ads
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު
ޖިހާދުގެ ޕާސްޕޯޓު ނުހިފެހެއްޓޭނެ ކަމަށް ނިންމި ނިންމުން އަނެއްކާވެސް އިސްތިއުނާފަށް
ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލުކުރުމުން އެ މައްސަލަ ސްޕްރީމް ކޯޓުގައި އަނެއްކާވެސް އިސްތިއުނާފުކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ބުނީ އެ މައްސަލަ އިސްތިއުނާފު ކޮށްފައިވަނީ ހައިކޯޓުން ނިންމާފައިވާ ގޮތާމެދު ހިތްހަމަނުޖެހޭތީ ކަމަށެވެ. އެހެންކަމުން އެގަޒިއްޔާ އިލްތިމާސްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް އިއްޔެ ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެެއްވަ އެވެ.

ޖިހާދަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ނެރުނު އަމުރު ހައިކޯޓުން ބާތިލުކުރީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި އޭރު ކްރިމިނަލް ކޯޓުން އެގޮތަށް ނިންމާފައިވަނީ ޖިހާދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސް ފިލާފާނެކަމަށް ބުނެއެވެ. 

މައްސަލަ ޖިހާދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެދުވަހު ހައިކޯޓުގައި ހުކުމް ކުރުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކުރި ހުކުމްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފު ކުރުމަށް ޖިހާދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެ ނުކުތާތަކާއި ގުޅިގެން ހުށަހެޅުނު އެއްމެހައި ލިޔެކިޔުންތަކުގެ މައްޗަށާއި، ޝަރީއަތުގެ މަޖިލީހުގައި ޖިހާދުގެ ފަރާތުންނާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް އެ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ހިލާފަށް ނެރެފައިވާ އަމުރެއް ކަމުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ އެ އަމުރު ބާތިލު ކުރާ ކަމަށެވެ.

އެ މައްސަލައިގައި ޖިހާދުގެ ފަރާތުން ވަނީ އިސްތިއުނާފީ ހަތަރު ނުކުތާއެއް ހުށަހަޅާފައެވެ. އެއީ، އޭނާ ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފަށް ކަމާއި، ޖިހާދުގެ މައްޗަށް ހުށަހަޅާފައިވާ ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ބޮޑު ކުށަކަށް ނުވާ ހިނދު، ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދެވެން ނެތް ކަމަށް ނެރުނު ކޯޓު އަމުރުގައި އެއީ ބޮޑު ކުށެއް ކަމަށް ކަނޑައަޅާފައި އޮތް އޮތުން އެއީ ހުށަހަޅާފައިވާ ދައުވާ އާއި ހިލާފަށް ޝަރީއަތުން ހުށަހަޅާފައިވާ ކަމެއް ކަމަށާއި، ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ގާނޫނު އަސާސީގެ 41 ވަނަ މާއްދާއާ ހިލާފު އަމުރެއް ކަމަށާއި، ކްރިމިނަލް ކޯޓުގެ މި އަމުރު ނެރުމުގައި ހަވާލާދީފައިވާ ހައި ކޯޓުގެ ގަޒިއްޔާ ތަތްބީގު ކޮށްފައިވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. 

ޖިހާދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާއެވެ. 

އެއީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ފިނޭންސް މިސްޓަރަކަށް ޖިހާދު ހުންނެވިއިރު، ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނިކޮށް، 50 ޕަސެންޓުގެ ބަދަލުގައި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކުރި މައްސަލައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް