެފައި އޮތް ސުވާލަކަށް ވެއްޖެއެވެ.
މި ދެތިން ދުވަހު ވެހުނު ބޯވާރޭ ހުއްޓިގެން އާއިރު ދައުރުވި ބައެއް ފޮޓޯތަކުން ފެންނަ ގޮތުން އެ މަގުގައި ކުރިން ބޮޑުވާ ވަރާއި ގާތަށްވެސް ފެންބޮޑުވެފައިނެތެވެ. އެހާރާއި މިހާރުގެ ފޮޓޯތަކާއެކު ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ކުރީ ސަރުކާރުން "މުއިއްޒު" ވިފަދައިން މަގުގައި ފެންބޮޑު ނުވާނެކަމަށްބުނެ ސަރުކާރަށް އޮއްސާލި ސަނާތަކަށްފަހު ދެން މިއަދު ސޯޝަލް މީޑިއާއަށް ތިލަވީ މި ސަރުކާރުވެސް މުއްޒުވެފައިވާ ފޮޓޯ ގަނޑެކެވެ. މިހާރު މިއުފެދޭ ސުވާލަކީ އެ މަގުގައި މި ފަހަރު ހަަމަ ހަގީގަތުގައިވެސް ފެން ބޮޑުވިތޯ ނުވަތަ ނޫންތޯ އެވެ؟
ސިޓީ ކައުންސިލްގެ އިސްވެރިން މި ފޯޓޯގަނޑު ސިފަކުރައްވަނީ އެޑިޓްކުރަން ނޭގޭ މީހެއް ކޮށްފައިވާ އެޑިޓެއްގެ ގޮތުގައެވެ. ފޮޓޯ އަކީ އެޑިޓެއްކަމަށް ތުހުމަތުކުރާއިރު އެކަމުގެ ހުއްޖަތެއްކަމަށް ދައްކާފައިވަނީ ފޮޓޯއިން މަގުގައި ޕާކުކޮށްފައިވާ ކާރު ނުފެންނާތީއެވެ. މިކަމާއި ބެހޭގޮތުން ސީއެންއެމްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މާލޭ ސިޓީ ކައުންސިލް ގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ވިދާޅުވީ، އެ ފޮޓޯއަކީ ފޭކެއް ކަމަށެވެ. އެކަން ވިއްސާރަ ވެހޭ ދުވަހަކު އެ މަގަށް ގޮސް ބަލާލުމުން ކަށަވަރުވާނެކަމަށާއި ކުރިން އެ މަގުގައި ފެންގަނޑު ހެދޭ މިިންވަރާއި ގާތަށްވެސް އެމަގުގައި މިހާރު ފެން ނުހެދޭނެ ކަމަށެވެ.
އަދި މިކަމުގެ ބަހުސްތައް ބޮޑުވެފައިވަނިކޮށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވީ "ސްޓްރީޓްސްކޭޕިން" ޕްރޮޖެކްޓުގެ ދަށުން ދާދި ފަހުން ތަރައްގީ ކުރުމަށް ފަހު ކަނބާ އައިސާ ރަނި ހިނގުމުގެ އެއް ބައި ހުޅުވާފައި ވާއިރު، މިއަދު ބޯކޮށް ވާރޭ ވެހުނު ނަމަވެސް އެތަނުގައި ފެންބޮޑު ނުވާ ކަމަށެވެ. "މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ޝަމާއު ވިދާޅުވި އެވެ. އޭނާ ވަނީ މާލެ ސިޓީ ކައުންސިލާއި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަނާއި އެ މަސައްކަތުގައި އުޅުނު ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
ކޮންމެއަކަސް މިކަމުގައި ފޮޓޯގަނޑު ބުނެދޭ ވާހަކައާއި ސިޓީ ކައުންސިލުން ދޭ ޔަގީންކަމާއިއެކު އެރި އޮޅުން ބޮޅުންގަނޑު ފިލުވޭނީ އަނެއްކާވެސް ބޯކޮށް ވާރޭ ވެހޭ ދުވަހަކުން އެ ސަރަހައްދަށް ގޮސް މިކަމުގެ ހަގީގަތް ލޮލުން ފެނި އަތުން ހިފާގެންނެވެ.