އެ ޕާޓީން ބުނީ އެ މާސްކުތައް ހަވާލުކޮށްފައިވަނީ މިވަގުތު ގއ. ދެއްވަދޫއިން ކޮވިޑްގެ އަސަރު ފެނި، އެރަށުގައި އެ ބަލި ހަލުވިކަމާއިއެކު ފެތުރެމުންދާތީ، ދެއްވަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ޕާޓީއާއި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ފަަަރާތުން ކަމަށެވެ.
ދެއްވަދޫގައި އަދި ރާއްޖޭގެ އެހެން ރަށްތަކުގައިވެސް ކޮވިޑް-19 ހަލުވިކަމާއިއެކު ފެތުރެމުންދާއިރު އެކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ސަރުކާރުގެ ފަރާތުން އަޅާފައި ނުވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށް ބުނެ އިދިކޮޅުން ބަޔާނެއްވެސް ނެރެފައި ވެއެވެ. އެގޮތުން ދެއްވަދޫއިން ކޮވިޑްގެ އަސަރު ފެނި، އެރަށުގައި އެ ވައިރަސް ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާއިރު އެރަށުގެ ރައްޔިތުން މިވަގުތު ތިބީ ވަރަށް ބޮޑު ބިރުވެރިކަމަކާއި ހާސްކަމެއްގެ ތެރޭގައިކަން ފާހަގަކޮށް ޕީޕީއެމްގެ ބަޔާނުގައި ވަނީ އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނި މިދިޔަ ދުވަސްތަކުގެ ތެރޭގައި، މިހާތަނަށް އެ ކުޑަ އާބާދީގެ 62 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައި ކަމަށެވެ.
އޭގެ އިތުރުންވެސް ރާއްޖޭގައި މީހުން ދިރިއުޅޭ ބައެއް އެހެން ރަށްރަށުންވެސް ކޮވިޑް-19ގެ ބަލިމަޑުކަން ފެންނަމުންދާކަން ފާހަގަކޮށް ޕީޕީއެމްއިން ވަނީ އެތަނެއްގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އެޅުން އަވަސް ކުރުމަށާއި އަދި އެތަން ތަނުގައިވެސް ކޮވިޑް އަށް ފަރުވާ ދެވޭނެ އިންތިޒާމުތައް އަވަހަށް ގާއިމުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.
ދެއްވަދޫއިން އިއްޔެެ އެކަނިވެސް ވަނީ 11 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ދެއްވަދޫން މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ކޮވިޑްގެ ފުރަތަމަ ކޭސް ފެނިގެންގޮސްފައިވާ އިރު އެރަށުން ބަލި ފެނުނު ގޮތް މިހާތަނަށް ދެނެގަނެވިފައެއް ނުވެ އެވެ.