އެ އެމްއޯޔޫގައި އެމްއެންޔޫގެ ފަރާތުން ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް އަހުމަދު ސޮއިކުރައްވާފައިވާއިރު އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ.
އެ އެއްބަސްވުމުގެ ދަށުން ދެ ޔުނިވާސިޓީގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް އެއް ޔުނިވާސިޓީގެ ލައިބްރަރީ އިންް ނުލިބޭ ހިދުމަތްތައް އަނެއް ލައިބްރަރީ އިން ހޯދޭނެ މަގު ތަނަވަސްވެގެން ދާނެއެވެ. އެގޮތުން އައިޔޫއެމްގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް އެމްއެންޔޫގެ ލައިބްރަރީ އިން ދޭ ހިދުމަތްތައް އަދި އެމްއެންޔޫގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް އައިޔޫއެމްގެ ލައިބްރަރީގެ ހިދުމަތްތައް ހޯދޭނެއެވެ.
އެމްއޯޔޫގައި ސޮއިކުރުމަށް އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި ވަހަކަ ދައްކަވަމުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ އެމްއެންޔޫގެ ލައިބްރަރީއަކީ ވަސީލަތް ގިނަ، ގިނަ ދުވަސްވީ ލައިބްރަރީއެއް ކަމަށާއި އެތަނުގައި ހުރި ވަސީލަތްތައް އައިޔޫއެމް އާ ހިއްސާ ކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކިލައްވާ ކަމަށެވެ.
އަދި އައިޔޫއެމްގެ ލައިބްރަރީ އަކީވެސް މުއްސަނދި ލައިބްރަރީ އަކަށް ވާއިރު އެތަން ބޭނުން ކުރުމުގެ ފުރުސަތު އެމްއެންޔޫގެ ދަރިވަރުންނަށް ލިބުމަކީ އެގެ ފައިދާ ކުރާނެ ކަމެއް ކަމަށްވެސް މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
އައިޔޫއެމްގެ ވައިސް ޗާންސެލާ ޑރ. އިބްރާހިމް ޒަކަރިޔާ މޫސާ ވިދާޅުވީ ދެ ޔުނިވާސިޓީގެ ދެމެދު އޮންލައިން ޑޭޓާބޭސް ޝެއާކުރެވުމަކީ ކުރައްވާ އުއްމީދެއް ކަމަށެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު ލިބޭ ފަސޭހަތައް ބޭނުންކުރުމުގައި ދެ ލައިބްރަރީ އިން ގެންގުޅޭ އުސޫލުތަކަށް އަމަލުކުރުމަށް ދެބޭފުޅުންވެސް ވަނީ ދަރިވަރުންނަށާއި މުވައްޒަފުންނަށް އިލްތިމާސް ކުރައްވައިފައެވެ.