ads
ގއ. ދެއްވަދޫ-- ފޮޓޯ: ދެއްވަދޫ/ ފޭސްބުކް
ދެއްވަދޫ ކްލަސްޓާ ބޮޑުވެ، ގއ. އަތޮޅަށް ބިރުވެރިކަން!
ގއ. ދެއްވަދޫއިން ކޮވިޑް-19 ގެ ކޭސްއެއް އެންމެ ފުރަތަމަ ފެނުނީ ޑިސެމްބަރު 24 ގައެވެ. އޭރު ޕޮޒިޓިވްވީ މާލެއިން ރަށަށް ދިޔަ އާއިލާއެއްގެ ހަތަރު މަހުގެ ތުއްތު ކުއްޖެކެވެ. އެ އާއިލާ ކަރަންޓީނުގައި ތިބެ ނެގި ކުއްޖާގެ ސާމްޕަލް ބައްޔަށް ޕޮޒިޓިވްވި އެވެ. ނަމަވެސް އެއީ އޮޅުމެއް ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ފަހުން ބުންޏެވެ. އެހެންކަމުން ކަރަންޓީނުގެ 10 ދުވަސް ފުރިހަމަ ކުރުމަށް ފަހު އެ އާއިލާއިން ވަނީ އާއްމު ދިރިއުޅުމަށް ރުޖޫއަވެފަ އެވެ.

ދެއްވަދޫގައި މިހާރު ދަނީ މި ބަލި ހަލުވިކަމާއެކު ފެތުރެމުންނެވެ. އަދި ދެއްވަދޫ ކްލަސްޓާއާ ގުޅުން ހުރި ކޭސްތަކުގެ ސަބަބުން ގއ. އަތޮޅުގެ އެހެން ރަށްރަށާއި ރާއްޖޭގެ ބައެއް އެހެން ރަށްރަށަށް ވެސް ވަނީ ކޮވިޑުގެ ބިރު ބޮޑުވެފަ އެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން އެންމެ ފަހުން އާއްމުކުރި މައުލޫމާތަށް ބަލާއިރު، ދެއްވަދޫގައި މިހާރު ކޮވިޑުގެ 32 ކޭސް އެބަވެ އެވެ. 

ދެއްވަދޫ ކްލަސްޓާ ބޮޑުވާން ފެށުމުން އެޗްއީއޯސީން ބުނެފައި ވަނީ އެ ރަށުގައި ކަރަންޓީނުގައި ތިބި ބަޔަކަށް ނުބައި މައުލޫމާތެއް ދެވިފައިވާ ކަމަށެވެ. އެޗްއީއޯސީން ފާހަގަކުރި ގޮތަށް ދެއްވަދޫގައި ނަތީޖާގެ އޮޅުމެއް އެރި ކަމަށް ބުނި ތުއްތު ކުއްޖާގެ ނަތީޖާ އަލުން ޕޮޒިޓިވް ކަމަށް އާއިލާއަށް އެންގިއިރު، އެ އާއިލާއިން ވަނީ ކަރަންޓީނު ނިންމާ ބޭރު ތެރެއަށް ނިކުމެފަ އެވެ. އެހެންކަމުން ގިނަ ބަޔަކާ ކޮންޓެކްޓުވެފައި ވެއެވެ.

މިހާތަނަށް ދެއްވަދޫގެ އިތުރުން އެ ކްލަސްޓާއާ ގުޅުން ހުރި ކޭސްތައް ވަނީ ލ. ފޮނަދޫ އާއި ގއ. އަތޮޅުގެ ވިލިނގިލި އަދި ދާންދޫއިން ފެނިފަ އެވެ. ދެއްވަދޫ އާއެކު މި ތިން ރަށް ވެސް މިހާރު އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. އޭގެ އިތުރުން ފޮނަދޫއާ ގުޅިފައިވާ ގަން ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވާއިރު، މި ތަންތަނުން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ދެއްވަދޫ ކްލަސްޓާ ބޮޑުވުން

  • ދެއްވަދޫ - 32 ކޭސް
  • ފޮނަދޫ - 4 ކޭސް
  • ވިލިނގިލި - 1 ކޭސް
  • ދާންދޫ - 2 ކޭސް

މި ރަށްތަކުގެ ތެރެއިން ލ. ފޮނަދޫގައި ޕޮޒިޓިވްވެފައި ވަނީ ދެއްވަދޫގައި ފުރަތަމަ ޕޮޒިޓިވްވި ތުއްތު ކުއްޖާ އުރައިގެން އުޅުނު އާއިލާއާ ގުޅުން ހުރި ބައެކެވެ. އެމީހުން ޕޮޒިޓިވްވީ ދެއްވަދޫއިން ފޮނަދޫއަށް ދިޔަ ފަހުން ކަމަށް ވާއިރު، ފޮނަދޫގައި ހެދި ރޭންޑަމް ސާމްޕްލިން މިހާތަނަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ. 

ވިލިނގިލިން ޕޮޒިޓިވްވެފައި ވަނީ ދާންދޫއަށް ނިސްބަތްވާ ސްކޫލު ދަރިވަރެކެވެ. އެހެންވެ ވިލިނގިލީގައި ހުންނަ އެ އަތޮޅު ސްކޫލު ވަނީ ބަންދުކޮށްފަ އެވެ. ސްކޫލު ހުޅުވުނު ދުވަހު އެ ކުއްޖާ ސްކޫލަށް ވެސް ދިޔަ އެވެ. ނަމަވެސް ދާންދޫގައި އޭނާ ދިރިއުޅޭ ގޭގައި ދެއްވަދޫގެ ބަޔަކު ކުރިން ތިބިކަން އެނގުމުން ސްކޫލަށް ދިޔުން ހުއްޓާލި އެވެ. ވިލިނގިލީގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު އެ ރަށުގައި ކުއްޖާ އުޅޭ ގޭގެ މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި އެ ކުއްޖާ ކިޔަވަން ހުންނަ ގެއަކީ ގަސް ކާނާގެ ވިޔަފާރި ކުރާ ގެއެއްކަމުން އެގޭގެ އަންހެން މީހާ އާއި ރަށުގެ ގިނަ އަންހެންވެރިން ދިމާވެފައި ވެއެވެ. 

މީގެ އިތުރުން ދާންދޫއަށް ނިސްބަތްވާ އެ އަންހެން ކުއްޖާ އެ ރަށުގައި ނިސްބަތްވާ ގެއިން ވެސް ދެއް ކުއްޖަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ކުދިން ވެސް ވަނީ ދެއްވަދޫގެ ބަޔަކާ ކޮންޓެކްޓުވެފަ އެވެ. އެހެންކަމުން އެ ރަށުގައި ވެސް މިހާރު ކުރިއަށް ދަނީ ކޮންޓެކްޓް ޓްރޭސިން އާއި ސާމްޕަލް ނެގުމެވެ. ދެއްވަދޫން ބަޔަކު ދާންދޫއަށް ދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. އެގޮތުން ތިން ދުވަސް ވަންދެން ދާންދޫގައި އެމީހުން މަޑުކުރިއިރު ބަލި ޖެހިފައި މިވަނީ އެ މީހުން ތިބި ގޭގެ ދެ ކުއްޖަކަށެވެ.

މި ކޭސްތަކާއެކު ދެއްވަދޫ ކްލަސްޓާ ބޮޑުވާ މަންޒަރު ދަނީ ފެންނަމުންނެވެ. އަދި މިއާއެކު ގއ. އަތޮޅުގައި ބިރުވެކަން ވަނީ ބޮޑުވެފަ އެވެ. ނުބައި މައުލޫމާތެއް ދެވުމުގެ ސަބަބުން އެ އަތޮޅުގައި ބަލި ފެތުރެން ފަށާފައި ވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދާއެކު ބަލި ކޮންޓްރޯލް ކުރެވޭނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް