ads
މީގެ ކުރިން ކަސްޓަމްސް އިން އަތުލައިގަނެފައިވާ ޑްރަގްސް ---ފޮޓޯ: ކަސްޓަމްސް
ބްރެޒިލުން ރާއްޖެ އައި ދެމީހެއްގެ އަތުން 3.12 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި
ބްރެޒިލުން ރާއްޖެ އައި ދެމީހެއްގެ އަތުން 3.12 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.

ކަސްޓަމްސްއިން މިރޭ އާންމު ކުރި ގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ ވައިގެ މަގުން ބްރެޒިލުން ރާއްޖެ އައި ބްރެޒިލްގެ ރައްޔިތަކާއި، ލަޓްވިއާގެ ރައްޔިތެއްގެ އަތުންނެވެ.

މި ދެމީހުން ވެސް އަތުލައިގަނެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކަމަށް ކަސްޓަމްސް އިން ބުނެއެވެ. 

އެގޮތުން މިދިޔަ އަހަރު ނޮވެންބަރު ތިންވަނަ ދުވަހު ރާއްޖެ އައި އުމުރުން 23 އަހަރުގެ ލަޓްވީއާ ފިރިހެނެއްގެ އަމަލުތައް ހުރި ގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖު ކަސްޓަމްސް އިން ފާސް ކުރި ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި އެމީހާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސްއިން މި ތަކެތި ފުރަތަމަ މަރުޙަލާގައި ޓެސްޓު ކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި މި މީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނުގައި 2.466 ކިލޯގުރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މީގެ އިތުރުން މިދިޔަ އަހަރު ނޮވެމްބަރު 28 ގައި ރާއްޖެ އައި ބްރެޒިލް ފިރިހެނެއްގެ އަމަލުތައް ހުރި ގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރިއިރު، އޭނަޚގެ ހަށިގަނޑުގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 66 ކެޕްސޫލް މަސްތުވާތަކެތި ފެނުނު ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މި ތަކެތި ޓެސްޓު ކުރުމުގެ ފުރަތަމަ މަރުހަލާއިން މި ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ޕޮޒިޓިވްވެފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި މިމީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 654.4 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މި ދެ މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 10،921،400 (ދިހަ މިލިއަން ނުވަލައްކަ އެކާވީސްހާސް ހަތަރުސަތޭކަ) ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސްއިން ބުނީ މި ދެ މައްސަލައިގައި ޝާމިލުވާ ދެމީހުންނާއި އެމީހުން އަތުން އަތުލައިގަތް މަސްތުވާތަކެތި މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް