ads
ވީޑިއޯ ރިޕޯޓް:-
ކޮވިޑް ވެކްސިނަށް ހަރަދު ކުރަންވީ މަހުޖަނުންގެ ޖީބުން!
ކޮވިޑް-19 އާ ދެކޮޅަށް ކާމިޔާބު ވެކްސިނެއް އުފެއްދިއްޖެ ނަމަ އެ ވެކްސިނެއް ރާއްޖޭގެ ރައްޔިތުންނާއި ހަމައަށް ގެނެސްދޭނެ ކަމަށް ސަރުކާރުން އައީ ތަކުރާރުކޮށް ބުނަމުންނެވެ. ކޮވިޑް-19 އާ ދެކޮޅަށް ދުނިޔޭގެ އެކި ގައުމުތަކުން ވެކްސިން އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހު މިއަދު ކާމިޔާބު ވެކްސިންތަކެއް ވެސް މިވަނީ ހޯދާފަ އެވެ. އެކި ގައުމުތަކުން ރައްޔިތުންނަށް ވެކްސިން ޖަހަން ފަށާފައިވާއިރު ރާއްޖެއާ ހިސާބަށް ވެސް ވެކްސިން އަންނަން ދެން މާގިނަ ދުވަހެއް ނެތެވެ.
Advertisement

ރާއްޖެއިން އަތްފުނާ އަޅައިގެން އެންމެ ރަނގަޅު ވެކްސިނެއްގެ ގޮތުގައި ދެކުނީ ސިންގަޕޫރުގެ އެސްޓްރަޒެނެކާ އާއި އިނގިރޭސިވިލާތުގެ އޮކްސްފޯޑުން ގުޅިގެން ތައްޔާރުކުރި ވެކްސިނެވެ. މި ވެކްސިނަށް ބަލާއިރު މިއީ ހެދުނު ދިރާސާތަކުން ވެސް ކޮވިޑާ ދެކޮޅަށް ރަނގަޅަށް މަސައްކަތްކުރާ ވެކްސިނެއް ކަމަށް ދައްކާފައިވެ އެވެ. 

މިމަހުގެ 26 ވަނަ ދުވަހު، މި ވެކްސިންގެ ފުރަތަމަ ބެޗް ރާއްޖެއަށް ގެނެވޭނެ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މައުލޫމާތުދެ އެވެ. ގާތްގަނޑަކަށް އަހަރު ދުވަހުގެ އިންތިޒާރެއްގެ ނިމުން އަންނާނީ އަދި ހަފްތާއެއްހާ ދުވަސް ފަހުންނެވެ. ހަތަރު ލައްކައެއްހާ މީހުންގެ ކުޑަކުޑަ އާބާދީއެއް އޮންނަ މި ކުޑަކުޑަ ރާއްޖެއަށް ވެކްސިން ގެނައުމަށް ސަރުކާރުން ބޭރުގެ އެކި ދޮރުތަކުގައި ދަނީ ޓަކި ޖަހަމުންނެވެ. ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖޭގެ އާބާދީގެ ވިހި އިންސައްތައަށް ވެކްސިން ލިބޭނެ ކަމުގެ އުފާވެރި ހަބަރު ހިއްސާކުރިއިރު އިތުރު ގޮތްގޮތަށް ބާކީ 80 އިންސައްތައަށް ވެސް ވެކްސިން ލިބޭނެ ކަމަށް އެޗްއީއޯސީން މައުލޫމާތުދެ އެވެ. ތަފާތު އެކި އެހީތަކުގައި މި ވެކްސިން ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު ވެކްސިން ގެނައުމަށް ހިނގާނެ ސީދާ ހަރަދު މިއަދާ ހަމައަށް ވެސް ސާފުވެފައެއް ނުވެ އެވެ. 

މުޅި ދުނިޔެ އިންތިޒާރުކުރަމުން އައި މި ވެކްސިން ހޯދުމަށް ގައުމުތައް ކިއުގައި ތިބިއިރު ކާމިޔާބު ވެކްސިނެއް ވެސް ފަސޭހަ ގޮތަކަށް ލިބުމަކީ ނާދިރު ކަމެކެވެ. ގައުމުތަކުގެ ޑިމާންޑް ބޮޑުވެފައި ވާތީ ރާއްޖެއަށް ވެސް މި ވެކްސިން ލިބޭނީ އެކި ބެޗު ބެޗުންނެވެ. 

އެހެން ނަމަވެސް ދިވެހި ސަރުކާރުން އެކި ގައުމުތަކުގައި އެހީތެރިކަމަށް އެދި އަތް ދިއްކުރަމުން އަންނައިރު މި ރާއްޖޭގައި ވެސް މިކަމަށް އެހީތެރިވާން ޖެހޭ ބަޔަކު އެބަ ތިއްބެވެ. އެއީ ރާއްޖޭގެ ރީތިކަން ވިއްކައިގެން އަމިއްލަ ޖީބަށް ބަރުކުރަމުން މި އަންނަ ރިސޯޓުތަކުގެ ވެރިންނެވެ. 

ރާއްޖޭގައި ފަތުރުވެރިކަމަށް 47 އަހަރު ފުރުނުއިރު، ރިސޯޓުތަކުގެ "ވެރިން" ކަމުގައި ވިދާޅުވެ، ޑޮލަރުން ޖީބާ، ތިޖޫރިތަކާ ކަޅު ދަބަސްތައް ފުރި ބޭފުޅުންނަށް މިއަދު ދިވެހި ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުން ލާޒިމު ނުވާނީ ކިހިނެއްތޯއެވެ؟ 

ދިވެހިރާއްޖޭގެ އިގްތިސާދުގެ މައި ނާރަކީ ފަތުރުވެރިކަމޭ ބުނާއިރު، މި ފަތުރުވެރިކަން ކުރަން ދިވެހިންގެ ރަށްތައް "މިލްކު" ކޮށްގެން ތިއްބެވި ބޭފުޅުންނަށް ލައްކަ ބައިވަރު ޑޮލަރު ލިބިފައި ހުންނާނެއެވެ. ބިލިއަން ޑޮލަރުން ރާއްޖޭގެ ބައެއް ރިސޯޓު އޯނަރުންގެ މާލިއްޔަތު މުއްސަނދި ވެފައިވަނީ، ގައިމު ލައްކަ ބައިވަރު ލިބިގެންނެވެ. އޭޝިއާ ބައްރާއި، މުޅި ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދިންގެ ލިސްޓުގައި ވެސް ދިވެހިރާއްޖޭގެ "ރަން ބިސް" އަޅާ ކުކުޅުތައް ވެރިކޮށްގެން ތިބި ރިސޯޓު އޯނަރުން ހިމެނެއެވެ. 

ކޮވިޑް-19 ގެ ދަތި ހާލަތަށް ބަލާލަމާ ހިނގާށެވެ. އެންމެ ފުރަތަމަ ކޮވިޑްގެ ކޭސް ވެސް ފެނިގެންދިޔައީ ރިސޯޓަކުންނެވެ. އެއާއެކު މާޗު މަހުގެ ތެރޭގައި ރިސޯޓުތައް ބަންދުކުރަން ޖެހުނުއިރު ރާއްޖޭގެ އިގްތިސޯދު އިނދަ ޖެހިގެންދިޔަ އެވެ. އެންމެ ދާއިރާއެއް ކުރިއަރުވައި މަންފާ ހޯދުމަށް ކުރި މަސައްކަތުގެ ހިތި އަރުގައި ލިއެވެ. 

އެންމެ ފަހުން ކޮވިޑް-19 ގެ ކަންކަން ހަމައަކަށް ނޭޅެނީސް ވެސް ރިސޯޓުތައް ހުޅުވައި ހިދުމަތް ދެމުން އަންނައިރު އެތަންތަނުގެ ވެރިން ދުވަހެއް ދުވަހަށް މިވަނީ މުއްސަންޖެވެ. ކޮވިޑާއެކު ރައްޔިތުން ބިކަވެ މަގުމަތިވެގެން ދިޔަ ދަނޑިވަޅަކީ ވެސް ރިސޯޓުތަކުގެ ވެރިންނަށް މާބޮޑު ދައްޗެއް ކުރިމަތިވި ވަގުތަކަށް ނުވިއެވެ. 

އެ ދަނޑިވަޅުގައި ވެސް ރިސޯޓު ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ފަސްކުރެވި އެތައް ލުޔެއް މިބުނާ މީހުންނަށް ލިބިގެންދިޔަ އެވެ. 

އަނެއްކޮޅުން ކޮވިޑްގެ ކަންކަން ލައްވާލުމުގެ ކުރިން ވެސް ރިސޯޓުތައް މަހުޖަނުންނަށް ކުއްޔަށް ދީގެންވީ ފައިދާއެއް ނުފެނުނެވެ. ރިސޯޓުތައް ކައިރީ އޮންނަ މަދު ރަށެއް ނޫނީ ތަރައްގީއެއް ވެސް ނުވެ އެވެ. މިހެންކަމުން، އެތައް ބައެއްގެ ނުރުހުން މި މީހުންނާއި ގުޅިގެން އަބަދުވެސް ހުރެ އެވެ. 

ރިސޯޓުތައް ވިއްކައިގެން އޭގެން ރައްޔިތުންގެ ޖީބަށް ފައިސާއެއް ނުވަންނަތާ މިފަދަ ދަތި ދަނޑިވަޅެއްގައި ވެސް އެމީހުން އަމިއްލަައަށް އިސްނަގައިގެން އެހީގެ އަތެއް ދިއްކޮށްލަން ނުނިކުތުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

އަހަރެންގެ ނަޒަރުގައި ރާއްޖެގައި 100 އަށް ވުރެ ގިނަ ރިސޯޓު ހިންގަމުން އަންނައިރު މި ތަންތަނުން ރާއްޖެއަށް ވެކްސިން ހޯދުމަށް އެހީތެރިވާން ޖެހެ އެވެ. 

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް