ads
ހުރަވީ ދުވަސް
ދޮންބަންޑާރައިންގެ ޖިހާދުގެ ވާހަކަ އެނގޭތަ؟
ރާއްޖޭގެ ތާރީހަކީ މުއްސަނދި ތާރީހެކެވެ. ގައުމަށްޓަކާ ވަތަނަށްޓަކާ އެތައް ބަޔަކު ވަނީ ގުރުބާނީތަކެއް ވެފައެވެ. ނަމަވެސް އެ އަސަރު ގަދަ ވާހަކަތައް ހަނދާން ހުރީ ކިތައް މީހުން ހެއްޔެވެ؟ ދީނާއި ގައުމަށްޓަކާ އެވީ މަތިވެރި ގުރުބާނީ އިނގެނީ ކޮން ބަޔަކަށް ހެއްޔެވެ؟ ގުރުބާނީގެ ވާހަކަތަށް ދާއްކާއިރު މިއަދަކީ ފާހަގަކުރެވޭ ދުވަހެކެވެ. އެއީ ބަންޑާރައިން ގައުމަށްޓަކާ އެތައް އަހަރުތަކެއް ކުރިން ވީ ފޮނި ގުރުބާނީގެ ހަދާން އާކުރާ ދުވަސްވީމައެވެ.
Advertisement

ކޮންމެ އަހަރެއްގެ ޖުމާދަލްއާހިރާ މަހުގެ ތިންވަނަ ދުވަހަކީ ހުރަވީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރާ ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެވުނީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލްއާހިރާ މަހުގެ 3 (18 އޭޕްރީލް 1980) ވަނަ ދުވަހުއެވެ.

1166 ވަނަ އަހަރުގެ ޖުމާދަލްއާހިރާ މަހުގެ ތިނެއް ވީ އާދީއްތަ ވިލޭރެއަކީ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި ތާރީހީ ރެއެވެ. 

ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ، ދިވެހި ގައުމުގެ އެންމެހައި މުވާތިނުން ގައުމީ އަބްތާލުންގެ ޒިކުރާ އަމަލީ ގޮތުން ދިރުވުމުގެ ހިތްވަރު ލިބިގަތުމަށާއި، އެ އަބްތާލުން ގެނެސްދެއްވި މިނިވަންކަމާއި، ގައުމިއްޔަތު ދެމެހެއްޓުމުގެ އަޒުމާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި ދެމެހެއްޓުމުގެ ގޮތުންނެވެ.

ހޮޅިން ދިވެހިރާއްޖެ އަޅުވެތިކުރިތާ ތިން މަހާއި ވިހި ދުވަސް ވުމުން މުލީގޭ ހަސަން މަނިކުފާނާއި (ދޮންބަންޑާރައިން) އޭނާގެ ހަތަރު އެކުވެރީންނާއި އެމީހުންނަށް ތަބާވީ މީހުންގެ ތެރެއިން ހިތްވަރު ގަަދަ ދުއިސައްތައެއްހާ މީހުން ވާހަކަދައްކައި، އެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރުމަށް އެއްބަސްވިއެވެ.

މިގޮތުން 1166 ޖުމާދަލްއާހިރާ މަހުގެ ތިނެއް ވީ އާދީއްތަ ވިލޭރޭގެ މެންދަމުގެ ވަގުތެއްގައި، މުނާޖާގެ ވަގުތު ނުވަނީސް މުނާޖާ ގޮވާމީހާ ލައްވައި މުނާޖާ ގޮއްވައި، ވެޔޮދޮށު ގަނޑުވަރުގެ ދޮރާށި ހުޅުއްވައި ގަނޑުވަރަށް ވަދެވަޑައިގެން މަލާބާރީންނާ ހަނގުރާމަ ކުރައްވައި އެމީހުން ބަލިކުރެއްވިއެވެ.

އެއީ ހިޖުރައިން 981 ވަނަ އަހަރު ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ ކިބައިން ދިވެހިރާއްޖެ މިނިވަން ކުރެއްވިތާ 185 އަހަރު ފަހުންނެވެ.

މަލާބާރީންގެ (ހޮޅީންގެ) ލަޝްކަރެއް މި ރާއްޖެ އައިސް، 13 ޞަފަރު 1166 (20 ޑިސެންބަރު 1752) ގައި އޭރު ތަހުތުގައި އިންނެވި ރަދުން އައްސުލްތާނު މުކައްރަމް މުހައްމަދު އިމާދުއްދީން (ތިންވަނަ) ސިރީ ނަވަރަންނަ ކީރިތި މަހާރަދުން އަތުލައިގެން ކަންނަންނޫރަށް ގެންގޮސް، މާލޭގައި އެބައިމީހުންގެ ވެރިކަން ގާއިމު ކުރިއެވެ. 

މިކަން ހިނގުމަށް ދިމާވީ ގައުމަށް ހިޔާނަތްތެރިވި ދެ ދިވެހީން އަލްގާޒީ ހަސަން ތާޖުއްދީނުގެ ދެ ދަރިކަލުން ކަމުގައިވާ އެއިރު މާލޭގައި ހުންނެވި ފަނޑިޔާރު ކަލޭގެފާނު މުހައްމަދު ޝަމްސުއްދީނާއި، އޭނާގެ އެއްބަނޑުއެއްބަފާ، ހަތީބު އަހްމަދު މުހްޔިއްދީނު، ކަންނަންނޫރަށް ސިޓީއެއް ފޮނުއްވައި، އަލީރާޖާއަށް ދިވެހިރާއްޖޭގެ ވެރިކަން ހޯއްދަވައިދެއްވަން ވިދާޅުވެގެންނެވެ.

މާލެ ހިފުމަށް ނަވަކާއި، ބޭރުދަތުރުކުރާ ދެއޮޑިއަށް ހަނގުރާމައިގެ ތަކެއްޗާއި، މަލާބާރީންގެ މީހުން ލާފައި އަލީރާޖާ ފޮނުއްވީމައި އެމީހުން އައިސް ސަފަރުމަހުގެ 13 ވިލޭރޭ މެންދަމުން އަލިވެ ތިނެއް ޖެހިއިރު މާލޭގެ ކަނޑިންމާ ތަޅުނުލާ ހުއްޓާ ބަނދަރަށް ވަނީ އެވެ. މާލޭގެ އެންމެން އޭރު ތިބީ ނިދާފައެވެ. ރަސްކަމުގެ ކޮއިލުތެރެ ބަލަހައްޓާ މީހުންވެސް ތިބީ ނިދާފައެވެ.

އެވަގުތު މަލާބާރީންގެ މީހުން ކޮއިލު ތެރެއަށް ވަދެ އެ ތަނުގައި ތިބި މީހުން މަރާ ބަޑިޖަހާ ހެދުމުން ދުޝްމަނުންނާ ދުރަށް ވަޑައިގަތުމަށްޓަކައި ރަދުން އެމަނިކުފާނުގެ މާފަންނު ގަނޑުވަރަށް ވަޑައިގަތެވެ. ވަޒީރުންނާއި، ލަސްކަރީންގެ މީހުން ފޮނުއްވައިގެން މަލާބާރީން ގަނޑުވަރު ތެރޭން ނެރުއްވުމުން، ނާބަތުހާނާގައި އެމީހުން ރޯކޮށްލިއެވެ. 

އެ ހުޅުގަނޑުގައި އެތެރެ ކޮއިލުގައި ހުރި ހުރިހާ ގެތަކާއި، ދޮރާށިތަކާއި، އަދި ފުރަމާލޭގެ ދެބައިކުޅައެއްބައި ގެތައް އަނދައިގެން ދިޔުމުން ރަސްގެފާނު ސުލްހައަށް އެދިވަޑައިގަތެވެ. ނަމަވެސް މަލާބާރީން ދެންނެވީ ހުދު ރަދުން އެމީހުންގެ ގާތަށް ވަޑައިގަތުމުން ނޫނީ އަމާން ނުދޭނެ ކަމަށެވެ. އެމީހުންނާއި ބައްދަލު ކުރައްވަން ރަދުން ވަޑައިގަތުމުން، ރަދުންނާއި، ރަދުންގެ ވަލީއަހުދު މުހައްމަދު މަނިކުފާނު ހައްޔަރުކޮށްގެން ގެންގޮސް އެމީހުންގެ އޮޑިއަށް ލިއެވެ. 

އެ ހިސާބުން މަލާބާރީންގެ އަނިޔާވެރިކަން ރާއްޖޭގައި ފެށުނީއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި، އެމީހުންނަށް މާލެ ހިފުމުގައި އެހީވެދެއްވި ގާޒީ މުހައްމަދު ޝަމްސުއްދީނާއި، އަހްމަދު މުހުޔިއްދީން ހަތީބު މަނިކުފާނާއި މި ދެބޭފުޅުންނަށް ވަރަށް ބޮޑަށް އަނިޔާކޮށްފައި އެބޭފުޅުން ކަނޑުފައްތައި ގަތުލުކުރީ ކަމަށް ބުނެވެއެވެ. އެއީ އުފަން ގައުމަށް ގައްދާރުވި ބަޔަކު އެމީހުންނަށް ވަފާތެރިނުވާނެ ކަމަށް ހޮޅިން ބުނުމަށް ފަހުގައި ކަމަށް ވެއެވެ.

އަދި މީގެ ފަހުން 1166ހ. (1753މ،)، 1167ހ. (1753މ.)، 1168ހ. (1755މ.) އަދި 1174ހ. (1761މ.) ގައި ވެސް ކަންނަންނޫރުގެ އަލީރާޖާ ހަނގުރާމަވެރި އުޅަނދުތައް ފޮނުއްވައިފައިވެއެވެ. މިފަދަ ކޮންމެ ފަހަރަކުވެސް ދޮންބަންޑާރައިން ވަނީ ލަޝްކަރުތަކާއި ހަނގުރާމަކުރައްވައި ދުޝްމިނުން ބަލިކުރައްވައިފައެވެ.

ހުރަވީ ދުވަސް ނިސްބަތްވާ ބަތަލަކީ އައްސުލްތާނުލްގާޒީ ހަސަން އިއްޒުއްދީން (1 ވަނަ) އަށެވެ. އެބަތަލު ގެނެސްދެއްވި މިނިވަންކަމާއި ގައުމިއްޔަތު ދެމެހެއްޓުމުގެ ބާރާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި ދެމެހެއްޓުމުގެ ގޮތުން މިދުވަހަށް ހުރަވީ ދުވަސް ކިޔުއްވާފައިވަނީި އެމަނިކުފާނަކީ މާލެއަތޮޅު ހުރަޔަށް ނިސްބަތްވާ ބޭފުޅަކަށްވާތީއެވެ. 

އައްސުލްތާނުލްގާޒީ ހަސަން އިއްޒުއްދީންގެ ކޮލީ ނަންފުޅަކީ ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ. އެމަނިކުފަނުގެ ބައްޕާފުޅަކީ އަލްވަޒީރު މުހައްމަދު ފާމުލަދޭރި މަނިކުފާނެވެ. މަންމާފުޅަކީ މުލަކަތޮޅު މުލީ ހަތީބު މުހައްމަދުގެ ކުޑަ އާމިނާފާނެވެ. 

އައްސުލްތާނުލްގާޒީ ހަސަން އިއްޒުއްދީން ރަސްކަންކުރެއްވީ 7 އަހަރު ދުވަހު އެވެ. އެއީ ހިޖުރައިން 1173 ވަނައަހަރުން 1180 ވަނަ އަހަރާއި ހަމައަށެވެ. މީލާދީ ގޮތުން އެއީ 1759 ން 1767 އަށެވެ. އެމަނިކުފާނަށް ޖުމްލަ 5 ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ 3 ފިރިހެން ބޭފުޅުންނާއި، 2 އަންހެން ބޭފުޅުންނެވެ.

އައްސުލްތާނުލްގާޒީ ހަސަން އިއްޒުއްދީން އަވަހާރަވީ 2 ރަމަލާން 1180 (1 ފެބްރުވަރީ 1767) ގައެވެ.

ދޮންބަންޑާރައިންގެ އެ މަތިވެރި ޖިހާދުގެ ހަދާން އާކޮށް ކުރިއައްއޮށް ޖީލިތަކަށް އެ ވާހަކަ ފޯރު ކޮއްދިނުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

73%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް