އެކަމާއި ކަންބޮޑުވުން ފާޅުކޮށް އިދިކޮޅުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ހާއްސަކޮށް މާލޭގައި ހަލުވިކަމާއެކު ފެތުރެމުން ދިޔަ ކޮވިޑް-19 މާލެއިން ވަރަށް ބޮޑުތަނުން މަދުވެފައިވީ ނަމަވެސް އެ ވައިރަހުގެ އަސަރު ރާއްޖޭގެ އެހެނިހެން ރަށްރަށުން ފެންނަމުން ދާއިރު އެކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ސަރުކާރުގެ ފަރާތުން އަޅާފައި ނުވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ.
އެގޮތުން ދެއްވަދޫއިން ކޮވިޑްގެ އަސަރު ފެނި، އެރަށުގައި އެ ވައިރަސް ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާއިރު އެރަށުގެ ރައްޔިތުން މިވަގުތު ތިބީ ވަރަށް ބޮޑު ބިރުވެރިކަމަކާއި ހާސްކަމެއްގެ ތެރޭގައިކަން ފާހަގަކޮށް ބުނެފައިވަނީ، އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނި މިދިޔަ ދުވަސްތަކުގެ ތެރޭގައި، މިހާތަނަށް އެ ކުޑަ އާބާދީގެ 62 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފަ ކަމަށެވެ.
އިދިކޮޅުގެ ބަޔާނުގައި އިތުރަށް ބުނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ސަރުކާރުން ބުނަމުން ގެންދާއިރު، ރާއްޖޭގެ ކުދި އާބާދީތަކުން ކޮވިޑް-19 ފެނި ކޮންޓްރޯލް ނުވެ ދިއުމަކީ ދިވެހި ރައްޔިތުންގެ ހިތުގައި އެބަލި ރާއްޖޭގައި އިތުރަށް ފެތުރިގެން ހިނގައިދާނެކަމުގެ ބިރުވެރިކަން ބޮޑުވެ ކަންބޮޑުވުން އިންތިހާއަށް އިތުރުވަމުންދާ މައްސަލައް ކަމަށެވެ. އެހެންކަމުން ކުދި އާބާދީތަކުގައި ވެސް ކޮވިޑްގެ އަސަރެއް ކިތަންމެ ކުޑަކޮށް ފެނުނު ނަމަވެސް، އެތަނެއްގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އެޅުން އަވަސް ކުރުމަށާއި އަދި އެތަން ތަނުގައިވެސް ކޮވިޑް އަށް ފަރުވާ ދެވޭނެ އިންތިޒާމުތައް އަވަހަށް ގާއިމުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.
ދެއްވަދޫން މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ކޮވިޑްގެ ފުރަތަމަ ކޭސް ފެނިގެންގޮސްފައިވާ އިރު އެރަށުން ބަލި ފެނުނު ގޮތް މިހާތަނަށް ދެނެގަނެވިފައެއް ނުވެ އެވެ. އެރަށުން އިއްޔެ އެކަނިވެސް ވަނީ 11 މީހުން ޕޮޒިޓިވްވެފައެވެ. ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ތައުފީގް ސީއެންއެމްއަށް ވިދާޅުވީ އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 55 އަށް އަރާފައިވާއިރު އޭގެ ތެރެއިން ދެ މީހުންނަކީ ފުރަބަންދު ކަރަންޓީނުގައި ތިބުމަށް ފަހު ނެގި ސާމްޕަލުން ޕޮޒިޓިވްވި މީހުން ކަމަށެވެ.